ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ އޮފިސަރ މަޤާމަށް މުވައްޒަފަކު ނެގުމާގުޅޭ.
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ އޮފިސަރ (ޖީއެސް 3/ ދާއިމީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު: (IUL)38-BB/38/2026/663 އިޢުލާނާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތް ކަމުގައިވާ ހ.ތުވަރު، ޝާދިހު އުބައިދުﷲ މުޙައްމަދަށް ދާއިމީ އެހެން ވަޒީފާއެއް ހަމަޖެހިފައިވާތީ، ވަޒީފާއަށް ނުނިކުމެވޭނެކަމަށް އަންގާފައިވާތީ، މި މަޤާމަށް ކުރިމަތިލައި 2 ވަނަ އަށް ހޮވިފައިވާ ޅ.ނައިފަރު ސުރައްޔާގެ، މުޙައްމަދު ނަފްޙާން އިލްޔާސް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ އޮފިސަރ (ޖީއެސް 3/ ދާއިމީ) ގެ މަޤާމަށް ހަމަޖެއްސުމަށާއި، އަދި ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްވެސް، ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. ދ.މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން – ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ފޯކަލް ޕޮއިންޓު ހަމަޖެއްސުމާގުޅޭ.
ދ.މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރު ބުރުގެ ވޯޓުނެގުން – ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 އާ ގުޅިގެން، ދ.މީދޫގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި، އިދާރީގޮތުން ހަމަޖައްސަވާފައިވާ، ދ.މީދޫ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް، މަޚްމާ، ދ.މީދޫ ފާޠިމަތު އިރުފާނާ (A212398)، ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާގައި ވަނީ އެންޑޯސް ކުރައްވާފައެވެ.
3. ޓާސްކްފޯސް މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު އިތުރުކުރުމާގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން 2026 ޑިސެންބަރު 31 ގެ ނިޔަލަށް ކޮންޓްރެކްޓް މުއްދަތު އިތުރުކުރުމަށާއި، އަދި މި މުވައްޒަފުންނަށް ޚަރަދުވާނެ ފައިސާ 2026 ވަނަ އަހަރުގެ ބަޖެޓުން ހަމަޖެހޭނެކަމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާތީ، އެގޮތުގެމަތިން، ތިރީގައި ދަންނަވާފައިއެވާ މުވައްޒަފުންގެ މުއްދަތު އިތުރު ކުރުމަށާއި، އަދި މި މުވައްޒަފުން މަސައްކަތްކުރުމަށް މިހާރު ވަކި ސެކްޝަންތަކެއް ހަމަޖެހިފައިވީނަމަވެސް ބައެއް ޙާލަތްތަކުގައި އެހެން ސެކްޝަންތަކުގައި މަސައްކަތް ކުރުމަށްޓަކައި ސެކްޝަން ބަދަލުކުރެވޭނެ މުވައްޒަފުންގެ ގޮތުގައި މުއްދަތު އިތުރުކުރާ މުވައްޒަފުންކަމަށްވެސް، ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
|
# |
ސްޓާފް އައިޑީ |
މުވައްޒަފުގެ ނަން |
މަޤާމު |
މަސައްކަތްކުރާ ސެކްޝަން |
|
1 |
2727 |
ފާޠިމަތު ރިމާޝާ |
މަސައްކަތު |
އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން |
|
2 |
2717 |
ޝަކީލާ އިބްރާހީމް |
||
|
3 |
2783 |
ޛުލައިޚާ ޝާހިރު |
އޮފިސަރ |
ޕަބްލިކް ރިލޭޝަންސް ސެކްޝަން |
|
4 |
2818 |
އަޙްމަދު ސަވާދު |
އޮފިސަރ |
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން |
|
5 |
2787 |
މަރްޔަމް ނަހާ ޝަކީބް |
އޮފިސަރ |
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން |
|
6 |
2766 |
ފާޠިމަތު ނިއުޝާ ފާޞީ |
އޮފިސަރ |
ރެޖިސްޓްރޭޝަން ސެކްޝަން |
|
7 |
2385 |
ޢައްބާސާ އަޙްމަދު |
ސީނިއަރ އޮފިސަރ |
ރެޖިސްޓްރޭޝަން ސެކްޝަން |
|
8 |
2710 |
ފާޠިމަތު ޝުހުރަތު |
ސީނިއަރ އޮފިސަރ |
ޕްރޮކިއުމަންޓް ސެކްޝަން |
4. ޖައިކާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ޕްރޮގްރާމާގުޅޭ.
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ ނޮލެޖް ކޯ-ކްރިއޭޝަން ޕްރޮގްރާމް (ކޭ.ސީ.ސީޕީ) ގެ ދަށުން ސެޕްޓެންބަރު 2 އިން 19 އަށް ޖަޕާނުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޖައިކާ ކޭ.ސީ.ސީ.ޕީ -އިލެކްޓޯރަލް މެނޭޖްމަންޓް އިން ޑިމޮކްރެޓިކް ކަންޓްރީސް" ކޯހަށް ޝައުޤުވެރިވާ މި ކޮމިޝަނުގެ މުވައްޒަފުންނަށް ހުޅުވާލި ފުރުޞަތުގައި ތިރީގައި ދަންނަވާފައިއެވާ 2 މުވައްޒަފުން ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ، އެ މުވައްޒަފުންގެ ނަން މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަށް ފޮނުވުމަށް، ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
1- ޓްރެއިނަރ، ފާޠިމަތު ޒުހުދާ - ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން
2- ސީނިއަރ އޮފިސަރ، ޙަސަން ރަފްޙާން - ޕްރޮކިއުމަންޓް ސެކްޝަން
5. ޔޫރަޕިއަން ޔޫނިއަން ފޮލޯއަޕް މިޝަންގެ ފައިނަލް ރިޕޯޓާގުޅޭ.
ރިޔާސީ އިންތިޚާބާ 2023 އާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން ފޮލޯއަޕް މިޝަނުން ޝާއިޢުކޮށްފައިވާ ފައިނަލް ރިޕޯޓުގެ ޚުލާޞާ ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކުރައްވާފައެވެ.
6. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އާ ގުޅިގެން ޤާއިމުކުރި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ރިޕޯޓު ކޮމިޝަނާ ޙިއްޞާކުރުން.
ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 62 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި، ޤާއިމުކުރި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުނު މައްސަލަތަކުގެ ތަފްޞީލާއި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓު ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކުރައްވާފައެވެ.
7. ވ.ތިނަދޫ ކައުންސިލްގެ ރައީސް ޢަލީ ޝުޖާއު (A295443) އިންތިޚާބުވި ޙައިޘިއްޔަތު ބަދަލުވުމާގުޅޭ.
ވ.ތިނަދޫ ކައުންސިލްގެ ރައީސް ޢަލީ ޝުޖާއު (A295443) ގެ މަޤާމުގެ ދައުރު 17 މެއި 2026 ގައި ފެށުނު ފަހުން އިންތިޚާބުވެފައިވާ ޕާޓީ ބަދަލު ކުރައްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ސިމެދަ ޕޯޓަލްއިން ފެންނަންހުރިކަމާއި، ޤާނޫނު ނަންބަރު2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 116 ވަނަ މާއްދާގައި ކައުންސިލްގެ މެންބަރުންގެ މަޤާމުން ވަކިވާނެ ޙާލަތްތައް ބަޔާންކޮށްފައި އޮތްއިރު، އެ މާއްދާގެ (ޅ) ގައި ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން މިފަދައިން ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ލާމަރުކަޒީ ޤާނޫނުގެ 116 ވަނަ މާއްދާގެ (ޅ) ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެއްޖެނަމަ، އެއީ އެ މެންބަރުގެ މަޤާމުން ވަކިވާނެ ޙާލަތެއްކަން ބަޔާންކޮށްފައިވާއިރު، ވ.ތިނަދޫ ކައުންސިލްގެ ރައީސް ޢަލީ ޝުޖާއު (A295443) އިންތިޚާބު ވެފައިވަނީ ދަ ޑިމޮކްރެޓްސްގެ ޙައިޘިއްޔަތުން ކަމަށްވެފައި، ކައުންސިލް މެންބަރުކަމުގެ ދައުރު 2026 މެއި 17 ގައި ފެށިފައިވަނިކޮށް، 18 މެއި 2026 ގައި ޢަލީ ޝުޖާޢު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގައި ދަފްތަރުވުމަށް އެދުމުން 19 މެއި 2026 ގައި އެފަރާތް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގައި ދަފްތަރުވެފައިވާތީ، އެއީ ލާމަރުކަޒީ ޤާނޫނުގެ 116 ވަނަ މާއްދާގެ (ޅ) ގެ ދަށުން އެފަރާތުގެ މަޤާމުން ވަކިވާނެފަދަ ޙާލަތެއްކަމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ލަފާ ދެއްވާފައިވާތީއާއި، ވ.ތިނަދޫ ކައުންސިލްގެ ރައީސް ޢަލީ ޝުޖާއު (A295443) އިންތިޚާބުވި ފަހުން އެހެން ސިޔާސީ ޕާޓީއެއްގައި ދަފްތަރުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުގައިހުރި ލިޔެކިއުންތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަޤީން ކުރެވޭތީ، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި މިވަގުތު ހަމަޖެހިފައިވާ ފަރާތްކަމަށްވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މި ބަދަލު އައިސްފައި އޮތްކަން ލިޔެކިއުމުން އެންގުމަށް، ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
8. ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލުމާގުޅޭ.
ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3,000 (ތިންހާސް) މެންބަރުން ހަމަވެފައިނުވާތީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ޕާޓީތަކަށް 3,000 (ތިންހާސް) މެންބަރުން ހަމަކުރުމަށް 2026 ޖަނަވަރީ 11 އިން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ނޯޓިސް ދީ، ބުނެވިދިޔަ ނޯޓިސްގެ މުއްދަތު 2026 އެޕްރީލް 11 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި މެންބަރުން ތިބިޢަދަދަކީ 1,486 (އެއްހާސް ހަތަރުސަތޭކަ އަށްޑިހަ ހައެއް) އެވެ. އަދި ދަ ޑިމޮކްރެޓްސްގައި މެންބަރުން ތިބި ޢަދަދަކީ 2,716 (ދެހާސް ހަތްސަތޭކަ ސޯޅަ)އެވެ.
އެހެންކަމުން ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ ކޮމިޝަނުން ސިޔާސީ ޕާޓީ އުވާލަންވާނެކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުން ޙަވާލާދެވުނު މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި " މި ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ނުވަތަ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ސިޔާސީ ޕާޓީއަކަށް ދިނުމަށްފަހުވެސް ޕާޓީއެއްގައި މެންބަރުން ތިބެންޖެހޭ އެންމެ މަދު ޢަދަދަށް ޕާޓީއަކަށް މެންބަރުން ހަމަވެފައި ނެތުން" މި ފަދައިން ބަޔާން ކޮށްފައިވެއެވެ. އަދި ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ 16 ވަނަ މާއްދާގެ (ށ) ގައި ސިޔާސީ ޕާޓީގެ ޤާނޫނުގެ 28 ވަނަ މާއްދާގައެ (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތު އައިސްގެން މެންބަރުންގެ ޢަދަދު ފުރިހަމަކުރުމަށް ދިން 3 (ތިނެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި 3,000 (ތިންހާސް) މެންބަރުން ހަމަނުވެއްޖެނަމަ، އެ ޕާޓީއެއް އުވުނީކަމަށް ބަލައި، ކޮމިޝަނުން ކުރަންޖެހޭ ކަންކަން ކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަށް ދެވިފައިވާ 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް މުއްދަތު 2026 އެޕްރީލް 11 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު އެ 2 ޕާޓީގައި 3,000 (ތިންހާސް) މެންބަރުން ހަމަވެފައިނުވާކަމުން، ސިޔާސީ ޕަޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތު މެދުވެރިވެފައިވާތީ ކޮމިޝަނުން އެ 2 ޕާޓީ އުވާލަންޖެހޭކަމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ލަފާ ދެއްވާފައިވާތީ އެގޮތުގެމަތިން، ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ މިއަދު އުވާލައި، ގެޒެޓްކުރުމަށާއި، އަދި އެ މަޢުލޫމާތު ޕަބްލިކް ކުރުމަށް، ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
މީގެއިތުރުން، 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާތީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ 20,000/-ރ. (ވިހިހާސް ރުފިޔާ) އިން ޖޫރިމަނާ ކޮށްފައި އޮތުމުން އެ ޖޫރިމަނާއާއި ގުޅިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން ކުރިއަށް ގެންދިއުމާއެކު، ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ތެރޭގައި މިފަދަ ޖޫރިމަނާގެ މައްސަލަތައް މިހާރުވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ކުރިއަށްދާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެފަދަ މައްސަލަތަކަށް ފައިސަލާކޮށް ގޮތެއް ނިމޭކަމަށްވާނަމަ، އެ ނިމޭގޮތަކަށް އެދަދަ އެހެން މައްސަލަތަކުގައިވެސް ކުރިއަށްއޮތް ތަނުގައި ޢަމަލުކުރުމަށްވެސް، ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.







