ކޮމިޝަނުގެ 915 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާގެ އަހަރީ ޗުއްޓީއާގުޅޭ.
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާގެ އެދިފައިވާ އަހަރީ ޗުއްޓީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތް ނިމެންދެން ދެވެންނެތްކަމަށް އެ މުވައްޒަފުގެ ސުޕަވައިޒަރު ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނަށް އަންގާފައިވާތީއާއި، އިންތިޚާބުގެ މަސައްކަތްތައް ނިމުމުގެ ކުރީން މި މުވައްޒަފުގެ އަހަރީ ޗުއްޓީ ކެންސަލްވާތީވެ، މުވައްޒަފުގެ ރުޙުމާއެކު، މި މުވައްޒަފުގެ 2025-2024 ގެ އަހަރީ ޗުއްޓީގެ ތެރެއިން ނުނެގޭ ދުވަސްތައް، 2026 ގެ އަހަރީ ޗުއްޓީއަށް އިތުރުކުރުމަށް، ކޮމިޝަނުގެ 915 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. ޓާސްކް ފޯސް މުވައްޒަފު ޔޫސުފް ސިދާމް މުޙައްމަދު ވަޒީފާއިން ވަކިކުރުމާގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފުންނާއި އަދި ވަކިގޮތެއް ނާންގާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަ މުވައްޒަފުން އިދާރީގޮތުން ވަކިކުރުމަށްފަހު، އެކަން އެންޑޯޛްކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ، ޔޫސުފް ސިދާމް މުޙައްމަދު(A354061) ، ވަޒީފާއިން ވަކިވުމަށް އެދިފައިވާތީ، އިދާރީގޮތުން 2026 މާރިޗު 10 އިން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުން، އެގޮތުގެމަތީން އެންޑޯޛްކުރުމަށް، ކޮމިޝަނުގެ 915 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
3. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ އޮފިޝަލުންގެ ލިސްޓު ފާސް ކުރުމާގުޅޭ.
ލޯކަލް ކައުސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ އޮފިޝަލުންގެ ލިސްޓު، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާ ގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 915 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
4. ފެބުރުވަރީ 2026 ގެ ޚަރަދު ރިޕޯޓު ޙިއްޞާ ކުރުމާގުޅޭ.
ފެބުރުވަރީ 2026 ގެ ޚަރަދު ރިޕޯޓު ކޮމިޝަނާ ޙިއްޞާކުރެވިފައިވާ ކަމަށާއި އަދި ކޮމިޝަނަށް ޚަރަދު ރިޕޯޓު ހުށަހަޅާއިރު، ކޮމިޓްމަންޓްސްގެ ގޮތުގައި ރިއަލަރސްޓިކް ޢަދަދުތައް ޖެހުމަށްފަހު އެގޮތުގެމަތީން ރިޕޯޓު ތައްޔާރުކުރުމަށްފަހު ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 915 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން އިދާރީ ބޭނުމަށްޓަކައި، 3 އިންތިޚާބުގެ ޚަރަދުތައް ވަކިވަކީން ތައްޔާރުކުރުމަށްވެސް، ކޮމިޝަނުގެ 915 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
5. ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ މުދަލާއި ޚިދުމަތްތަކާއި ވަޞީލަތްތައް ހޯދުމާ ގުޅޭ
ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ މުދަލާއި ޚިދުމަތްތަކާއި ވަޞީލަތްތައް އިދާރީ ބަޖެޓުން ހޯދުމަށް އެ ބަޖެޓުން ޖާގަ ލިބިފައިނުވާތީވެ، އިންތިޚާބުގެ ބަޖެޓުން ހޯދެންހުރި މިފަދަ މުދަލާއި ޚިދުމަތްތަކާއި ވަޞީލަތްތައް ވީ އެންމެ އަވަހަކަށް ހޯދުމަށާއި، މިގޮތުން ކަރުދާސް މަދުކުރުމާއި ކޮމިޝަނުން ދެމުންދާ ޚިދުމަތްތަކާއި މަސައްކަތް ޑިޖިޓަލްކުރުމުގެ ސިޔާސަތުގެ ތެރެއިން، ސީނިއަރ މެނޭޖްމަންޓް ޓީމްގެ މުވައްޒަފުންނަށް ސަރފޭސްޕްރޯ ނުވަތަ އެފަދަ ޑިޖިޓަލް ޢާލާތުތައް ހޯދުމަށާއި، އަދިވެސް ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ މިފަދަ މުދަލާއި ޚިދުމަތްތަކާއި ވަޞީލަތްތައް ވީ އެންމެ އަވަހަކަށް ހޯދުމަށް، ކޮމިޝަނުގެ 915 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ބަޖެޓުނުކުރާ ތަކެތި ހޯދާކަމުގައިވަނީނަމަ، އެތަކެތި ހޯދުމުގެ ކުރީން ކޮމިޝަނުގެ ހުއްދައެއް ހޯދުމަށް ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވީނަމަވެސް، އެ އިޖުރާޢަތު ފުރިހަމަކުރުމަށް މިވަގުތަށް ވަގުތުނެތަތީވެ، ބަޖެޓުނުކުރާ މުދަލާއި، ޚިދުމަތްތަކާއި ވަޞީލަތްތައް ހޯދާކަމުގައިވަނީނަމަ، އެކަން ކުރުމުގެ ކުރީން ކޮމިޝަނުގެ މެންބަރުންނާ ސެކްރެޓަރީ ޖެނެރަލް މެދުވެރިކޮށް ޙިއްޞާކުރުމަށްފަހު، ކޮމިޝަނުގެ މެންބަރުން އެއްބަސްވެވަޑައިގަންނަވާ ގޮތެއްގެމަތީން ބަޖެޓުނުކުރާ މުދަލާއި، ޚިދުމަތްތަކާއި ވަޞީލަތްތައް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ބަޖެޓުން، ވީ އެންމެ އަވަހަކަށް ހޯދުމަށް، ކޮމިޝަނުގެ 915 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.











