ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަން މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު،ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާއެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ޓާސްކްފޯސް މުވައްޒަފު ރެޖިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ، ޢާއިޝަތު އަޙްމަދު ޝަކޫރު ވަކިކުރުމާ ގުޅޭ.
ރަޖިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ (ޓާސްކްފޯސް) ދާއިމީ ވަޒީފާއެއް ހަމަޖެހުމާއި ގުޅިގެން، ވަޒީފާއިން ވަކިކޮށް ދިނުމަށްއެދި، ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު މި ކޮމިޝަނަށް ހުށަހަޅާފައިވާތީ، އުޞޫލާ އެއްގޮތަށް، އިޖުރާޢާތުތައް ފުރިހަމަ ކުރުމަށްފަހު 2024 އެޕްރީލް 24 ވަނަ ދުވަހުން ފެށިގެން މި މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ ޢާއިޝަތު ސުމައިނާގެ މުސާރަ ނުލިބޭ ޗުއްޓީއާ ގުޅޭ.
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ ޢާއިޝަތު ސުމައިނާގެ ބަލިހާލަތު ހުރިގޮތުން ރާއްޖެއިން ބޭރުގައި ޓްރީޓްމަންޓަށް މަޑުކުރަން ހަމަޖެހިފައިވާތީ، 2024 އެޕްރީލް 25 ވަނަ ދުވަހުން ފެށިގެން މޭ 30 ވަނަ ދުވަހުގެ ނިޔަލަށް ޗުއްޓީއެއް ލިބޭގޮތް ހަމަޖައްސަވައި ދެއްވުންއެދި ކޮމިޝަނަށް ސިޓީއެއް ހުށަހަޅުއްވާފައިވާތީއާއި، މި މުވައްޒަފަށް ޙައްޤުވާ އަހަރީ ޗުއްޓީއެއް ސަލާމެއް ޢާއިލީ ޒިންމާގެ ޗުއްޓީއެއް ނެތަތީވެ، އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ ޖަދުވަލު 6 ގެ 13 ވަނަ މާއްދާގެ ދަށުން، މި މުވައްޒަފު އެދިވަޑައިގެންފައިވާ މުއްދަތަށް މުސާރަ ނުލިބޭ ޗުއްޓީއެއް ދިނުމަށް ހިއުމަން ރިސޯސް ޕެނަލުން ނިންމަވާފައިވާތީ، އެގޮތުގެމަތިން، ޑިރެކްޓަރ ޢާއިޝަތު ސުމައިނާ އެދިވަޑައިގެންފައިވާ ފަދައިން، 2024 އެޕްރީލް 25 ވަނަ ދުވަހުން ފެށިގެން 2024 މޭ 30 ވަނަ ދުވަހުގެ ނިޔަލަށް މުސާރަ ނުލިބޭ ޗުއްޓީއެއް ދިނުމަށް، ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
3. ރިޔާާސީ އިންތިޚާބު 2023 ގެ ފުރަތަމަ އަދި ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީވުމަށް ހުށަހަޅާފައިވާ ފޯމުތައް ނައްތާލުމާ ގުޅޭ.
ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރު އަދި ދެވަނަ ބުރުގައި ފިޒިކަލް ސިސްޓަމް ބޭނުންކުރިއިރު، ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ބޭނުމެއް ނެތަތީވެ، އެ ފޯމުތައް ގުދަން ކުރުމުގެ ބަދަލުގައި، ނައްތާލުމަށް، ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ މާލީ ބަޔާނާ ގުޅޭ.
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ މާލީ ބަޔާނަކީ، އެ ޕާޓީގެ މާލި މުޢާމަލާތްތައް ތެދުވެރިކަމާއި ޙަޤީޤަތާއި އެއްގޮތަށް ދައްކުވައިދޭ، އަދި "އިންޓަރނޭޝަނަލް ފައިނޭސްޝިއަލް ރިޕޯޓިންގ ސްޓޭންޑަރޑްސް" އާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މާލީ ބަޔާނެއްކަމަށް އެ ޕާޓީގެ މާލީބަޔާން އޮޑިޓް ކޮށްފައިވާ ފަރާތުން ބަޔާންކޮށްފައިވާތީއާއި، މާލިއްޔަތުގެ ޤަނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް މުޢާމަލާތެއް ހިންގާފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި ނުވާކަން އިންޓަރނަލް އޮޑިޓަރ ފާހަގަ ކުރައްވާފައިވާތީ، އިންޓަރނަލް އޮޑިޓަރުގެ ރައުޔަށް ރިޢާޔަތްކޮށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އިން ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓަކީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހުށަހަޅާފައިވާ ރިޕޯޓެއް ކަން، ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.
5. ޖެންޑަރ އިކުއިލިޓީގެ ޤާނޫނުގެ 42 ވަނަ މާއްދާގައި ލާޒިމުކުރާ ކަންކަން ތަންފީޛު ކުރުމަށް ބާއރުއެލުމުގެގޮތުން 5 ސިޔާސަތެއްގެ މައްޗަށް ޙާޞިލު ކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނަންބަރު:459-GR/38/2024/7 ސިޓީއާގުޅޭ.
ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) އަކީ ޤާނޫނު ނަންބަރު 18/2016 ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގެ 42 ވަނަ މާއްދާގައި ލާޒިމުކުރާ ކަންކަން ތަންފީޛު ކުރުމަށް ބާރުއެޅުމުގެގޮތުން 5 ސިޔާސަތެއްގެ މައްޗަށް އެކުލަވާލާފައިވާ އޮނިގަނޑެއް ކަމުން، މި ޕްލޭންގައި މިއިން ކޮންމެ ސިޔާސަތެއްގެ ތެރެއިން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި، އެ މަސައްކަތްތަކުގެ މަސްއޫލު މުއައްސަސާތައްވަނީ ކަނޑައެޅި، މީގެ ތެރެއިން ޖީ.އީ.އޭ.ޕީ ޕޮލިސީ ގޯލް 1: "ލީޑަރޝިޕް އެންޑް ގަވަރނަންސް" ގެ މައިގަނޑު މަޤްޞަދަކީ ކަންކަން ނިންމާ ފެންވަރުގައި އަދި ގަވަރނަންސްގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ބައިވެރިވުން ކަށަވަރު ކުރުން ކަމާއި، މިގޮތުން އޮސްޓްރޭލިއާ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ މާލީ އެހީތެރިކަމާއެކު، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާ އަދި ޔޫ.އެން.ޑީ.ޕީ ގުޅިގެން މި ސިޔާސަތުގެ ދަށުން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ހިމެނިފައިވާ މަސައްކަތްތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރެވޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އިންޓަރނޭޝަނަލް ކޮންސަލްޓަންޓެއް މެދުވެރިކޮށް ކުރެވެމުންދާތީ، މި މަސައްކަތުގެ ތެރެއިން ޕޮލިސީ ގޯލް 1 ގެ މައި ތަންފީޒީ މުއައްސަސާތަކުގެ އިސްވެރިން ހިމެނޭގޮތަށް މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ރޭވިފައިވާތީ، މި ބައްދަލުވުމުގައި ޕޮލިސީ ގޯލް 1 ގެ މަސައްކަތް ރޯލް-އައުޓް ކުރުމުގެ ޕްލޭން އަދި ކަނޑައެޅިފައިވާ ލޮބީންގް ސްޓްރެޓެޖީއެއް ބައިވެރިންނަށް ހުށަހެޅިގެންދާނެތީ، މި ކޮމިޝަނުގެ ފަރާތުން ފޯކަލް ޕޮއިންޓެއްގެ ގޮތުގައި، ޑިރެކްޓަރ، (އެކްޓިންގ ސެކްރެޓަރީ ޖެނެރަލް) ޢަބްދުﷲ އުނައިސްގެ ނަން ހުށަހެޅުމަށް، ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
6. 2024 އެޕްރީލް 21 ވީ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ނަތީޖާ ކޮމިޝަނުން އެންޑޯސް ކުރުމާގުޅޭ.
2024 އެޕްރީލް 21 ވީ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދާއިމީ ނަތީޖާގައި މެންބަރުން ސޮއި ކުރެއްވުމުން އެންޑޯސް ކުރެވުނީކަމަށް، ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
7. 2024 އެޕްރީލް 21 ވީ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ޑީ-ބްރީފިންގ ސެޝަނެއް ބޭއްވުމާގުޅޭ.
2024 އެޕްރީލް 21 ވީ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެކްޕީރިއަންސް ޝެއަރ ކޮށްލުމަށްޓަކައި ސީނިއަރ މެނޭޖްމަންޓް ލެވެލްގައި ޑީ-ބްރީފިންގ ސެޝަނެއް ކޮމިޝަނުގެ މެންބަރުން ހިމެނޭހެން އަންނަ ހަފްތާގައި ބޭއްވުމަށްޓަކައި އެކްޓިންގ ސެކްރެޓަރީ ޖެނެރަލް މި ބައްދަލުވުން އިންތިޒާމް ކުރެއްވުމަށްފަހު ކޮމިޝަނުގެ މެންބަރުންނަށާއި، ސީނިއަރ މެނޭޖްމަންޓަށް އެންގެވުމަށް، ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.