އިންތިޚާބާ ގުޅިގެން ބާއްވާ 496 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ކެންޑިޑޭޓުން ހުށަހަޅާފައިވާ ނިޝާން، ލޯގޯ އަދި ޢާންމު ނަން ފާސްކުރުމާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ތާޢީދުހޯދުމުގެ ބޭނުމަށާއި، ވޯޓުކަރުދާހުގައި ޖެހުމަށް ހުށަހަޅާފައިވާ ނިޝާނާއި ލޯގޯ އަދި ފުރިހަމަ ނަމުގެ އިތުރުން ވޯޓުކަރުދާހުގައި ޖެހުމަށް ހުށަހަޅާފައިވާ ޢާންމު ނަންތައް، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 20 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދު) ގެ 14 ވަނަ މާއްދާއާއި، އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ތާޢީދު ހޯދަން ބޭނުންކުރާ ނިޝާން ފާސްކުރުމާއި، ވޯޓު ކަރުދާހުގައި ފޮޓޯ އާއި ނިޝާން ނުވަތަ ލޯގޯ އާއި ޢާންމު ނަން ޖެހުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލާ ޙަވާލާދީ، އަންނަނިވިގޮތުގެމަތީން ޢަމަލުކޮށް، އެގޮތުގެމަތީން ފާސްކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 496 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
(ހ.) ތާޢީދު ހޯދުމުގެ ބޭނުމަށް ސިޔާސީ ޕާޓީތަކުން، ހުށަހަޅާފައިވާ ނިޝާނާއި ލޯގޯ.
- ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާޓީގެ ޓިކެޓުގައި އިންތިޚާބަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންވެސް، ތާޢީދު ހޯދުމަށް ބޭނުންކުރާނެ ލޯގޯގެ ގޮތުގައި، އެ ޕާޓީގެ ނަންބަރު:PNC/LTR/2026/0016 (25 ޖަނަވަރީ 2026) ސިޓީއިން މި ކޮމިޝަނަށް ހުށަހަޅާފައިވާ ލޯގޯ، އެގޮތުގެމަތީން، ތާޢީދު ހޯދުމަށް ބޭނުންކުރުމަށް ފާސްކުރުން.
- ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި އިންތިޚާބަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންވެސް، ތާޢީދު ހޯދުމަށް ބޭނުންކުރާނެ ލޯގޯގެ ގޮތުގައި، ހުށަހަޅާފައިވާ އެ ޕާޓީގެ ލޯގޯ، އެގޮތުގެމަތީން، ތާޢީދު ހޯދުމަށް ބޭނުންކުރުމަށް ފާސްކުރުން.
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ގެ ޓިކެޓުގައި އިންތިޚާބަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންވެސް، ތާޢީދު ހޯދުމަށް ބޭނުންކުރާނެ ލޯގޯގެ ގޮތުގައި، ހުށަހަޅާފައިވާ އެ ޕާޓީގެ ލޯގޯ، އެގޮތުގެމަތީން، ތާޢީދު ހޯދުމަށް ބޭނުންކުރުމަށް ފާސްކުރުން.
- އަދި، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްގެ ޓިކެޓުގައި އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓަކު، ތާޢީދު ހޯދުމަށް ބޭނުންކުރާނެ ލޯގޯއެއްގެ ގޮތުގައި، އެ ޕާޓީގެ ލޯގޯ ނޫން އިތުރު އެހެން ލޯގޯއެއް ހުށަހަޅާފައިވާތީވެ، އެ ކެންޑިޑޭޓުވެސް ހުށަހަޅާފައިވާ ލޯގޯ، އެގޮތުގެމަތީން ތާޢީދު ހޯދުމަށް ބޭނުންކުރުމަށް ފާސްކުރުން.
- ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިޚާބަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންވެސް، ތާޢީދު ހޯދުމަށް ބޭނުންކުރާނެ ލޯގޯގެ ގޮތުގައި، ހުށަހަޅާފައިވާ އެ ޕާޓީގެ ލޯގޯ، އެގޮތުގެމަތީން، ތާޢީދު ހޯދުމަށް ބޭނުންކުރުމަށް ފާސްކުރުން.
(ށ.) ތާޢީދު ހޯދުމުގެ ބޭނުމަށް އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުން ހުށަހަޅާފައިވާ ނިޝާނާއި ލޯގޯ.
- އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން، ތާޢީދު ހޯދުމަށް ބޭނުންކުރާނެ ލޯގޯގެ ގޮތުގައި، ހުށަހަޅާފައިވާ ނިޝާން އަދި ލޯގޯ، ހުށަހަޅާފައިވާ ގޮތުގެމަތީން، ތާޢީދު ހޯދުމަށް ބޭނުންކުރުމަށް ފާސްކުރުން.
(ނ.) ވޯޓުކަރުދާހުގައި ކެންޑިޑޭޓުންގެ ފޮޓޯޖެހުން.
- ނިމިދިޔަ 2020 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައިވެސް، ވޯޓުކަރުދާހުގައި ކެންޑިޑޭޓުންގެ ފޮޓޯ ޖަހާފައިނުވާތީވެ، އެގޮތުގެމަތީން، 2026 އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައިވެސް، ކެންޑިޑޭޓުންގެ ފޮޓޯ ވޯޓުކަރުދާހުގައި ނުޖެހުމަށް ފާސްކުރުން.
(ރ.) ވޯޓުކަރުދާހުގައި ނިޝާން އަދި ލޯގޯ ޖެހުން.
- ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް، ވޯޓުކަރުދާހުގައި ނިޝާން ނުވަތަ ލޯގޯގެ ގޮތުގައި ބޭނުންކުރާނީ، އެ ކެންޑިޑޭޓަކު ތަމްޞީލްކުރާ ޕާޓީގެ ނިޝާން ނުވަތަ ލޯގޯކަމުގައި، ފާސްކުރުން.
- އިންތިޚާބަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، ވޯޓުކަރުދާހުގައި ނިޝާން ނުވަތަ ލޯގޯގެ ގޮތުގައި ހިމަނަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ނިޝާން ނުވަތަ ލޯގޯ، ހުށަހަޅާފައިވާ ގޮތުގެމަތީން، ފާސްކުރުން.
- އެހެންނަމަވެސް، ވޯޓުކަރުދާހުގައި ނިޝާން ނުވަތަ ލޯގޯގެ ގޮތުގައި ހެޔޮފާހަގައެއް ޖަހާފައިވާ ލޯގޯއެއް ނުވަތަ ނިޝާނެއް ބޭނުންނުކުރެވޭނެ ކަމަށް ނިންމުން.
- އަދި، ކެންޑިޑޭޓުގެ ފޮޓޯ ނުވަތަ، ނިޝާން ނުވަތަ ލޯގޯގެ ގޮތުގައި ކެންޑިޑޭޓުގެ ފޮޓޯ ނުވަތަ ސިފަ ރަމްޒުވާގޮތަށް ހުށަހަޅާފައިވާ ލޯގޯތަކާއި ނިޝާންތައްވެސް، ބޭނުންނުކުރެވޭނެ ކަމަށް ނިންމުން.
- މިގޮތުން، ކެންޑިޑޭޓުގެ ފޮޓޯ ނުވަތަ، ނިޝާން ނުވަތަ ލޯގޯގެ ގޮތުގައި ކެންޑިޑޭޓުގެ ފޮޓޯ ނުވަތަ ސިފަ ރަމްޒުވާގޮތަށް 7 ކެންޑިޑޭޓަކު، ވޯޓުކަރުދާހުގައި ހިމެނުމަށް ފޮޓޯ، ނިޝާން އަދި ލޯގޯ ހުށަހަޅާފައިވާތީ، އެ 7 ކެންޑިޑޭޓުންނަށް ނިޝާން ނުވަތަ ލޯގޯ އިޞްލާޙުކުރުމަށް ފުރުޞަތު ދިނުމަށް ނިންމުން.
- އެ 7 ކެންޑިޑޭޓުންވެސް، 2026 ފެބުރުވަރީ 10 ވަނަ ދުވަހުގެ 14:00 ގެ ކުރީން، މައިޕޯޓަލް މެދުވެރިކޮށް ވޯޓުކަރުދާހުގައި ޖެހުމުގެ ބޭނުމަށް ނިޝާން ނުވަތަ ލޯގޯ ހުށަހެޅުމަށް ފުރުޞަތު ދީ، އިޞްލާޙު ކުރުމަށްފަހު އަލުން ހުށަހަޅާ ނިޝާން ނުވަތަ ލޯގޯ، ކޮމިޝަނުގެ ރަސްމީ ޖަލްސާއަކަށް ހުށަހެޅުމުގެ ބަދަލުގައި، ކޮމިޝަނުގެ މެންބަރުންނާ ޙިއްޞާކުރުމަށްފަހު، ކޮމިޝަނުގެ މެންބަރުން ނިންމާ ގޮތެއްގެމަތީން ކުރިއަށް ގެންދިއުމަށް ފާސްކުރުން.
(ބ.) ފުރިހަމަ ނަމުގެ އިތުރުން، ވޯޓުކަރުދާހުގައި ޖެހުމަށް ހުށަހަޅާފައިވާ ޢާންމު ނަންތައް.
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް، ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން، ފުރިހަމަ ނަމުގެ އިތުރުން، ވޯޓުކަރުދާހުގައި ޢާންމު ނަމެއް ހިމަނައިދިނުމަށްއެދި ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، 3 ކެންޑިޑޭޓެއްގެ ހުށަހެޅުން ފިޔަވައި، ހުރިހާ ކެންޑިޑޭޓުން ހުށަހަޅާފައިވާ ޢާންމު ނަން، ހުށަހަޅާފައިވާ ގޮތުގެމަތީން ފާސްކުރުމަށް ނިންމުން.
- ވޯޓުކަރުދާހުގައި ހިމެނުމަށް ހުށަހަޅާފައިވާ ޢާންމު ނަންތަކުގެ ތެރެއިން، އެ ނަމަކުން އެއީ ޝިޢާރެއްކަން ނުވަތަ ކުރާކަމެއްކަން ނުވަތަ ތަނެއްކަމަށްވާނަމަ، އެއީ ޖުމްލަކޮށް ޢާންމު ނަމެއްގެ ގޮތުގައި ނުބެލޭނެ ނަންތަކެއް ކަމަށް ނިންމުން.
- އެހެންކަމުން، މި ދެންނެވުނު 03 ކެނޑިޑޭޓުންގެ މަޢުލޫމާތު ޞައްޙަތޯ ކަށަވަރުކުރުން. އަދި އެ ނަންތަކަކީ ޙަޤީޤަތުގައިވެސް އެ ކެންޑިޑޭޓުންނަށް ޢާންމު ނަމެއްގެ ގޮތުގައި ބޭނުންކުރާ ނަންތަކެއް ކަށަވަރުކޮށް، އެގޮތުގެމަތީން ކުރިއަށް ދިއުމަށް ނިންމުން.









