އިންތިޚާބާ ގުޅިގެން ބާއްވާ 505 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ދ.މީދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިތުރު ބުރެއް ބޭއްވުމާގުޅޭ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/2 ޤަޟިއްޔާއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ.މީދޫ ގައި ބެހެއްޓުނު ދ.މީދޫ 2 (M1.2 |208) ނަންބަރު ވޯޓުފޮށީގެ ދ.މީދޫ ދާއިރާގެ 1 ވޯޓުކަރުދާސް ޞައްޙަކަމަށް ކަނޑައަޅައި، މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2026/465 އިޢުލާނުން ޢަންމުކޮށްފައިވާ ރަސްމީ ނަތީޖާ އިޞްލާޙު ކުރުމަށްފަހު އަލުން އިޢުލާނުކުރުމަށް ޙުކުމް ކުރައްވާފައިވާތީ، އެގޮތުގެމަތިން އިޞްލާޙުކޮށް ދ.މީދޫ ކައުންސިލްގެ ރަސްމީ ނަތީޖާ އިޢުލާނުކޮށް، އިޞްލާޙު ކޮށްފައިވާ ދ.މީދޫ ކައުންސިލްގެ ރަސްމީ ނަތީޖާގައި، ދ.މީދޫ ކައުންސިލްގެ ރައީސްގެ ދ.މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާތީ، ދ.މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބިގެން އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އިތުރު ބުރެއް ބޭއްވުމަށް، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާ ކަލަންޑަރުގައިވާ ތާރީޚުތަކާއި އެއްގޮތަށް ބައި-އިލެކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި އެގޮތުން، 2026 ޖޫން 13 ވާ ހޮނިހިރު ދުވަހު ދ.މީދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބުގެ އިތުރު ބުރު ބޭއްވުމަށާއި، މި އިންތިޚާބުގައި ފާހަގަޖަހާނީ ވޯޓުލާ މީހާގެ ވާތު ކަށިއިނގިލީގައިކަމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 505 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
އަދި މިނޫންވެސް އިންތިޚާބާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ތަރުތީބު ކުރުމުގައި ކޮމިޝަނުގެ އިތުރު ބައްދަލުވުމަކަށް ނުގެނެސް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން ކަންކަން ކުރިއަށް ގެންދިއުމަށްވެސް، އިންތިޚާބާ ގުޅިގެން ބޭއްވި 505 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. ދ.މީދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުމާގުޅޭ ޝަކުވާގެ ނިޒާމު ޤާއިމުކުރުން.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/2 ޤަޟިއްޔާއާއި ގުޅިގެން، 2026 އެޕްރީލް 04 ވީ ހޮނިހިރު ދވުަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ދ.މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އަދި ގަވާއިދު ނަންބަރު 2025/R-118 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދު) ގެ 50 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދ.މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރު ބުރުގެ އިންތިޚާބު ބޭއްވުމަށް އިޢުލާނު ކުރުމާއެކު ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 62 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އިންތިޚާބާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި ތިރީގައި ދަންނަވާފައިވާ ގޮތުގެމަތިން، ޝަކުވާގެ ނިޒާމު ޤާއިމު ކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 505 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
ޝަކުވާ ބަލާ ކޮމިޓީގައި ހިމެނޭ ބޭފުޅުން:
1. ޑިރެކްޓަރ، އަލްއުސްތާޛާ ޢާލިޔާ ޙަނީފް - ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން
2. ޑެޕިއުޓީ ޑިރެކްޓަރ، އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ - ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން
3. އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ޝައުޝަން މޫސާ - ޕްލޭނިންގ ޕޮލިސީ އެންޑް ރިސަރޗް ސެކްޝަން
އަދި ހަމައެއާއެކު، 2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ޝަކުވާ ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކޮމިޝަނަރސް ބިއުރޯގެ އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ޝަބާ ބާޤިރު، ރަސްމީ ދަތުރެއްގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ، މި ބައި-އިލެކްޝަންގައިވެސް 2026 ޖޫން 13 ވާ ހޮނިހިރު ދުވަހު ބާއްވާ، ދ.މީދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބަށް އެކުލަވާލި ޝަކުވާ ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ހަމަޖެއްސުމަށްވެސް އިންތިޚާބާ ގުޅިގެން ބޭއްވި 505 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.









