ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވައިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލާ ގުޅޭ.
ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވައިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ނަންބަރު:(MEMO)EA/2026/66 މެމޯއިން ކޮމިޝަނަށް ހުށަހަޅައިފައިވާ ގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އަދި މި އުޞޫލު ސިޔާސީ ޕާޓީތަކާ ޙިއްޞާކޮށް، ޕާޓީތަކުން ހުށަހަޅާ ކޮމެންޓުތައް ކޮމިޝަނާ ޙިއްޞާކުރުމަށްވެސް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
2. ގަވައިދު ނަންބަރު: R-2/2019 )އިލެކްޝަންސް ކޮމިޝަނުގެ ގަވައިދު) އަށް 12 ވަނަ އިޞްލާހު ގެނައުމާ ގުޅޭ.
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ނަންބަރު:(MEMO)EA/2026/68 މެމޯއިން ކޮމިޝަނަށް ހުށަހަޅައިފައިވާ، ގަވައިދު ނަންބަރު: R-2/2019 )އިލެކްޝަންސް ކޮމިޝަނުގެ ގަވައިދު) އަށް 12 ވަނަ އިޞްލާހު މި ވަގުތު ފާސްކުރުމުގެ ބަދަލުގައި، ކޮމިޝަނުގެ މުޅި ގަވައިދު ފާސްކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާތީވެ، މުޅި ގަވައިދު އިޞްލާހުކުރާ މަރުޙަލާގައި މި އިޞްލާޙުތައް ގަވައިދަށް ގެނައުމަށްޓަކައި އަލުން ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
3. އަލަށް ތަސްދީޤުކުރެވޭ ޤާނޫނު ކޮމިޝަނާ ޙިއްޞާކުރުމާ ގުޅޭ.
އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ކޮމިޝަނާ ޙިއްޞާކުރުމުގެ ތެރެއިން، ޤާނޫނު ނަންބަރު:6/2026 (އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނު)، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ނަންބަރު:(MEMO)EA/2026/70 މެމޯއިން، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާކުރައްވައިފައެވެ.
4. ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތަކާ ގުޅޭ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން 2026 އޮގަސްޓު 06 ގައި ބޭއްވި، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުންގެ މަޖިލީހުގެ ހަތަރުވަނަ ބައްދަލުވުމުގައި، އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތަކަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި، އަދި އެ ޕާޓީގެ އަސާސީ ގަވާއިދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތީން ގެނެސްފައިވާ އިޞްލާޙުތަކެއްކަމުގައި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ނަންބަރު:(MEMO)EA/2026/74 މެމޯއިން، ކޮމިޝަނަށް ލަފާއަރުވާފައިވާތީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން 2026 އޮގަސްޓު 06 ގައި ބޭއްވި، އެ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ހަތަރުވަނަ ބައްދަލުވުމުގައި، އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތައް، އެގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތައް އަދާހަމަކޮށް، ޕާޓީގެ އަސާސީ ގަވައިދު ކޮމިޝަނުގެ ވެބްސައިޓުގައި އަދާހަމަކުރުމަށްވެސް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
5. އިންޓަރނަލް އޮޑިޓްގެ ސީނިއަރ އޮފިސަރ ފާޠިމަތު އަވާތިފް ޢަލީ ވަޒީފާއިން ވަކިވުމަށް އެދިފައިވާތީ އެކަމާ ގުޅޭ.
އިންޓަރނަލް އޮޑިޓްގެ ސީނިއަރ އޮފިސަރ ފާޠިމަތު އަވާޠިފް ޢަލީ، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް އެދިފައިވާތީ، ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެދިފައިވާ ތާރީޚްގައި މި މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.
އިސްވެ މިދެންނެވުނު ނިންމެވުމާ ގުޅިގެން، ހުސްވެފައިވާ އިންޓަރނަލް އޮޑިޓްގެ ސީނިއަރ އޮފިސަރުގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި ޢާންމުކޮށް ހުޅުވައިލައިގެން އިޢުލާން ކުރުމަށާއި، އެހެންނަމަވެސް، އިޢުލާންކުރުމުގެ ކުރީން މި މަޤާމަކީ ފަންނީ މަޤާމެއް ކަމުގައިވާތީވެ، މަޤާމުގެ ޝަރުޠުތުތައް އެގޮތުގެމަތީން އިޞްލާޙުކުރުމަށްޓަކައި، ސެކްރެޓަރީ ޖެނެރަލް އަދި ކޮމިޝަނުގެ އިންޓަރނަލް އޮޑިޓަރުގެ މަޝްވަރާއާއެކު މަޤާމުގެ ޝަރުޠުތައް އިޞްލާޙުކޮށް ކޮމިޝަނަށް ހުށަހެޅުމަށާއި، އަދި ހުސްވެފައިވާ އިންޓަރނަލް އޮޑިޓްގެ ސީނިއަރ އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްޓަކައި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2026/160: މެމޯއިން ހުށަހަޅައިފައިވާ އިންޓަރވިއު ޕެނަލް އަދި ބަދަލު ޕެނަލިސްޓުންވެސް ހުށަހަޅައިފައިވާ ގޮތުގެމަތީން ފާސްކުރުމަށްވެސް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.
6. ޖުލައި 2026 ގެ ޚަރަދު ރިޕޯޓު ޙިއްޞާކުރުމާ ގުޅޭ.
ފައިނޭންސް ސެކްޝަނުގެ ނަންބަރު:(MEMO)BC/2026/31 މެމޯއިން ކޮމިޝަނަށް ހުށަހަޅައިފައިވާ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ޚަރަދު ރިޕޯޓު، ހުށަހަޅައިފައިވާ ގޮތުގެމަތިން ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާކުރައްވައިފައެވެ.
7. 2027 އިން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގެ އައު ހަރަކާތްތަކުގެ (ނިއު ފޮލިސީ އިނީޝިއޭޓިވްސް) ބަޖެޓު އަދި 2027 އިން 2029 ވަނަ އަހަރަށް ލަފާކުރާ ބޭސްލައިން ބަޖެޓާ ގުޅޭ.
މާލީ ވުޒާރާގެ ނަންބަރު 13-B3/CIR/2026/4:ބަޖެޓާބެހޭ ސާކިއުލަރ އާ ޙަވާލާދީ، 2027 އިން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގެ އައު ހަރަކާތްތަކާއި މަޝްރޫޢުތައް (ނިއު ފޮލިސީ އިނީޝިއޭޓިވްސް) ބަޖެޓުގެ ގޮތުގައި ޕްރޮޕޯސަލް 1 (އައު އިމާރާތުގެ ބިމުގެ އަގު އަދާކުރުމަށް ބޭނުންވާ ބަޖެޓު ޕްރޮޕޯސަލް) ގެ ގޮތުގައި 60,757,650.46/- ރުފިޔާ އަދި ޕްރޮޕޯސަލް 2 (އޮފީސް އިމާރާތް މަރާމާތުކުރުމަށް ބޭނުންވާ ބަޖެޓު ޕްރޮޕޯސަލް) ގެ ގޮތުގައި 15,000,000/- ރުފިޔާގެ ބަޖެޓު ފާސްކުރުމަށް ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
މީގެއިތުރުން، މާލީ ވުޒާރާގެ ނަންބަރު 13-B3/CIR/2026/6:ބަޖެޓާބެހޭ ސާކިއުލަރ އާ ޙަވާލާދީ، 2027 އިން 2029 ވަނަ އަހަރަށް ލަފާކުރާ އިދާރީ ބަޖެޓުގެ ގޮތުގައި 29,390,000/- ރުފިޔާ އަދި، ރިޔާސީ އިންތިޚާބު 2028 އާ ގުޅިގެން، 2027 ވަނަ އަހަރުކުރުމަށް ރާވާ ކަންކަމުގެ ބަޖެޓުގެ ގޮތުގައި 40,836,468/- ރުފިޔާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު (ބައި-އިލެކްޝަން) ގެ ބަޖެޓުގެ ގޮތުގައި 1,000,000/- ރުފިޔާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު (ބައި-އިލެކްޝަން) ގެ ބަޖެޓުގެ ގޮތުގައި 1,000,000/- ރުފިޔާގެ ބަޖެޓު ފާސްކުރުމަށް ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
8. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓު ކަރުދާސް ނައްތާލުމާ ގުޅޭ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 1-61 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތީން އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ ނިޔަލަށް، އެ އިންތިޚާބެއްގެ ވޯޓުލުމުގައި ބޭނުންކޮށްފައިވާ އަންނަނިވި ލިޔެކިޔުމާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، އިސްވެ ދެންނެވުނު ޤާނޫނުގެ 59 ވަނަ މާއްދާގެ (ށ) އަދި (ބ) ގެ ދަށުން ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާފައިވާ އެންމެހައި ލިޔެކިޔުމާއި ތަކެއްޗާއި، ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްފައިވާ ލިސްޓު ހިމެނޭގޮތުން، ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުތައް، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްފަހު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭނަމަ، އެމައްސަލައަކާމެދު ގޮތެއް ނިންމައިދިނުމަށް އެދި، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަން ޖެހޭކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުން 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ރަސްމީ ނަތީޖާ އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު 2026 އެޕްރީލް 11، 2026 އެޕްރީލް 18 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު 2026 މޭ 03، އަދި 2026 ޖޫން 13 ވީ ހޮނިހިރު ދުވަހު ބޭއްވި ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރުބުރުގެ ވޯޓުގެ ރަސްމީ ނަތީޖާއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު 2026 ޖޫން 28 އަށް ހަމަވެފައިވާއިރު އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ޕްރޮސެކިއުޓރަ ޖެނެރަލްގެ އޮފީހުން ކަށަވަރުކުރުމަށްފަހު، އެގޮތުގެމަތީން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 1-61 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްފަހު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއި ތަކެތީގެ ތެރެއިން އަންނަނިވި ލިޔެކިޔުމާއި ތަކެތި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އިލެކްޝަންސް ކޮމިޝަނުން ނައްތާލެވިދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026، 2026 އެޕްރީލް 18 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރުބުރު އަދި 2026 ޖޫން 13 ވީ ހޮނިހިރު ދުވަހު ބޭއްވި ދ. މީދޫ ކައުންސިލް ރައީސްގެ މަގާމުގެ އިތުރުބުރުގެ ވޯޓުގެ ބާކީހުރި ވޯޓު ކަރުދާހާއި އެ ކަރުދާހުގެ ކައުންޓަރ ފޮއިލް، ވޯޓު ގުނާފައިވާ ވޯޓު ކަރުދާސް، ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގެ ކައުންޓަރ ފޮއިލް، ޙަލާކުވެފައިވާ ވޯޓު ކަރުދާސް ހުރިނަމަ އެ ކަރުދާސް، ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްފައިވާ ލިސްޓު ހިމެނޭގޮތުން، ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުތައް، ނައްތާލުމަށް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އިސްވެދެންނެވުނު ކަރުދާސްތައް ނައްތާލުމުގެ ކުރިން، މި އިންތިޚާބުތަކުގެ ބާޠިލް ވޯޓުތަކުގެ އެނަލިސިސްއެއް ތައްޔާރުކުރުމަށްފަހު، އެކަމުގެ ނަތީޖާ ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
9. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ކެންޑިޑޭޓުންގެ މާލީ ބަޔާން ބަލައި ޗެކްކުރުމާ ގުޅޭ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ތާރީޚް ކަމަށްވާ 2026 ޖުލައި 06 ވަނަ ދުވަހަށް މުއްދަތު ހަމަވިއިރު، މާލީ ބަޔާން ކޮމިޝަނަށް ހުށަހަޅައިފައިވާ ގޮތުގެ އަދާހަމަ، (ހުށަހަޅައިފައިވާ ފަރާތްތަކާއި ހުށަނާލާ ފަރާތްތަކުގެ މަޢުލޫމާތު) ޢާންމުކުރުމަށްފަހު، މި މައްސަލަ ނިންމާލުމަށް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
މީގެއިތުރުން، ކެންޑިޑޭޓުންގެ މާލީ ބަޔާނާ ގުޅިގެން، މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކަމާއި ގުޅުންހުރި ޤާނޫނުތަކަށް ގެންނާން ފެންނަ އިޞްލާޙުތައް ދެނެގަނެ އެކަންކަން ކުރިއަށް ގެންދިއުމަށްވެސް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
10. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ވޯޓު ކަރުދާސްތައް ނައްތާލުމާ ގުޅޭ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 1-61 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތީން އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ ނިޔަލަށް، އެ އިންތިޚާބެއްގެ ވޯޓުލުމުގައި ބޭނުންކޮށްފައިވާ އަންނަނިވި ލިޔެކިޔުމާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، އިސްވެ ދެންނެވުނު ޤާނޫނުގެ 59 ވަނަ މާއްދާގެ (ށ) އަދި (ބ) ގެ ދަށުން ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާފައިވާ އެންމެހައި ލިޔެކިޔުމާއި ތަކެއްޗާއި، ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްފައިވާ ލިސްޓު ހިމެނޭގޮތުން، ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުތައް، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްފަހު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭނަމަ، އެމައްސަލައަކާމެދު ގޮތެއް ނިންމައިދިނުމަށް އެދި، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަން ޖެހޭކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުން 2026 ޖޫން 06 ވީ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު 2026 ޖޫން 20 އަށް ހަމަވެފައިވާއިރު އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލައެއް ހުށަހަޅާފައި ނުވާކަން ކަށަވަރުކުރުމަށްފަހު، އެގޮތުގެމަތީން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 1-61 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްފަހު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއި ތަކެތީގެ ތެރެއިން އަންނަނިވި ލިޔެކިޔުމާއި ތަކެތި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އިލެކްޝަންސް ކޮމިޝަނުން ނައްތާލެވިދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، 2026 ޖޫން 06 ވީ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ގެ ބާކީހުރި ވޯޓު ކަރުދާހާއި އެ ކަރުދާހުގެ ކައުންޓަރ ފޮއިލް، ވޯޓު ގުނާފައިވާ ވޯޓު ކަރުދާސް، ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގެ ކައުންޓަރ ފޮއިލް، ޙަލާކުވެފައިވާ ވޯޓު ކަރުދާސް ހުރިނަމަ އެ ކަރުދާސް، ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްފައިވާ ލިސްޓު ހިމެނޭގޮތުން، ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުތައް، ނައްތާލުމަށް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
11. 2026 އޮކްޓޫބަރު 12 އިން 17 އަށް، ފިލިޕީންސްގެ މެނީލާގައި ބޭއްވުމަށް ހަމަޖެހިފައިވާ "އޭ-ވެބްގެ 7 ވަނަ ޖެނެރަލް އެސެމްބްލީ" ގައި ބައިވެރިވުމަށް އެދި، އެސޯސިއޭޝަން ފޯ ވާރލްޑް އިލެކްޝަން މެނޭޖްމަންޓް ބޮޑީސާ އާއި ދަ ކޮމިޝަން އޮން އިލެކްޝަންސް އޮފް ދަ ފިލިޕީންސް (ކޮމެލެކް) އިން މި ކޮމިޝަނަށް ފޮނުވައިފައިވާ ދަޢުވަތާ ގުޅޭ.
2026 އޮކްޓޫބަރު 12 އިން 17 އަށް، ފިލިޕީންސްގެ މެނިލާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން ފޯ ވާރލްޑް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ 7 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވުމަށްއެދި، އޭ-ވޭބްގެ ސެކްރެޓޭރިއެޓުން ދަ ކޮމިޝަން އޮން އިލެކްޝަންސް އޮފް ދަ ފިލިޕީންސް (ކޮމެލެކް) އިން މި ކޮމިޝަނަށް ފޮނުވައިފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު، އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އަދި، މި ދަތުރުގެ އެންމެހާ ކަންކަން އިދާރީ ބަޖެޓުން ކޮންޓްރޯލްކޮށްގެން ހަމަޖެއްސުމުގެ ބަދަލުގައި، އޭ-ވެބަށް މިކޮމިޝަނުން ދައްކާ އަހަރީ ފީގެ ތެރެއިން ހަމަޖެއްސުމަށްވެސް، ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.










