ކޮމިޝަނުގެ 938 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ، ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް، ކޮމިޝަނުގެ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާތަކުން ހުސްވެފައިވާ ހުރިހާ މަޤާމެއްގެ ބައި-އިލެކްޝަން ބޭއްވުމާގުޅޭ
ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާތަކުން ހުސްވެފައިވާ ހުރިހާ މަޤާމެއްގެ މަޢުލޫމާތު ހިމަނައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:221-CCS/38/2026/33 (30 ސެޕްޓެންބަރު 2026) ސިޓީއިން މި ކޮމިޝަނަށް ފޮނުވައިފައިވާތީ، ތިރީގައި ދަންނަވާފައިވާ މަޤާމުތަކަށް ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާއިން ފާސްކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުގެމަތީން، 2026 އޮކްޓޫބަރު 11 ގައި އިޢުލާންކޮށް، މި ދާއިރާތަކުގެ ބައި-އިލެކްޝަން 2026 ނޮވެންބަރު 28 ގައި ބޭއްވުމަށް، ކޮމިޝަނުގެ 938 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 - ހުސްވެފައިވާ މަޤާމު
1. ވ.ތިނަދޫ ކައުންސިލް ރައީސްގެ މަޤާމު
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 - ހުސްވެފައިވާ މަޤާމުތައް
1. ހއ.ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމު
2. ސ.ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
3. ނ.ކުޑަފަރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
4. ވ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
2. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޖަލްސާއަށް ޙާޟިރުނުވެގެން މަޤާމު ގެއްލޭ ޙާލަތްތަކާ ގުޅިގެން ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ތައްޔާރުކުރުމާއި، ވ.ފެލިދޫ، ރަތްމާގެ އާމިނަތު އަސްފާ މަޤާމު ގެއްލިފައިވަނީ ޖަލްސާއަށް ޙާޟިރުނުވެގެންކަމަށް ބަޔާންކޮށްފައިވާތީ، އެކަމުގެ ލިޔެކިޔުންތައް ހަމަކުރުމާގުޅޭ.
މީގެފަހުން، ލޯކަލް ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާތަކުން ހުސްވާ މަޤާމުތަކުގެ ތެރެއިން، ޖަލްސާއަށް ޙާޟިރުނުވެގެން މަޤާމު ގެއްލޭ ޙާލަތުގައި އެކަން ކަމާގުޅުންހުރި އެންމެހާ މަޢުލޫމާތުއް ލިޔެކިޔުމުން ހޯދައި ކަށަވަރުކޮށް، އެކަންކަމުގެ މަޢުލޫމާތު ލިޔުމުން ކޮމިޝަނާ ޙިއްޞާކުރުމަށް، ކޮމިޝަނުގެ 938 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އަދި، މިފަދަ ޙާލަތްތަކުގައި މި ކޮމިޝަނުގެ އިދާރާއިން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާޢާތުތަކާ ގުޅިގެން، ޢަމަލުކުރާނޭގޮތްތަކުގެ އުޞޫލެއް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ސެކްރެޓަރީ ޖެނެރަލްގެ މަޝްވަރާއާއެކު ތައްޔާރުކުރުމަށްފަހު ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 938 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ވ. ތިނަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު، ވ.ފެލިދޫ، ރަތްމާގެ އާމިނަތު އަސްފާ މަޤާމު ގެއްލިފައިވަނީ ޖަލްސާއަށް ޙާޟިރުނުވެގެންކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ބަޔާންކޮށްފައިވާތީ، މި ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ކޮމިޝަނުން އިޢުލާންކުރިނަމަވެސް، ބައި-އިލެކްޝަން ބާއްވަންވާނީ މި ފަރާތުގެ ގޮނޑި ގެއްލިފައިވާކަން ލިޔެކިޔުމުން ކަށަވަރުކޮށް، އެކަންކަމާ ގުޅުންހުރި އެންމެހާ ލިޔުންތަކާއި އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހުގައި ކަމަށްވެސް، ކޮމިޝަނުގެ 938 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
3. 2026ނޮވެންބަރު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނާ ގުޅިގެން، ހުޅުމާލޭގައި ވޯޓު ފޮށިތައް ބެހެއްޓުމާ ގުޅޭ.
ވ.ތިނަދޫ ކައުންސިލް ރައީސްގެ މަޤާމު، ހއ.ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމު، ސ.ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަޤާމު، ނ.ކުޑަފަރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަޤާމު އަދި ވ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށް، 2026 ނޮވެންބަރު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައ-އިލެކްޝަންގައި ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން، ހުޅުމާލޭގައި ވޯޓު ފޮށިތައް ބެހެއްޓުމަށް ނިންމައި، އެގޮތުގެމަތީން އިދާރީގޮތުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް، ކޮމިޝަނުގެ 938 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ހުޅުމާލޭގައި ވޯޓުފޮށިތައް ބަހައްޓާއިރު، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި، ހުޅުމާލޭގައި ބަހައްޓައިފައިވާ ފޮށިތަކަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ހަމަ އެގޮތުގެމަތިން ރަޖިސްޓަރީކުރުމަށާއި، އަދި، މާލެއާއި ވިލިމާލެއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް މާލެއަށް ރަޖިސްޓަރީކުރުމަށް، ކޮމިޝަނުގެ 938 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
4. ވޯކްޝޮޕް އޮން ރިސްކް މެނޭޖްމަންޓް އެންޑް އިލެކްޓޯރަލް ރެޒިލިއަންސްއާގުޅޭ.
“India’s Chairship of the Council of Member States of International IDEA” ގެ ދަށުން، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއި އިންޑިއާ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރެސީ އެންޑް އިލެކްޝަން މެނޭޖްމެންޓް (IIIDEM) ގުޅިގެން، 2026 ނޮވެންބަރު 17 އިން 21 އަށް އިންޑިއާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ، "ވޯކްޝޮޕް އޮން ރިސްކް މެނޭޖްމަންޓް އެންޑް އިލެކްޓޯރަލް ރެޒިލިއަންސް "ކޯހަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި،ފުރުޞަތުގައި ޝައުޤުވެރިކަން ފާޅުކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މި ކޯހާއި ގުޅުންހުރި ސެކްޝަންތަކުގެ ތިރީގައި ދަންނަވާފައިވާ 4 މުވައްޒަފުން ބައިވެރި ކުރުމަށް، ކޮމިޝަނުގެ 938 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
1. އެސިސްޓެންޓް ޑިރެކްޓަރ، ހިދާޔަތު މުޙައްމަދު - ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން
2. ސީނިއަރ އޮފިސަރ، ފަދުވާ މުޙައްމަދު - އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން
3. ސީނިއަރ އޮފިސަރ، ޙަސަން ރަފްޙާން - ޕްރޮކިއުމަންޓް ސެކްޝަން
4. ސީނިއަރ އޮފިސަރ، ފާޠިމަތު އަޒްފާ އާމިރު - ޕްލޭނިންގ، ޕޮލިސީ އެންޑް ރިސާރޗް ސެކްޝަން
5. 2026 ޖަނަވަރީ 27 ގައި ކިރްގީޒް ރިޕަބްލިކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޤައުމުގެ ރިޔާސީ އިންތިޚާބު އޮބްޒަރވް ކުރެއްވުން.
2027 ޖަނަވަރީ 27 ގައި ކިރްގީޒް ރިޕަބްލިކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޤައުމުގެ ރިޔާސީ އިންތިޚާބު އޮބްޒަރވް ކުރުމަށް އެދި، ސެންޓްރަލް ކޮމިޝަން ފޮރ އިލެކްޝަންސް އެންޑް ރެފެރެންޑާ އޮފް ދަ ކިރްގީޒް ރިޕަބްލިކް އިން މި ކޮމިޝަނަށް ފޮނުވައިފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް އަދި ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ބައިވެރިވެވަޑައިގެންނެވުމަށް، ކޮމިޝަނުގެ 938 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
6. ކޮމިޝަނުގެ 937 ވަނަ ޢާންމު ޖަލްސާގައި ފާސް ކުރައްވާފައިވާ އިލެކްޝަންސް ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމާއި ގުޅޭ.
ކޮމިޝަނުގެ 937 ވަނަ ޢާންމު ޖަލްސާގައި ފާސްކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުގެ އިދާރީ އޮނިގަނޑު ފާސްކުރުމަށް، ކޮމިޝަނުގެ 938 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.









