އިންތިޚާބާ ގުޅިގެން ބާއްވާ 498 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ނަތީޖާއާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކާގުޅޭ.
2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ނަތީޖާތަކާ ގުޅިގެން، ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅައިފައިވާ ޝަކުވާތަކުގެ ތެރެއިން ވޯޓުފޮށިތައް އަލުން ގުނުމަށް ނިންމުމުގައި ކޮމިޝަނުން ބަލާނެ މިންގަނޑަކީ، އެ ޝަކުވާއެއްގައި ވޯޓު ގުނުމަށް އެދި ހުށަހަޅައިފައިވޭތޯއާއި، ވޯޓުގެ ޞައްޙަކަމާމެދު ސުވާލު އުފެދި ނަތީޖާއަށް އަސަރުފޯރުވާފަދަ ކަމެއް ހިނގާފައިވޭތޯއާއި، ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުން އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަހަޅައިފައިވޭތޯއާއި، މިފަދަ ޝަކުވާތަކާ ގުޅިގެން މީގެ ކުރީން ކޯޓުތަކުން ނިންމަވައިފައިވާ ނިންމުންތަކާއި، އެ ހާދިސާއާ ގުޅިގެން ކަންހިނގައިދިޔަގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ކޯޑިނޭޓަރުންނާއި، ފޮށީގެ ވެރިންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަކަށް ބިނާކޮށް، ވޯޓުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭ ކަމެއް މެދުވެރިވެގެން ނަތީޖާއަށް އަސަރުފޯރުވާ މައްސަލަތަކާ ގުޅޭ ޝަކުވާތައް އެކަނި ކަމުގައި، އިންތިޚާބާ ގުޅިގެން ބޭއްވި 498 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވައިފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ނަތީޖާތަކަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން، މައިގަނޑުގޮތެއްގައި ހެކި ހުށަހަޅައިފައިހުރި ޝަކުވާތަކުގެ ހެއްކާއި ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓަށް ބަލައި، އަދި ހެކި ހުށަހަޅައިފައިނުވާ މައްސަލަތަކުގައިވެސް ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓަށް ބަލައި ރިޕޯޓުގައި އެކަންކަން ބަޔާންކޮށްފައި ނެތްނަމަ، ކޯޑިނޭޓަރުން އަދި ފޮށީގެ ވެރިޔާގެ ފަރާތުން މަޢުލޫމާތު ސާފުކުރުމަށްފަހު، ނަތީޖާގެ ފަރަގުގެ އިތުރުން ހުށަހަޅައިފައިވާ ޝަކުވާގެ ތަފްޞީލަށް ބަލައި، ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ވޯޓުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭ ކަންކަމަށް އިސްކަންދީ، ދ.މީދޫ، މ.ވޭވަށް، ލ.މާވަށް އަދި ތ.ތިމަރަފުށި؛ މި 4 ދާއިރާއާ ގުޅޭގޮތުން ހުށަހަޅައިފައިވާ ޝަކުވާތަކާ ގުޅޭގޮތުން، ތިރީގައި މި ދަންނަވާ ގޮތުގެމަތީން ޢަމަލުކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 498 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވައިފައެވެ.
ކޮމިޝަނުން ނިންމަވައިފައިވާ ކަންކަން
1. ދ.މީދޫ ދާއިރާގެ 2 ނަންބަރު ވޯޓުފޮއްޓާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު، ޞައްޙަ ވޯޓު ބާޠިލު ވޯޓުގެ ގޮތުގައި އަދި ބާޠިލު ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި ގުނާފައިވާކަމަށް ތުހުމަތު ކޮށްފައިވާތީއާއި، ޤާނޫނާ ޚިލާފު ވޯޓެއް ދީފައިވާކަން އެނގެން އޮތުމުން، ވޯޓުގެ ނަތީޖާ ކަށަވަރުކުރަންޖެހޭ ކަމަށް ފެންނާތީވެ، މިބާވަތުގެ މައްސަލައެއްގައި ހައިކޯޓުގެ ނަންބަރު:03/2021/HC-I-SH ޤަޟިއްޔާ އިން ޝަކުވާއަކާ ގުޅިގެން ކޮމިޝަނަށް ހުށަހަޅައިފައިވާ މައްސަލައެއްގައި ތަޙްޤީޤްކުރަންޖެހޭ ވަރުގެ ކަމެއް އޮތްކަމަށް ޤަބޫލުކުރެވޭ ޙާލަތުގައި، ނުވަތަ ޞައްޙަ ވޯޓު ނުވަތަ ބާޠިލު ވޯޓު ކަނޑައެޅިގޮތާ ގުޅިގެން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށް ޤަބޫލުކުރެވޭ ޙާލަތުގައި، އިންތިޚާބުގެ ނަތީޖާ ކަށަވަރު ކުރެވޭނީ އެ ވޯޓު ފޮށްޓެއްގެ ޞައްޙަ ވޯޓާއި ބާޠިލު ވޯޓު ގުނައިގެން ކަމަށް (ނުކުތާ 3.7.7) ބަޔާންކޮށްފައިވާތީ އެގޮތުގެމަތީން ޢަމަލުކުރުމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ލަފާ ދެއްވާފައިވާތީވެ، ދ.މީދޫ 2 ނަންބަރު ފޮށި 2026 އެޕްރީލް 10 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ކަނޑައި، ގުނުން.
2. ލ.ފޮނަދޫ 3-|245 ނަންބަރު ފޮއްޓަށް ރަޖިސްޓަރީކޮށްފައިވާކަމަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުން ލިސްޓުން ދައްކަނީ 4 ފަރާތެއް ކަމަށާއި، މީގެތެރެއިން އެއް ފަރާތެއް ވޯޓުލުމަށްޓަކައި ލ.ފޮނަދޫއަށް ގޮސްފައި ނުވާއިރު ވޯޓުދީފައިނުވާނެކަން އެ ފަރާތުން ވިދާޅުވެ އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް ހުށަހަޅައިފައިވާއިރު، 4 ފަރާތަކުން ލ.ފޮނަދޫ 3-|245 ނަންބަރު ފޮއްޓަށް ވޯޓުލާފައިވާކަމަށް ވަގުތީ ނަތީޖާއިން ދައްކާތީއާއި، މި 4 ފަރާތުންވެސް ވޯޓުކަރުދާހުގައި ފާހަގަޖަހައިފައިވަނީ އެއް ކެންޑިޑޭޓެއްގެ ނަމާދިމާލުގައިކަމުން، މި 4 ވޯޓު ކަރުދާހުން 1 ކަރުދާހަކީ ޤާނޫނާ ޚިލާފު ވޯޓު ކަރުދާހެއްކަން ސާބިތުވާތީވެ، މީގެ ތެރެއިން 1 ވޯޓުކަރުދާސް ބާޠިލްކޮށް، އެ ދާއިރާގެ ނަތީޖާއިން އުނިކުރުން.
3. މ.ވޭވަށް ނަންބަރު:K2.1 ވޯޓުފޮއްޓާ ގުޅިގެން ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން، މ.ވޭވަށު ކައުންސިލް މެންބަރުގެ ވޯޓުގެ ތަފާތަކީ 2 ވޯޓު ކަމަށް ވެފައި، ހުށަހަޅައިފައިވާ ޝަކުވާގައި މުޅި ކަރުދާސް ބާޠިލްވާނެ ކަމަށް ބުނެފައިވާ 12 ވޯޓުދީފައިވަނީ އަހުޝަމް ނައީމަށް ކަމަށް ވުމުން، 12 ވޯޓު ބާޠިލްވެއްޖެނަމަ، މުޅި ވޯޓުގެ ނަތީޖާއަށް އަސަރު ކުރާނެތީ، މ.ވޭވަށް ނަންބަރު:K2.1 ވޯޓުފޮށީގެ ޙަވާލާދޭ ކަރުދާސްތައް ޗެކްކުރުމަށްޓަކައި އެ ފޮށި ގުނުމަށް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ލަފާ ދެއްވާފައިވާތީވެ، އެގޮތުގެމަތީން މ.ވޭވަށް K2.1 ވޯޓުފޮށި 2026 އެޕްރީލް 10 ވާ ހުކުރު ދުވަހުގެ ރޭ 9:00 ގައި ކަނޑައި، ގުނުން.
4. މިގޮތުން، ދ.މީދޫ ދާއިރާގެ 2 ނަންބަރު ވޯޓުފޮއްޓާއި މ.ވޭވަށް ނަންބަރު:K2.1 ވޯޓުފޮށި ކަނޑައި ގުނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނީ މި ކޮމިޝަނުގެ ޑިރެކްޓަރ ޝަހުލާ އިސްމާޢީލާއި، ޓްރެއިނަރ ފާޠިމަތު ޒުހުދާއި އިންޓަރނަލް އޮޑިޓަރ ޝަހުލާ ރުޝްދީ ކަމުގައި، ކަނޑައެޅުން.
5. އަދި މި ފޮށިތައް ކެނޑުމަށްޓަކައި މި ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންނަށް ދަޢުވަތު ދިނުމަށާއި، އަދި މިނޫންވެސް ޤާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި އިޖުރާޢަތުތައް ފުރިހަމަ ކުރުން.
6. މީގެއިތުރުން، ލ.މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަށް ލިބިފައިވާ ވޯޓު އެންޓަރ ކުރުމުގައި އެހެން ކެންޑިޑޭޓަކަށް އެންޓަރ ކުރެވިފައިވާ މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމޭނީ، ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓާއި ކޯޑިނޭޓަރުންގެ ފަރާތުން ފުރިހަމަވެގެން ލިބެންޖެހޭ ލިޔެކިޔުންތައް ކޮމިޝަނަށް ލިބިގެންކަމުގައިވާތީ، މި ދެންނެވުނު ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު މި މައްސަލަ އަލުން ކޮމިޝަނަށް ހުށަހެޅުން.
7. ތ.ތިމަރަފުށީ، NT.2 (TH. Atoll, Male'-2) އަމީނިއްޔާ ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓާ ގުޅޭގޮތުން ހުށަހަޅައިފައިވާ ޝަކުވާގައި ވޯޓު ގުނާފައިވާ ގޮތާއިމެދު ސުވާލު އުފެދޭ ޙާލަތެއް ނެތަތީވެ އާއި، ލިޔެކިޔުންތަކަށް ބަލާއިރު ކަން ހިނގާފައިވާގޮތް ސާފުކޮށް އެނގެން އޮތަތީވެ، މި ވޯޓު ފޮށީގެ ގުނާ ޝީޓާއި، ނަތީޖާގެ ތަފްޞީލުތަކާ އެއްގޮތްވާ ގޮތުގެމަތީން، މި ކޮމިޝަނުގެ ކަމާގުޅޭ ސެކްޝަނުން ކަށަވަރުކުރުމަށްފަހު ވަކިގޮތެއް ނިންމުން.
8. އަދި މި މައްސަލައިގެ ޝަކުވާއަށް ޖަވާބު ދޭއިރު ކަންހިނގާފައިވާ ގޮތާއި މިކަމުގެ އެންމެހާ ތަފްޞީލުތައް ހިމަނައިގެން ޖަވާބު ދިނުން.
2. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރު ބާއްވާނެ ތާރީޚެއް ކަނޑައެޅުމާގުޅޭ.
2026 އެޕްރީލް 4 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ރަސްމީ ނަތީޖާއަށް ބަލައި އިތުރު ބުރެއް ބާއްވަންޖެހޭނަމަ، އެ ދާއިރާތަކުގެ އިންތިޚާބު ބާއްވާނެ ތާރީޚެއްކަމުގައި، އިންތިޚާބު ކަލަންޑަރުގައި ކުރިން ކަނޑައެޅުނު ތާރީޚަކީ 2026 އެޕްރީލް 14 ވާ އަންގާރަ ދުވަސް ކަމުގައިވީނަމަވެސް، އެ ދުވަހަކީ ރަސްމީ މަސައްކަތު ދުވަހަކަށްވެފައި، ވޯޓުލާ މަރުކަޒުތައް ހޯދުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެތީއާއި، ވޯޓުލާން ދާ ފަރާތްތަކަށްވެސް ދަތިތަކެއް ދިމާވެދާނެކަމަށް ފެންނާތީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރެއް 2026 އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 498 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވައިފައެވެ.
އަދި، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވެސް އޮތްގޮތަށް، ވޯޓުފޮށި ބަހައްޓާ ރަށްރަށުގައްޔާއި، މާލޭގައި ބަހައްޓާ ވޯޓުފޮށިތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ދިނުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 498 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވައިފައެވެ.












