ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. އޮފިސަރ އަޙްމަދު ރިފްޢަތު ގެ ޕްރޮބޭޝަން ރިޕޯޓާ ގުޅޭ.
ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރ އަޙްމަދު ރިފްޢަތުގެ ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ރިޔާޢަތްކޮށް މި މުވައްޒަފުގެ ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް މުވައްޒަފު ދާއިމީ ކުރުމަށް، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. އެސިސްޓެންޓް ޑިރެކްޓަރ ހިދާޔާ މުޙައްމަދު ގެ ޕްރޮބޭޝަން ރިޕޯޓާ ގުޅޭ.
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ ހިދާޔާ މުޙައްމަދު ގެ ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ރިޔާޢަތްކޮށް މި މުވައްޒަފުގެ ސުޕަވައިޒަރ، (ޑިވިޜަން ހެޑް) އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް މުވައްޒަފު ދާއިމީ ކުރުމަށް، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
3. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ އޮފިޝަލުންގެ ލިސްޓު ފާސްކުރުން.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 އާ ގުޅިގެން ސ.ހިތަދޫގައާއި، މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓު ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާ ގޮތުގެމަތިން ފާސް ކުރެއްވުމަށް، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އަދި ލިސްޓަށް އެއްވެސް ބަދަލެއް އަންނަކަމުގައިވާނަމަ، އެ ބަދަލެއް އިދާރީގޮތުން ގެނައުމަށްފަހު މެންބަރުންނާ ޙިއްޞާ ކުރުމަށާއި، ބަދަލު އަންނަ ލިސްޓުގައި މެންބަރުން ސޮއި ކުރެއްވުމުން އެންޑޯސްވީކަމުގައިވެސް، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
4. އެޕްރީލް 2026 ގެ ޚަރަދު ރިޕޯޓު ޙިއްޞާ ކުރުން.
އެޕްރީލް 2026 ގެ ޚަރަދު ރިޕޯޓު، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކުރައްވާފައެވެ.
އަދި ބަޖެޓު ޔުޓިލައިޒް ކުރެވޭނެ މެކްސިމަމް ގޮތެއްބަލައިގެން އިތުރު ޚަރަދެއް ކުރާކަމަށްވާނަމަ މެންބަރުންގެ މަޢުލޫމާތަށްޓަކައި އެކަމެއް ނެގައުމަށްވެސް، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
5. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓު ގުނުމާއި، ޞައްޙަ ބާޠިލު ކަނޑައެޅުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ޙުކުމްތަކާގުޅޭ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2026/HC-I-SH/1 އަދި ނަންބަރު2026/HC-I-SH/2 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމްތަކާއި ގުޅިގެން، އަންނަނިވި ކަންކަމަށް ޢަމަލު ކުރުމަށް، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
ޤަޟިއްޔާ ނަންބަރު 2026/HC-I-SH/1 (މ.ވޭވަށު ކައުންސިލް މެންބަރުގެ އިންތިޚާބާގުޅޭ)
ވޯޓުކަރުދާހުގައި ހުރި ތިކިތަކަކީ ވޯޓުކަރުދާސް ޗާޕުކުރިއިރުވެސް ހުރި ތިކިތަކެއްކަމަށް ގުނާ މަރުކަޒުގެ ވެރިޔާއަށް ކަށަވަރުވާތީ، ޞައްޙަކަމަށް ކަނޑައަޅާފައިވާ 3 ވޯޓު ކަރުދާހާއި ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ހިމެނޭ 3 (ތިނެއް) ވޯޓުކަރުދާހަކީ، އެ ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގައެއް ހުރި ކަރުދާސްތަކެއްކަން އެނގެން އޮތުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، އެ ވޯޓުތަކުގެ ސިއްރުކަން ކަށަވަރު ކުރެވިފައިނުވުމުގެ މައްޗަށް، ބާޠިލު ކަރުދާސްތަކެއް ކަމުގައި ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރައްވާފައިވާތީ، މީގެކުރިން ބާއްވާފައިވާ އިންތިޚާބުތަކުގައިވެސް ޢަމަލު ކޮށްފައިވާގޮތަށް، އެކަށީގެންވާ ވަގުތު އޮއްވައި ދުރާލާ ކަރުދާސް ޗާޕުކޮށް، ކުރިންވެސް ވޯޓުކަރުދާސް ޗެކްކުރާ މިންގަނޑަށް ވޯޓުކަރުދާސްތައް ޗެކްކުރުމުގެ އިދާރީ ޕްރޮސެސް އިތުރަށް ހަރުދަނާކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުން.
މީގެއިތުރުން ކުރިއަށްއޮތްތަނުގައި ވޯޓުކަރުދާހުގައި ހުންނަ ތިކި ސާފުކުރެވޭނަމަ ސާފުކޮށް ތިކި ނައްތާލުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްގެން ކުރިއަށް ގެންދިއުން.
ޤަޟިއްޔާ ނަންބަރު 2026/HC-I-SH/2 (ދ.މީދޫ ކައުންސިލް ރައީސްގެ އިންތިޚާބާގުޅޭ)
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ގުނާ މަރުކަޒުގެ ވެރިޔާ ބާޠިލުކަމަށް ކަނޑައަޅާފައިވާ ވޯޓުކަރުދާހެއް އެއީ ޞައްޙަ ވޯޓުކަރުދާހެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރައްވާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ކޭސްތަކާ ސީދާގުޅިގެން ވަކިގޮތްތަކެއް ކަނޑައެޅުމަށްވުރެ އެއްފާހަގައަށްވުރެ ގިނަފާހަގަ ހުންނަ މައްސަލައިގައި ޤާނޫނާއި ގަވާއިދުގައި ފަވާފައި ހުންނަ ފާހަގަ އިންޓަރނަލް އުޞޫލުގެ ތެރެއިން މާނަކޮށްދިނުމާއި އެފަދަ ފާހަގަތަކަކީ ޞައްޙަ ފާހަގަތަކެއްގެ ގޮތުގައި ގުނުން.
ވޯޓުކަރުދާހުގައި ފާހަގަ ޖަހާފައި އޮންނައިރު ގުޅިގެންދާގޮތަށް ނުވަތަ އެއްފާހަގަ މައްޗަށް އަނެއްފާހަގަ އަރާގޮތަށް މަތިމައްޗަށް ޖަހާފައިއޮންނަ ފާހަގައަކީ އެއީ ފެވުންކަމުގައި މާނަކުރުމާއި، އެވޯޓުދިނީ ކާކަށްކަން ޔަޤީންވާކަމަށްވާނަމަ ޞައްޙަ ވޯޓުގެ ގޮތުގައި ގުނަން މިންގަނޑަށް ބަދަލުގެނައުމާއި އަދި ނުގުޅޭގޮތަށް ތަކުރާރުކޮށް ފާހަގަ ޖަހާފައި އޮންނަ އޮތުމަކީ އެއްފާހަގައަށްވުރެ އިތުރު ފާހަގައެއްކަމަށް ބަލައި ބާޠިލު ވޯޓެއްކަމުގައި ކަނޑައެޅުމާއި، މިގޮތުގެމަތިން އޮފިޝަލުންގެ ތަމްރީނުތައް އިދާރީގޮތުން ކުރިއަށް ގެންދިއުން.
6. ޖުމްހޫރީ ޕާޓީގެ މާލީ ބަޔާން ޙިއްޞާ ކުރުމާގުޅޭ.
ޖުމްހޫރީ ޕާޓީގެ މާލީ ބަޔާން، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ މާލީ ބަޔާނަކީ އެ ޕާޓީގެ މާލީ މުޢާމަލާތްތައް ތެދުވެރިކަމާއި ޙަޤީޤަތާއި އެއްގޮތަށް ދައްކުވައިދޭ އަދި "އިންޓަރނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިންގ ސްޓޭންޑަރޑްސް" އާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ މާލީ ބަޔާނެއްކަން އެޕާޓީގެ މާލީ ބަޔާން އޮޑިޓް ކޮށްފައިވާ ފަރާތުން ބަޔާން ކޮށްފައިވާތީއާއި، މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް އެއްވެސް މުޢާމަލާތެއް ހިންގާފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިނުވާކަމަށް މި ކޮމިޝަނުގެ އިންޓަރނަލް އޮޑިޓް އަދި ލީގަލް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ހުށަހަޅާފައިވާތީ، ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ އެ ޕާޓީގެ މާލީ ބަޔާން ރަނގަޅުކަމަށާއި، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ އެންޑޯސް ކުރައްވާފައެވެ.
7. ޢަދާލަތު ޕާޓީގެ ޤައުމީ ބައްދަލުވުމާބެހޭ މަޢުލޫމާތު ޙިއްޞާ ކުރުމާގުޅޭ.
ޢަދާލަތު ޕާޓީގެ ޤައުމީ ބައްދަލުވުމާއި ބެހޭ މަޢުލޫމާތު، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކުރައްވާފައެވެ.
މިގޮތުން، ޤާނޫނު ނަންބަރު2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 14 ވަނަ މާއްދާގެ (ޓ) ގައި ކޮންމެ ސިޔާސީ ޕާޓީއެއްގެ އަސާސީ ގަވާއިދުގައި މަދުވެގެން ކޮންމެ 5 (ފަހެއް) އަހަރަކުން 1 (އެކެއް) ފަހަރު ޤައުމީ ބައްދަލުވުން ބާޢްވާންވާނެކަން ބަޔާން ކޮށްފައިވެއެވެ. ޢަދާލަތު ޕާޓީން އިސްވެ ދެންނެވި ޤައުމީ ބައްދަލުވުން ބާއްވާފައިވަނީ 2021 މާރިޗު 11 އިން 13 އަށް ކަމުން، ޤާނޫނުގައިވާ ގޮތުގެމަތިން، ޕާޓީގެ ޤައުމީ ބައްދަލުވުން 2026 މާރިޗު 13 ގެ ކުރިން ބާއްވަންޖެހެއެވެ. އެހެންކަމުން، ޤައުމީ ބައްދަލުވުން 2026 މާރިޗު 5 އިން 7 ގެ ނިޔަލަށް ބާއްވާފައިވާކަން އެ ޕާޓީގެ ނަންބަރު:AP/LTR/2026/04/001 (29 އެޕްރީލް 2026) ސިޓީއާއި އެކު ޔައުމިއްޔާ މި ކޮމިޝަނާއި ޙިއްޞާ ކޮށްފައިވާކަން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ހުށަހަޅާފައިވާތީ، އެގޮތުގެމަތިން ޢަދާލަތު ޕާޓީގެ ޤައުމީ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތަކަކީ އުސޫލާއި އެއްގޮތަށް ނިންމާފައިވާ ކަންތައްތަކަމަށްވާތީ، ޕާޓީގެ ޤައުމީ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތައް، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ އެންޑޯސް ކުރައްވާފައެވެ.
8. ރީ-އެމްޕްލޯއިމަންޓް އުޞޫލު ޙިއްޞާ ކުރުން.
ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ގޮތުގެމަތިން، ޤާނޫނު ނަންބަރު 2026/1 (ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނު) އާއި ގަވާއިދު ނަންބަރު 2026/R-16 (ރީ-އެމްޕްލޯއިމަންޓްގެ ޢާންމު ގަވާއިދު) ގެ ދަށުން ކޮމިޝަނުގެ ގަވާއިދުގައި ހިމެނުމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާ އުޞޫލު ރަނގަޅުކަމަށް، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އަދި މި އުޞޫލުގެ 9 ވަނަ މާއްދާގެ 9.2 ގައި ޙަވާލާދީފައިވާ މާއްދާއަކީ 8.1 ކަމަށް ލިޔެވިފައިއޮތް އޮތުން 9.1 އަށް ބަދަލުކޮށް އިޞްލާޙު ކުރުމަށްފަހު ކުރިއަށް ގެންދެވުމަށްވެސް، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
9. ސެޓްފިކެޓް ކޯސް އޮން އާޓިފިޝަލް އިންޓެލިޖެންސް، އިލެކްޝަންސް އެންޑް ޑިމޮކްރެޓިކް ގަވަރނަންސް ޓްރެއިނިންގ ޕްރޮގްރާމާގުޅޭ.
ސެޓްފިކެޓް ކޯސް އޮން އާޓިފިޝަލް އިންޓެލިޖެންސް، އިލެކްޝަންސް އެންޑް ޑިމޮކްރެޓިކް ގަވަރނަންސް ގައި ބައިވެރިވުމަށް އިންޑިއާ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓް (IIIDEM) އިން އެޑްވައިޒަރީ ބޯޑާއިއެކު އެސޯސިއޭޓެއްގެ ގޮތުގައި ބައިވެރިވުމަށް މި ކޮމިޝަނުން ބޭފުޅަކު ހަމަޖައްސައި ދިނުމަށްއެދި މި ކޮމިޝަނަށް ދެއްވާފައިވާ ދަޢުވަތަކީ 6 ހަފްތާއަށް ދެމިގެންދާ މި ޕްރޮގްރާމަކަށްވެފައި، އައިޓީއާއި އޭއައި އިންޓަރގްރޭޓް ވާގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއްކަމަށްވާތީ، އިންފޮރމޭޝަން ސިސްޓަމްސް ސެކްޝަނުގެ ޑިރެކްޓަރ، މުޙައްމަދު އަނީލް ގެ ނަން ހުށަހެޅުމަށް، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
10. ރާއްޖެއިން ބޭރުން ކޮމިޝަނަށް ލިބޭ ސެޓްފިކްޓް ކޯސްތައް ނުވަތަ ޓްރެއިނިންގތަކަކީ ކަރިކިއުލަމް ތެރޭގައި މިންކުރެވޭ އެއްޗަކަށް ހެދުމާގުޅޭ.
ރާއްޖެއިން ބޭރުން މި ކޮމިޝަނަށް ލިބިގެން ފުރިހަމަކުރެވޭ ސެޓްފިކްޓް ކޯސްތައް ނުވަތަ ޓްރެއިނިންގތަކަކީ ކަރިކިއުލަމް ތެރޭގައި މިންކުރެވޭ އަދި ސެޓްފިކެޓް ލެވެލްގައިވެސް މިންކުރެވޭ އެއްޗަކަށް ހެދޭތޯ ސެކްރެޓަރީ ޖެނެރަލް އިދާރީގޮތުން ބެއްލެވުމަށް، ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.








