ޖަލްސާތައް

ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

   1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ އޮޑިޓް ރިޕޯޓު ކޮމިޝަނާއި ޙިއްޞާ ކުރުން.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ އޮޑިޓް ރިޕޯޓު ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައި ވަނީ ކޮމިޝަނާ، ޙިއްޞާ ކޮށްފައެވެ. އަދި، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ޕޮލިސީ ލެވެލްގެ ކަންކަން ކޮމިޝަނުން މަޝްވަރާކޮށް ރަނގަޅުކުރަން ފެންނަ ކަންކަމަށް ގޮތެއް ނިންމަވާނޭ ކަމަށާއި، އަދި އިދާރީގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށްފައިވާ ކަންކަން ސެކްރެޓަރީ ޖެނެރަލްއާ މަޝްވަރާކުރުމަށްފަހު، އިޞްލާޙުކުރަންޖެހޭ ކަންކަން އެ މަޝްވަރާތަކުގެ އަލީގައި ކުރިއަށް ގެންދިއުމަށްވެސް، ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

 

  2. ދާއިރާތަކުން ހުސްވެފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަޤާމުތަކުގެ ބައި-އިލެކްޝަން ބާއްވާނެ ތާރީޚެއް ކަނޑައެޅުން.

އިންތިޚާބުވި ޙައިޘިއްޔަތު ބަދަލުކުރުމާ ގުޅިގެން، ވ.ތިނަދޫ ކައުންސިލް ރައީސް މަޤާމު ހުސްވެފައިވާތީއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިސްތިޢުފާއާ ގުޅިގެން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:,221-CCS/38/2026/32, 221-CCS/38/2026/31, 221-CCS/38/2026/29 221-CCS/38/2026/28 ސިޓީއިން މި ކޮމިޝަނަށް ފޮނުވާފައިވާ ދާއިރާތަކުން ހުސްވެފައިވާ މަޤާމުތަކުގެ ބައި-އިލެކްޝަން އަދި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ)، 45 ވަނަ މާއްދާގެ (ށ)، 6-56 ވަނަ މާއްދާގެ (އ) އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 1-26 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވާ މަޤާމުތަކުގެ ބައި-އިލެކްޝަން، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު މެމޯއިން ކޮމިޝަނަށް ހުށަހަޅައިފައިވާ ކަލަންޑަރާ އެއްގޮތްވާ ގޮތުގެމަތީން ބޭއްވުމަށް، ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ. 

 

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ)، 45 ވަނަ މާއްދާގެ (ށ)، 6-56 ވަނަ މާއްދާގެ (އ) އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 1-26 ވަނަ މާއްދާ އިގައިވާ ގޮތުގެ މަތިން ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވާ މަޤާމުތަކުގެ މަޢުލޫމާތު 2026 ސެޕްޓެންބަރު 30 ގެ ނިޔަލަށް ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު، އެކަމުގެ ތަފްޞީލީ މަޢުލޫމާތު ލިޔުމުން މިކޮމިޝަނަށް ހުށަހެޅުމަށާއި، މިގޮތަށް ހުށަހަޅާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައި ބައި-އިލެކްޝަންތައް ބޭއްވޭނެ މުއްދަތުތައް ކަނޑައަޅައިފައިވާތީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ ހުރިހާ މަޤާމެއްގެ މަޢުލޫމާތު، ރަށު/ސިޓީތަކުގެ ލޯކަލް ކައުންސިލްތަކުން ތިޔަ އޮތޯރިޓީއާ ޙިއްޞާ ކޮށްފައިވާކަން ކަށަވަރުކުރުމަށްފަހު އެ ހުރިހާ ދާއިރާތަކެއްގެ މަޢުލޫމާތާއެކު، މި ކޮމިޝަނަށް ހުށަހެޅުމަށްވެސް އެ އޮތޯރިޓީއަށް ލިޔުމުން ދެންނެވުމަށް، ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

 

  3. IIIDEM އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އާޓިފިޝަލް އިންޓެލިޖެންސް (AI) ގަވަރނަންސް އެންޑް އިލެކްޝަން މެނޭޖްމަންޓް" ކޯހާގުޅޭ.

އިންޑިއާގެ އިލެކްޝަން ކޮމިޝަނާއި އިންޓަރނޭޝަނަލް އައިޑިއާ އަދި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރެސީ އެންޑް އިލެކްޝަން މެނޭޖްމަންޓް (IIIDEM)، ފަރާތުން 2026 ސެޕްޓެންބަރު 21 އިން 25 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އާޓިފިޝަލް އިންޓެލިޖެންސް (AI) ގަވަރނަންސް އެންޑް އިލެކްޝަން މެނޭޖްމަންޓް" ކޯހަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޝައުޤުވެރިކަން ފާޅުކޮށްފައިވާ ތިރީގައިވާ ބަޔާންކޮށްފައިވާ 4 މުވައްޒަފުންނަށް އެ ފުރުޞަތުދިނުމަށް،  ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ. 

1.      ސީނިއަރ އޮފިސަރ، ޙަސަން ރަފްޙާން - ޕްރޮކިއުމަންޓް ސެކްޝަން

2.      ސީނިއަރ އޮފިސަރ، ޢަބްދުﷲ ސަޢީދު - ޕަބްލިކް ރިލޭޝަން ސެކްޝަން

3.      ސީނިއަރ އޮފިސަރ، ފަދުވާ މުޙައްމަދު - އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

4.      ސީނިއަރ އޮފިސަރ، އަޙްމަދު ޢާޞިމް – ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން

 

   4. އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ކޮމިޝަނާ ޙިއްޞާ ކުރުން.

އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ދިރާސާކޮށް ޤާނޫނުގެ މުހިއްމު ބައިތައް ކޮމިޝަނާ ޙިއްޞާ ކުރުމަށްޓަކައި، ތިރީގައިއެވާ ޤާނޫނުތަކާ ގުޅޭގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައި ޙިއްޞާކޮށްފައެވެ.

1.      ޤާނޫނު ނަންބަރު 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.

2.      ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.

3.      ޤާނޫނު ނަންބަރު 2026/8 (ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

 

  5. ޔޫ.އެން.ޑީ.ޕީ އިން ހިންގުމަށް ހަމަޖެހިފައިވާ ގްލޯބަލް ސްޓަޑީ އޮން އިލެކްޓޯރަލް ފައިނޭންސިންގ – ގުޑް ޕްރެކްޓިސަރސް ގައި ބައިވެރިވުމާގުޅޭ.

ސަރުކާރުގެ މުއައްސަސާތަކާއި، އިންތިޚާބީ މަސްލަޙަތުވެރީންނާއި، އިންތިޚާބުތަކުގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތައް ހިމެނޭހެން މި ކޮމިޝަނުގެ އިންތިޚާބީ ތަޖުރިބާތަކާއި އިންތިޚާބުތަކަށް ހިނގާ ޚަރަދުތަކާއި އިންތިޚާބުތަކުގެ އިންތިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭންކޮށް ތަންފީޛުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން، UNDP ހެޑްކުއަރޓަރސް އަދި އިންޓަރނޭޝަނަލް IDEA އާ ގުޅިގެން މުޅިން އަލަށް ދުނިޔޭގެ ފެންވަރުގައި ކުރުމަށް ހަމަޖެހިފައިވާ ކޮސްޓް އޮފް އިލެކްޝަން އެންޑް ސަސްޓެއިނަބަލް އިލެކްޓޯރަލް ފައިނޭންސިންގ ދިރާސާގައި ބައިވެރިވުމަށް UNDP  އިން މިކޮމިޝަނުގައި އެދިފައިވާތީ، އެދިފައިވާ ގޮތުގެމަތީން ގްލޯބަލް ސްޓަޑީސްގައި ބައިވެރިވުމަށް ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ. 

 

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، އިދާރީގޮތުން ފޯރުކޮށްދޭންޖެހޭ ހުރިހާ އެހީތެރިކަމަކާއި ލިޔެކިޔުމެއް އެ ބޭފުޅުންނަށް ކޮމިޝަނުގެ އިދާރާއިން ފޯރުކޮށްދިނުމަށްވެސް، ވަނީ ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

   6. ICPS ގެ 22 ވަނަ އިންޓަރނޭޝަނަލް އިލެކްޓޯރަލް އެވޯޑާގުޅޭ.

ފިލިޕީންސްގެ އިލެކްޝަން ކޮމިޝަނުންނާއި އިންޓަރނޭޝަނަލް ސެންޓަރ ފޮރ ޕާލިމެންޓްރީ ސްޓަޑީޒް ގުޅިގެން، ފިލިޕީންސްގެ މެނީލާގައި 2026 ނޮވެންބަރު 29 އިން ޑިސެންބަރު 3 ގެ ނިޔަލަށް، ބޭއްވުމަށް ހަމަޖެހިފައިވާ ICPS ގެ 22 ވަނަ އިންޓަރނޭޝަނަލް އިލެކްޓޯރަލް އެވޯޑަށް ކުރިމަތިލުމަށްޓަކައި އިތުރަށް ސާފުކުރަންޖެހޭ މަޢުލޫމާތުތަކެއް ހުރުމާ ގުޅިގެން، އެ މަޢުލޫމާތުތައް ސާފުކުރުމަށްފަހު ކޮމިޝަނުގެ ޖަލްސާއަށް އަލުން ހުށަހެޅުމަށް، ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

  7. މޮންގޯލިއާގެ އުލާންބާޓާގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ރައުންޑް ޓޭބަލް އޮން ޕޮލިޓިކަލް ފައިނޭންސް ޓްރޭންސްޕޭރަންސީ އެންޑް އޯވަރސައިޓް" ގައި ބައިވެރިވުމަށްއެދި ޖެނެރަލް އިލެކްޝަން ކޮމިޝަން އޮފް މޮންގޯލިއާ އިން ފޮނުވާފައިވާ ދަޢުވަތާގުޅޭ.

2026  ސެޕްޓެންބަރު 23 އިން 24 އަށް މޮންގޯލިއާގެ އުލާންބާޓާގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ރައުންޑް ޓޭބަލް އޮން ޕޮލިޓިކަލް ފައިނޭންސް ޓްރޭންސްޕޭރަންސީ އެންޑް އޯވަރސައިޓް" ގައި ބައިވެރިވުމަށްއެދި ޖެނެރަލް އިލެކްޝަން ކޮމިޝަން އޮފް މޮންގޯލިއާ އިން ފޮނުވާފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙު ރަޝީދު މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް، ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ

 

  8. 2026 ނޮވެންބަރު 23 އިން 26 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އަންޓަލާޔަރ އިންޓަރނޭޝަނަލް އިލެކްޝަން ފޯރަމްގައި ބައިވެރިވުމާގުޅޭ.

2026 ނޮވެންބަރު 23 އިން 26 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އަންޓަލާޔަރ އިންޓަރނޭޝަނަލް އިލެކްޝަން ފޯރަމްގައި ބައިވެރިވުމަށް ސުޕްރީމް އިލެކްޝަން ކައުންސިލް އޮފް ދަ ރިޕަބްލިކް އޮފް ތުރުކީ އިން ފޮނުވާފައިވާ ދަޢުވަތާ ގުޅިގެން، މި ފޯރަމްގައި ކޮމިޝަނުގެ މެންބަރު ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް  އަދި  އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ  އިސްމާޢީލް ބައިވެރިވެވަޑައިގެންނެވުމަށް، ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައިވަނީ  ނިންމަވާފައެވެ.

 

  9. 2026 ސެޕްޓެންބަރު ގައި ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމުގެ ސްޓޭޓް ޑޫމާ އިންތިޚާބާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ ނަންބަރު:25-F2/38/2026/15 ސިޓީއާގުޅޭ.

2026 ސެޕްޓެންބަރުގައި ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ ސްޓޭޓް ޑޫމާ އިންތިޚާބު، އެ ޤައުމުގެ ބާރުގެދަށަށް ގެނެސްފައިވާ ޔުކްރެއިން ސަރަޙައްދުގައިވެސް ބޭއްވުމަށް ހަމަޖެހިފައިވާތީ، އެކަން ކުށްވެރިކޮށް ޔޫކްރެއިންގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ބަޔާނާއި، މި އިންތިޚާބާގުޅޭ އެއްވެސް ކަމެއްގައި ދިވެހިރާއްޖެއިން ބައިވެރިނުވުމަށްއެދި އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބަސީން ފޮނުވާފައިވާ ނޯޓު އެއްކަރުދާސްކޮށް، ޚާރިޖީ ވުޒާރާއިން ފޮނުވާފައިވާ ނަންބަރު:25-F2/38/2026/15 ސިޓީ ކޮމިޝަނާ ޙިއްޞާކޮށްފައެވެ.

 

އަދި، 2026 ސެޕްޓެންބަރު ގައި ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ ސްޓޭޓް ޑޫމާ އިންތިޚާބުގައި މި ކޮމިޝަނުން ކުރިން ނިންމަވައިފައިވާ ގޮތުގެމަތިން ބައިވެރިވިނަމަވެސް، ޔޫކްރެއިންގެ ބިމުގެ ތެރެއިން ރަޝިޔާއިން ހިފާފައިވާކަމަށް ޔޫކްރެއިން އިން ފާހަގަކުރާ ޔޫކްރެއިންގެ އެއްވެސް ސަރަޙައްދެއްގައި ބާއްވާ އެއްވެސް އިންތިޚާބެއްގައި ކޮމިޝަނުގެ އެއްވެސް މެންބަރަކު ބައިވެރިވެވަޑައިނުގަންނަވާނެކަމާއި، މިގޮތުގެމަތިން ރަޝިޔާގެ ދަތުރު ކުރިއަށް ގެންދިއުމަށްވެސް، ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  10. އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީޒްގެ ވައިސް ޗެއަރމަން އަދި އެގްޒެކެޓިވް ބޯޑު މެންބަރަކަށް ކުރިމަތިލުމަށްއެދި އެ ސެކްރެޓޭރިއެޓުން ފޮނުވާފައިވާ ދަޢުވަތާއި އޭ.އޭ.އީ.އޭ ގެ ޖެނެރަލް އެސެމްބްލީއާގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ މާލީ ޙާލަތާއި އިންސާނީ ވަޞީލަތްތަކަށް ބަލާއިރު އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީޒް (އޭ.އޭ.އީ.އޭ) ގެ ވައިސް-ޗެއަރމަންއަކަށް ކުރިމަތިލުމަކީ މިވަގުތު ޙާލަތު ތަންދޭ ކަމަކަށްނުވާތީ، އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީޒްގެ ވައިސް ޗެއަރމަންގެ މަޤާމަށް ކުރިމަތިލާން ނުފެންނަކަމަށާއި، އެހެންނަމަވެސް އެ ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑު މެންބަރަކަށްވުމަށް ކުރިމަތިލުމަށް އެކަމުގެ ޝައުޤުވެރިކަންފާޅުކޮށް އެ ޖަމްޢިއްޔާއަށް ހުށަހެޅުމަށް، ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ. 

 

މީގެއިތުރުން އޭ.އޭ.އީ.އޭ ގެ ބައްދަލުވުން އޮންނަ ތާރީޚަކީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ފިލިޕީންސް ގައި ޙަރަކާތްތެރިވާ މުއްދަތެއްކަމުގައިވާތީ، 2026 އޮކްޓޫބަރު 17 އިން 19 އަށް ކުރިއަށްދާ އޭ.އޭ.އީ.އޭ ގެ ޖެނެރަލް އެސެމްބްލީގައި ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ބައިވެރިވެވަޑައިގަތުމަށްވެސް ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
933

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޝަކީލު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް
  • އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ

އިސް މުވައްޒަފުން

  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • އަޙުމަދު މުޢާޒް
  • ފާޠިމަތު ޝަބާ ބާޤިރު
  • ޝަހުލާ ރުޝްދީ
  • ​ވިޝާޙު ސަޢީދު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 931 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 930 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 927 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 508 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 507 ވަނަ ޚާއްޞަ ޖަލްސާ