ޖަލްސާތައް

ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޢަލީ ނަޝާޠު އެވެ. 

ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ހުންނެވީ ޗުއްޓީގައެވެ. 

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. އިންޓަރނަލް އޮޑިޓް ސެކްޝަނުގެ 2024 ވަނަ އަހަރުގެ އަހަރީ އޮޑިޓް ޕްލޭނާ ގުޅޭ.

އިންޓަރނަލް އޮޑިޓް ސެކްޝަނުގެ 2024 ވަނަ އަހަރުގެ އަހަރީ އޮޑިޓް ޕްލޭން އިތުރަށް އިޞްލާޙު ކުރެއްވުމާއި، މިގޮތުން 2024 ވަނަ އަހަރު ބާކީ މިއޮތް 10 މަސްދުވަހު ސެކްޝަނުން ކުރުމަށް ރާވާ ކަންކަމާއި، މިކަންކަން ކުރާނޭ ކުއާރޓަރުތަކާއި، ތާރީޚުތަކާއި މުއްދަތުތައް އެނގޭނެހެން ޕްލޭން އިޞްލާޙު ކުރައްވައި ކޮމިޝަނުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

2. ލޯކަލް ކައުންސިލްތަކަށް ދޭ ފައިސާގެ އެހީ ކަނޑައެޅުމާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާ ގުޅުންހުރި އިންތިޒާމުތައް ރަށު/އަތޮޅު/ސިޓީތަކުގެ ތެރޭގައި ހަމަޖެއްސުމަށްޓަކައި ލޯކަލް ކައުންސިލްތަކުން ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ މިކޮމިޝަނުގެ ބަޖެޓުން ދޫކުރާނެގޮތް ކަނޑައަޅައި ތައްޔާރުކޮށް ފައިނޭންސް ސެކްޝަނުން ހުށަހަޅުއްވާފައިވާ، ލޯކަލް ކައުންސިލްތަކަށް މާލީ އެހީ ދޭނެގޮތް ކަނޑައެޅުމުގެ ގައިޑްލައިނާއި ކައުންސިލްތަކަށް ކަނޑައެޅިފައިވާ އެހީގެ މިންވަރުގެ ގޮތުގައި ބަޔާންކޮށްފައިވާ ޢަދަދުތަކުގެ ތެރެއިން، ކޮންމެ ރަށަކަށް ދިނުމަށް ކަނޑައަޅާފައިވާ ޢަދަދުން 50% އިން ސައްތަ އުނިކުރެއްވުމަށްފަހު، ސެކްރެޓަރީ ޖެނެރަލްގެ ލަފާފުޅުގެމަތިން މި ބަދަލުތައް ގެންނެވުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް މާލީ އެހީ ދޭނެގޮތް ކަނޑައަޅާފައިވާނީ ދެ ބުރު ބާއްވަންޖެހޭނެކަމަށް ބަލައިގެންކަމަށްވާތީ، މި އިންތިޚާބުގައިވެސް އެއްވެސް ދާއިރާއެއް އެއްވަރުވެ އިތުރުބުރަކަށް ދާންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެއްވަރުވާ ތަންނަށް މާލީ އެހީދިނުމަށާއި، މިކަންކަންވެސް ސެކްރެޓަރީ ޖެނެރަލްގެ ލަފާފުޅުގެމަތިން ކުރިއަށް ގެންދެވުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

3. އެސިސްޓެންޓް ޑިރެކްޓަރ ވިޝާހް ސަޢީދުގެ މުސާރަނުލިބޭ ޗުއްޓީއާ ގުޅޭ.

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ މަޤާމުގައި ހުރި ވިޝާހު ސަޢީދުގެ ދަރިފުޅުގެ ޞިއްޙީ ޙާލަތު ހުރިގޮތުން މިވަގުތު ބޭސްފަރުވާ ކުރަމުންދަނީ އިންޑިއާގައި ކަމަށްވާތީ، ދަރިފުޅުގެ ފަރުވާއަށް ގިނަ ދުވަސްތަކެއްގައި އިންޑިއާގައި މަޑު ކުރަންޖެހޭނެކަމަށް ލަފާ ކުރެވޭތީއާއި، ވިޝާހް ސަޢީދަށް ޙައްޤުވާ ސަލާމް އަދި އާއިލީ ޒިންމާގެ ޗުއްޓީ މިހާރު ހަމަވެފައިވާތީ، 2024 މާރިޗު 3 އިން ފެށިގެން 90 ދުވަހުގެ ޗުއްޓީއެއް ލިބޭނެގޮތް ހަމަޖައްސަވައި ދިނުމަށް މި މުވައްޒަފު އެދިވަޑައިގަންނަވާފައިވާތީ، އިލެކްޝަންސް ކޮމިޝަނުގެ ގަވައިދުގެ ޖަދުވަލު 6 ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން 90 ދުވަހުގެ މުސާރަ ނުލިބޭ ޗުއްޓީއެއް މިފަދަ ޙާލަތްތަކުގައި ދެވިދާނެތީ، އެގޮތުގެމަތީން މުސާރަ ނުލިބޭ ޗުއްޓީއެއް ދިނުމަށް އެޗް.އާރު ޕެނަލުން ނިންމަވާފައިވާތީ، ކޮމިޝަނުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެސިސްޓެންޓް ޑިރެކްޓަރ ވިޝާހު ސަޢީދު އެދިވަޑައިގަންނަވާފައިވާ 90 ދުވަހުގެ މުސާރަ ނުލިބޭ ޗުއްޓީ، 2024 މާރިޗު 3 އިން ފެށިގެން ހަމަޖައްސައިދިނުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

4. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ، ޢާއިޝަތު ސުމައިނާގެ ޕްރޮބޭޝަން ރިޕޯޓާ ގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ، ޢާއިޝަތު ސުމައިނާގެ ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ބައްލަވައި ސުޕަވައިޒަރ (ސެކްރެޓަރީ ޖެނެރަލް) މި މުވައްޒަފު ދާއިމީ ކުރުމަށް ފެނިވަޑައިގަންނަވާކަމަށް ބަޔާން ކުރައްވާފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ދެންނެވިފައިވާ މުވައްޒަފު ދާއިމީ ކުރުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

5. އިންތިޚާބުތަކަށް ގްރައުންޑް މެނޭޖަރުންނާއި ގްރައުންޑް މެނޭޖަރުންގެ އެހީތެރިކަން އަދި ޑިސްޓްރިބިއުޝަން ސެންޓަރުގެ އޮފިޝަލުން ހަމަޖެއްސުމާއި، ދެވޭ އުޖޫރައާއި ޢިނާޔަތްތަކާއި، އެފަރާތްތައް އައްޔަން ކުރުމުގެ އުސޫލާ ގުޅޭ.

އިންތިޚާބުތަކަށް ގްރައުންޑް މެނޭޖަރުންނާއި ޑިސްޓްރިބިއުޝަން ސެންޓަރުގެ އޮފިޝަލުން ހަމަޖެއްސުމާއި، ދެވޭ އުޖޫރައާޢި ޢިނާޔަތްތަކާއި، އެފަރާތްތައް އައްޔަނު ކުރުމުގެ އުޞޫލް، ތިރީގައި ދަންނަވާފައިވާ ގޮތަށް އިޞްލާޙުކުރުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

އިޞްލާޙުތައް

1. ގްރައުންޑް މެނޭޖަރާއި ގްރައުންޑް މެނޭޖަރުގެ އެހީތެރިއާގެ ރޯލުގެ މާބޮޑު ތަފާތެއް ނެތުމާއި ދެ މީހުންގެވެސް ޒިންމާއާއި މަސައްކަތަކީ އެއްވަރަކަށް ކުރާ މަސައްކަތްތަކެއް ކަމުން، އެ ދެ މަޤާމަކީވެސް ގްރައުންޑް މެނޭޖަރުން ކަމަށާއި،  މިގޮތުން، މަސްއޫލިއްޔަތު ޙަވާލުކުރުމުގައި އޭގެ ތެރެއިން ކޮންމެވެސް އެކަކު އިސް މީހެއްގެ ގޮތުގައި ކަނޑައަޅައި ކޮމިޝަނުން ޙަވާލުކުރަންޖެހޭ ތަކެތި ކޮންމެވެސް އެއް ފަރާތަކާ ޙަވާލުކުރުން. 

2. އިންތިޚާބުތަކަށް ގްރައުންޑް މެނޭޖަރުންނާއި ޑިސްޓްރިބިއުޝަން ސެންޓަރުގެ އޮފިޝަލުން ހަމަޖެއްސުމާއި، ދެވޭ އުޖޫރައާޢި ޢިނާޔަތްތަކާއި، އެފަރާތްތައް އައްޔަނު ކުރުމުގެ އުޞޫލް ގެ "ގްރައުންޑް މެނޭޖަރުންނާއި، ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ އޮފިޝަލުންގެ އުޖޫރަ" ތިރީގައި މިދަންނަވާ ގޮތުގެމަތީން އިޞްލާޙުކުރުން.

2.1.އިންތިޚާބުތަކަށް ގްރައުންޑް މެނޭޖަރުންނާއި ޑިސްޓްރިބިއުޝަން ސެންޓަރުގެ އޮފިޝަލުންގެ މަސައްކަތްތަކަށް ނަގާ މަޤާމުތަކުގެ އުޖޫރަ ދެވޭނީ، ކޮމިޝަނުން ކަނޑައަޅާގޮތެއްގެ މަތިންނެވެ. 

2.2.އިންތިޚާބު ބޭއްވެނީ ރަމަޟާން މަހުގައިނަމަ، ކޮމިޝަނުން ކަނޑައަޅާ އުޖޫރައެއް ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދެވޭނެއެވެ. (މިގޮތުން މި ފަރާތްތަކަށް އެލަވަންސް ދިނުމުގައި ރޯދަމަހު އެލަވަންސްގެ ގޮތުގައި ކޮމިޝަނުން ކަނޑައަޅުއްވާފައިވާ އެލަވަންސް ހަމަޖައްސާފައިވާ އުޞޫލުތަކާއި އެއްގޮތަށް ދިނުމަށާއި، މަސައްކަތުގެ އުޖޫރަވެސް މިހާރު ކަނޑައަޅުއްވާފައިވާ ޢަދަދަށް ދިނުމަށާއި، ރޯދަމަހު މަސައްކަތްކުރާތީ ދޭ އެލަވަންސާއެކު، ޖުމުލަ އުޖޫރައަކީ -/2,000ރ. (ދެހާސް ރުފިޔާ) އެވެ.)

2.3.ޓްރެއިނިންގ އެލަވަންސް ދެވޭނީ، ކަނޑައެޅޭ މަޤާމަކާގުޅޭ ޓްރެއިނިންގ ފުރިހަމަކޮށް، އެ މަޤާމަކާގުޅޭ މަސައްކަތް ފުރިހަމަ ކުރުމުންނެވެ.

ވީމާ، މި އިޞްލާޙު، "އިންތިޚާބުތަކަށް ގްރައުންޑް މެނޭޖަރންނާއި ޑިސްޓްރިބިއުޝަން ސެންޓަރުގެ އޮފިޝަލުން ހަމަޖެއްސުމާއި، ދެވޭ އުޖޫރައާއި ޢިނާޔަތްތަކާއި، އެފަރާތްތައް އައްޔަނު ކުރުމުގެ އުޞޫލު" ގެ 4 ވަނަ އިސްދާރު ގެ ގޮތުގައި ފާސްކުރެއްވުމަށް ނިންމަވައި، މެންބަރުން ސޮއި ކުރެއްވުމުން އުޞޫލު ފާސްވީކަމުގައި ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ދަންނަވަމެވެ. މި ނިންމެވުމާއެކު އިންތިޚާބުގެ ބަޖެޓަށް އަންނަ އިމްޕެކްޓް ރިވިއުކުރުމަށްފަހު، ކޮމިޝަނަށް ހުށަހެޅުމަށްވެސް ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

6. އަތޮޅުތެރޭގެ ވޯޓުފޮށިތަކަށް އެހެން ރަށްރަށުން އޮފިޝަލުން ހަމަޖެއްސުމާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ރަށު/އަތޮޅު/ސޓީތަކުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އޮފިޝަލުންގެ ތެރެއިން، ވޯޓުފޮށި ބަހައްޓާ ރަށްރަށުން ކޮމިޝަނުން ފާސްކޮށްދެއްވާފައިވާ ޢަދަދަށް އޮފިޝަލުން ނުލިބޭ ޙާލަތްތަކުގައި އެ ރަށްރަށާއި ކައިރި ރަށްރަށުން، އެފަދަ ރަށްރަށުގެ ވޯޓުފޮށިތަކަށް އޮފިޝަލުން ހަމަޖެއްސުމަށާއި، ކުދި ރަށްރަށުގައި ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ސީދާ ޢަދަދަށް އޮފިޝަލުން ނުލިބޭ ޙާލަތްތަކުގައި، ވޯޓުލުމާއި ގުނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ އެންމެ މަދު ޢަދަދަކަށް އޮފިޝަލުން ހަމަޖައްސައިގެން ކުރިއަށްގެން ދިއުމަށާއި، މިކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެމަތީން ސެކްރެޓަރީ ޖެނެރަލްގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާގުޅިގެން، ގއ.ވިލިނގިއްޔަށް ވޯޓުފޮށިތަކުގެ ވެރިޔާއާއި އެހީތެރީން މާލެއިން ފޮނުވުމަށާއި، މި ފަރާތްތައްވެސް ހިމެނޭހެން އަދި ކޮމިޝަނުން ފާސްކޮށްދެއްވާފައިވާ ޢަދަދަށް އޮފިޝަލުން ނުލިބޭ ޙާލަތްތަކުގައި އެ ރަށްރަށާއި ކައިރި ރަށްރަށުން، އެފަދަ ރަށްރަށަށް އޮފިޝަލުން ފޮނުވާއިރު، އުޞޫލާ އެއްގޮތަށް ހުރުމާއި، ކެއުން އަދި  ރަށުން ބޭރު އެލަވަންސްގެ ގޮތުގައި /500ރ. (ފަސްސަތޭކަ ރުފިޔާ) ދިނުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

7. ޓާސްކް ފޯސް މުވައްޒަފުން ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅުއްވާފައިވާ ފޯމުތަކާ ގުޅޭ.

· އޮފިސަރ، މުޙައްމަދު ޔަޒީދު ޤާސިމް – ކޮމިޝަނަރސް ބިއުރޯ

· އޮފިސަރ، ޙައްވާ މީޝާ މާލިކް އަބޫބަކުރު – ޕަބްލިކް ރިލޭޝަންސް ސެކްޝަން

ޓާސްކްފޯސް މުވައްޒަފު، ކޮމިޝަނަރސް ބިއުރޯގެ އޮފިސަރ މުޙައްމަދު ޔަޒީދު ޤާސިމް އަދި ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ އޮފިސަރ ޙައްވާ މީޝާ މާލިކް އަބޫބަކުރު ކޮމިޝަނުގެ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު ކޮމިޝަނަށް ހުށަހަޅާފައިވާތީ، މި މުވައްޒަފުން އެދިފައިވާ ގޮތުގެމަތީން އޮފިސަރ މުޙައްމަދު ޔަޒީދު ޤާސިމް 2024 މާރިޗު 3 ން ފެށިގެން އަދި  އޮފިސަރ ޙައްވާ މީޝާ މާލިކް އަބޫބަކުރު 2024 ފެބުރުވަރީ 23 އިން ފެށިގެން ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށާއި، އަދި ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރުމަށް ކޮމިޝަނުން ކަނޑައެޅިފައިވާ އިޖުރާޢަތުތައް ފުރިހަމަކުރުމަށްވެސް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

8. ޓާސްކް ފޯސް މުވައްޒަފު، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން ގެ އެސިސްޓެންޓް މެނޭޖަރ، އިބްރާހީމް ޙަމީދު ވަޒީފާއިން ވަކިކުރުމާ ގުޅޭ.

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ ޓާސްކްފޯސް މުވައްޒަފު އެސިސްޓެންޓް މެނޭޖަރ އިބްރާހީމް ޙަމީދު ވަޒީފާއިން ވަކިވުމަށްއެދި 2024 ފެބުރުވަރީ 04 ގައި ކޮމިޝަނަށް ފޯމު ހުށަހެޅިއިރު، މި މުވައްޒަފުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ހެރެސްމަންޓް ކޮމިޓީން ބަލަމުންދާތީ، މައްސަލަ ބަލާ ނިމެންދެން ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅާފައިވާ ފޯމަށް ޢަމަލުނުކޮށް މަޑުޖައްސާލާފައި އޮތްނަމަވެސް، ހެރެސްމަންޓް ކޮމިޓީން އެ މައްސަލަބަލާ ނިންމުމަށްފަހު އެސިސްޓެންޓް މެނޭޖަރ އިބްރާހީމް ޙަމީދުގެ މައްޗަށް މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާތީ، ކޮމިޝަނުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ ޓާސްކްފޯސް މުވައްޒަފު އެސިސްޓެންޓް މެނޭޖަރ އިބްރާހީމް ޙަމީދު ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

މި ނިންމެވުމާ ގުޅިގެން، ކޮމިޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކިވުމަށްއެދި ކޮމިޝަނަށް ހުށަހަޅާ ފޯމު އިޞްލާޙުކުރުމާއި، މިގޮތުން މުވައްޒަފާ ގުޅުންހުރި އެއްވެސް މައްސަލައެއް ބަލަމުންދާނަމަ، އެކަމެއް ތަފްޞީލް ފޯމުގައި ބޭނުންކުރެވޭނެހެން ފޯމު އިޞްލާޙުކުރުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

9. ދިވެހި ފުލުހުންގެ ޚިދުމަތުން އައްޑޫ ސިޓީގައި ކޯސް ފުރިހަމަ ކުރަމުންދާ ބައިވެެރިންނަށް ޓްރެއިނިންގ ސެޝަން ކުރިއަށް ގެންދިއުމާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ސެކިއުރިޓީގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް – އައްޑޫ ސިޓީގައި ޓްރެއިނިންގ ފުރިހަމަ ކުރަމުންދާ 36 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ބައިވެރިންނަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި 2024 މާރިޗު 2 ވާ ހޮނިހިރު ދުވަހު އިންތިޚާބާ ގުޅޭގޮތުން ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ، މި ޕްރޮގްރާމްގައި މިކޮމިޝަނުގެ ފަރާތުން ސެޝަނެއް ކުރިއަށް ގެންދިއުމަށްޓަކައި، 2 ފެސިލިޓޭޓަރުން ބައިވެރި ކުރުމުގެ ފުރުޞަތު ދިވެހި ފުލުންގެ ޚިދުމަތުން ދެއްވާފައިވާތީ، ފެސިލިޓޭޓަރުންގެ ގޮތުގައި ސިވިކް އެޑިއުކޭޝަން އެންޑް ޓްރޭނިންގ ސެކްޝަންގެ ހެޑް ޓްރޭނަރ، ފާޠިމަތު ޒުހުދާ އަދި ސިވިކް އެޑިއުކޭޝަން އެންޑް ޓްރޭނިންގ ސެކްޝަން ގެ އެސިސްޓެންޓް ޓްރޭނަރ، ފަޒްލާ އަޙްމަދު ޝަހީމް ބައިވެރި ކުރުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

10. ޕީ.ޕީ.އެމް އާއި ޕީ.އެން.ސީ ގެ ލޯގޯ އާއި ސްލޯގަން އަދި ކުލަ، ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ބޭނުންކޮށްގެން ކެމްޕެއިން ކުރުމާގުޅޭ ޤާނޫނީ ލަފަޔާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގއ.ވިލިނގިލި ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ ލޯގޯ އާއި ސްލޯގަން ބޭނުންކުރަމުންދާކަމަށް ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން، ކޮމިޝަނުގެ ލޯ ފާމުން ހޯދުމަށް އެދިވަޑައިގެންފައިވާ ޤާނޫނީ ލަފާ ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ. 

އެހެންނަމަވެސް، މި މައްސަލައަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ ފަރާތުން ގއ.ވިލިނގިލި ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓު ހުށަހަޅުއްވާފައިވާ ޝަކުވާއެއް ކަމުންނާއި ޕާޓީން މިފަދަ ކަންކަމުގައި ޢަމަލުކުރައްވާނޭ ގޮތެއް ހޯއްދެވުމަށް ސިޓީއެއް ޕީ.އެންސީއިން މިކޮމިޝަނުން ފޮނުއްވާފައިވާތީ، ސިޓީގެ ޖަވާބެއް ލިބުމުން އެކަން ކޮމިޝަނާ ޙިއްޞާ ކުރުމަށާއި، މިގޮތަށް ހުށަހެޅޭ މައްސަލަތައް ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން ބެއްލެވުމަށްފަހު ކޮމްޕްލެއިންޓްސް ބިއުރޯގެ ފަރާތުން ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމަވާފައެވެ.

 

11. މުޙައްމަދު ޢިޔާޒް ސުޕްރީމް ކޯޓުގައި ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާ ގުޅޭ.

މުޙައްމަދު ޢިޔާޒް ސުޕްރީމް ކޯޓުގައި ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ ދަޢުވާ، (ޤަޟިއްޔާ ނަންބަރު:2024/SC-E/01) ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

 

12. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އޮބްޒާވްކުރެއްވުމަށްޓަކައި، ކޮމިޝަނުގެ ދަޢުވަތަށް ވަޑައިގަންނަވާ ބޭފުޅުންގެ އިންތިޒާމުތަކާއި، ޕްރޮގްރާމްތަކުގެ ތާވަލްތަކާއި، އޮބްޒަވޭޝަން ޕޮއިންޓުތަކާއި ލިއޭޒަން އޮފިސަރުންނާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އޮބްޒާވްކުރެއްވުމަށްޓަކައި، ކޮމިޝަނުގެ ދަޢުވަތަށް ވަޑައިގަންނަވާ ބޭފުޅުންގެ އިންތިޒާމުތަކާއި، ޕްރޮގްރާމްތަކުގެ ތާވަލްތަކާއި، އޮބްޒަވޭޝަން ޕޮއިންޓުތަކާއި ލިއޭޒަން އޮފިސަރުންނާ ގުޅޭގޮތުން ކޮމިޝަނަރސް ބިއުރޯއިން ހުށަހަޅުއްވާގޮތް އެންމެ ރަނގަޅުކަމަށާއި، އިތުރު ބަދަލެއް ގެންނަކަމަށްވާނަމަ ސެކްރެޓަރީ ޖެނެރަލްގެ ލަފާފުޅާއެކު އެ ބަދަލެއް ގެންނެވުމަށް ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

13. ދައުލަތުގެ މުއައްސަސާތަކުގައި ޑިޖިޓަލް ރަޖިސްޓްރީ ޤާއިމު ކުރުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮޮނުއްވާފައިވާ ނަންބަރު:1-CBO(PAR)/38/2024/2 ސިޓީއާގުޅޭ.

ދައުލަތުގެ މުއައްސަސާތަކުގައި ޑިޖިޓަލް ރަޖިސްޓްރީ ޤާއިމު ކުރުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮޮނުއްވާފައިވާ ނަންބަރު:1-CBO(PAR)/38/2024/2 ސިޓީއާ ގުޅިގެން، ޑިޖިޓަލް ރަޖިސްޓަރީގައި ހިމެނޭ މަޢުލޫމާތު އަދާހަމަކުރެއްވުމަށް މިކޮމިޝަނުން ކަނޑައަޅާ އެޑްމިން ޔޫސަރ ގެ ގޮތުގައި ޑިރެކްޓަރ މުޙައްމަދު އަނީލް އަދި ޑިރެކްޓަރ ޢަބްދުﷲ އުނައިސް ހަމަޖައްސަވަން،  ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

14. އެގްެޒެކެޓިވް ސަމަރީ – ޔޫ.އެން.ސީ.އޭ.ސީ ރިވިއު އޮފް މޯލްޑިވްސް އަށް ކޮމެންޓް ކުރުމަށްއެދި މިނިސްޓްރީ އޮފް ފައިނޭންސް އިން ފޮނުއްވާފައިވާ އީ-މެއިލްއާގުޅޭ.

ކޮރަޕްޝަން މަދުކުރުމާ ބެހޭގޮތުން އދ އިން އެކުލަވާލާފައި އޮންނަ ކޮންވެންޝަނުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާތީ އެގްެޒެކެޓިވް ސަމަރީ، ޔޫ.އެން.ސީ.އޭ.ސީ United Nations Convention Against Corruption ރިވިއު އޮފް މޯލްޑިވްސް އަށް ކޮމެންޓްކޮށް މަޝްވަރާ ކުރުމަށް ޓެކްނިކަލް ލެވެލްގައި މިނިސްޓްރީ އޮފް ފައިނޭންސް އިން ފޮނުއްވާފައިވާ އީ-މެއިލްއާ ގުޅިގެން ކޮމިޝަނުގެ ޓެކްނިކަލް 2 ބޭފުޅުންގެ ގޮތުގައި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން ގެ ޑިރެކްޓަރ އަލްއުސްތާޛާ  ޢާއިޝަތު ސުމައިނާ އަދި ސީނިއަރ ލީގަލް އޮފިސަރ އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ ހަމަޖެއްސުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

15. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުކަރުދާހުގެ ސެކިއުރިޓީ ފީޗަރސް ކަނޑައެޅުއްވުމާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުކަރުދާހުގެ ސެކިއުރިޓީ ފީޗަރސް ކަނޑައެޅުއްވުމާ ގުޅޭގޮތުން ކޮމިޝަނުން، ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާއާ މަޝްވަރާ ކުރައްވާފައިވާތީ،  އެގޮތުގެމަތިން ކުރިއަށް ގެންދިއުމަށް، ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

--

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
818

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

 • އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
 • ޑޮކްޓަރ މުޙައްމަދު ޒާހިރު
 • މުޙައްމަދު ޢާޞިފް
 • ޢަލީ ނަޝާޠު

އިސް މުވައްޒަފުން

 • ޙަސަން ޒަކަރިއްޔާ
 • ޝަހުލާ އިސްމާޢިލް
 • މުޙައްމަދު އަނީލް
 • އާއިޝަތު ޝައްފާފް
 • ޢަބްދުﷲ އުނައިސް
 • އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
 • ފާޠިމަތު ޝަބާ ބާޤިރު
 • ޝަހުލާ ރުޝްދީ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ