ޖަލްސާތައް

ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާއެވެ.

ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ. އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް ހުންނެވީ ޗުއްޓީގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

  1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، އެކި ސަބަބުތަކާ ހުރެ ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް އެދިފައިވާ މުވައްޒަފުންނާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފުންނާއި އަދި ވަކިގޮތެއް ނާންގާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަ މުވައްޒަފުން އިދާރީގޮތުން ވަކިކުރުމަށްފަހު، އެކަން އެންޑޯޒްކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް އެދިފައިވާ، ތިރީގައި ދަންނަވާފައިވާ މުވައްޒަފުން ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ވަޒީފާއިން ވަކިކުރުމަށް އިދާރީގޮތުން ނިންމާފައިވާ ނިންމުން، އެގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

· ސީނިއަރ އޮފިސަރ، މަރްޔަމް ފަރުޙަތު – ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން

· އޮފިސަރ، ރިޝްމީ ރަޝީދު - ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

· އޮފިސަރ، ހަމްނާ އިބްރާހީމް ރަޝީދު - ރަޖިސްޓްރޭޝަން ސެކްޝަން

· އޮފިސަރ، ސާއިން މުޙައްމަދު - ރަޖިސްޓްރޭޝަން ސެކްޝަން

· އޮފިސަރ، މަރްޔަމް އަނާން ޝާކިރު - ރަޖިސްޓްރޭޝަން ސެކްޝަން

· އޮފިސަރ، ލަމްޢަތު ޢަލީ - ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

· އޮފިސަރ، ޢާއިޝަތު ނުހާ - އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

· ސީނިއަރ އޮފިސަރ، އާމިނަތު ސުޒާނާ - ޕްރޮކިއުމަންޓް ސެކްޝަން

· އޮފިސަރ، ޒީނަތު ޢަލީ – ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން

 

    2. ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރ މުޙައްމަދު މަސީޙް ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅާފައިވާ ފޯމާގުޅޭ.

ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރ މުޙައްމަދު މަސީޙް (ދާއިމީ/ ޖީއެސް 3) ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅާފައިވާތީ، އޮފިސަރ މުޙައްމަދު މަސީޙް (ދާއިމީ/ ޖީއެސް 3) ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރ (ދާއިމީ/ ޖީއެސް 3) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރުމަށާއި، އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްޓަކައި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2026/01: މެމޯއިން ހުށަހަޅާފައިވާ އިންޓަރވިއު ޕެނަލް އަދި ބަދަލު ޕެނަލިސްޓުންވެސް ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް، ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   3. 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ޢާންމުކޮށްފައިވާ ނަންބަރު (IUL)38-BB/38/2025/260 އިޢުލާނާ ގުޅިންގެން، 2025 ޑިސެންބަރު 4 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއާއި، ކުރެވުނު އިންޓަރވިއުންނާއި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން، ވިސާމާ ޢަބްދުﷲ، ގިނަމާގެ، ސ.ހުޅުދޫ، ސީނިއަރ އޮފިސަރ (އެމް.އެސް 1/ ވަގުތީ) މަޤާމަށް އަދި މ.ކަނޑުނޫގެ، މުޙައްމަދު އަލްވާން ބިން ޢަދީލް، އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ (ޖީ.އެސް3/ ވަގުތީ) މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   4. ބިޑް ކޮމިޓީގެ 2 މެންބަރުންގެ ދައުރު ހަމަވެ، މެންބަރުން ހަމަޖެއްސުމާގުޅޭ.

ބިޑް ކޮމިޓީގެ މުޤައްރިރު ގެ މަޤާމުގައި ހުރި ޑިރެކްޓަރ، މުޙައްމަދު އަނީލް އަދި ޢާންމު މެންބަރުގެ މަޤާމުގައި ހުރި، ސީނިއަރ އޮފިސަރ ފާޠިމަތު ސަހުލާގެ ދައުރު 2025 ޖަނަވަރީ 03 އަށް ހަމަވެފައިވާތީ، ހުސްވެފައިވާ ދެ މަޤާމަށް، އެޑްމިނިސްޓްރޭޝަން އެންޑް އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޑިވިޜަން ހިންގުމާ ޙަވާލުވެ ހުރި ޑިރެކްޓަރ، މުޙައްމަދު އަނީލް އަދި، ފައިނޭންސް ސެކްޝަން ހިންގުމާ ޙަވާލުވެހުރި، އެސިސްޓެންޓް ޑިރެކްޓަރ، މަރްޔަމް ސުޙައިލާ 2026 ޖަނަވަރީ 14 ވަނަ ދުވަހުން ފެށިގެން ބިޑް ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހަމަޖެއްސުމަށް، ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާއެކު، ބިޑް ކޮމިޓީގެ މެންބަރުން:

#

ނަން

މަޤާމު

1

އޒ.ސިނާޔާ ޒަކަރިއްޔާ

ޑެޕިއުޓީ ޑިރެކްޓަރ

2

އަޙްމަދު މުޢާޒް

ޑެޕިއުޓީ ޑިރެކްޓަރ

3

ސީނާ ރަޝީދު

ޑެޕިއުޓީ ޑިރެކްޓަރ

4

މަރްޔަމް ޝާހިޔާ

ކޮމިއުނިކޭޝަން އެގްޒެކެޓިވް

5

އާމިނަތު އަޒީފާ

ޑިރެކްޓަރ

6

މުޙައްމަދު އަނީލް

ޑިރެކްޓަރ

7

މަރްޔަމް ސުޙައިލާ

އެސިސްޓެންޓް ޑިރެކްޓަރ

 

   5. 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރަކު ހޯދުމަށް މި ކޮމިޝަނުންކުރި ނަންބަރު (IUL)38-BB/38/2025/150,231 އިޢުލާނާ ގުޅިންގެން ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއާއި، ކުރެވުނު އިންޓަރވިއުންނާއި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ގއ.ވިލިނގިލި، ވާދީއާގެ، ޑރ.ފާޠިމަތު މުނާ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރު (އީ.އެކްސް 1) ގެ މަޤާމަށް ނެގުމަށް، ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   6. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އެކުލަވާލުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރުން ކޮމިޝަނުން ލިބިފައިނުވާތީވެ، ތިރީގައި މިދަންނަވާ މުވައްޒަފުންނާއެކު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ވަގުތީގޮތުން އެކުލަވާލައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ޝަކުވާ ނިޒާމު ޤާއިމުކުރެވިފައިވާކަން، ޢާންމުކޮށް އަންގާ އިޢުލާންކުރުމަށްވެސް، ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުން

· ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން ހިންގެވުމާ ޙަވާލުވެ ހުރި، ޑިރެކްޓަރ އަލްއުސްތާޛާ ޢާލިޔާ ޙަނީފް.

· ޑެޕިއުޓީ ޑިރެކްޓަރ، އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ.

· އޮފިސަރ، ފާޠިމަތު އަނާން މުޙައްމަދު.

· ސީނިއަރ އޮފިސަރ، އަލްއުސްތާޛް އަޙްމަދު ރަޝީދު.

· ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރު، ޑރ.ފާޠިމަތު މުނާ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުންގެ ގޮތުގައި، މިވަގުތަށް ކޮމިޝަނުގެ އެތެރެއިން މުވައްޒަފުން ހަމަޖެއްސިކަމުގައިވީނަމަވެސް، މިއީ ވަގުތީގޮތުން ހަމަޖައްސާ މެންބަރުން ކަމަށާއި، ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުންގެ ގޮތުގައި ތިބެންވާނީ، އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކުގައި ނުއުޅޭ، އޮފީހުން ބޭރުން އަންނަ ފަރާތްތަކެއް ކަމަށާއި، އެހެންކަމުން، އެގޮތުގެމަތީން އެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުންގެ ގޮތުގައި، މުވައްޒަފުން ނުލިބޭ ސަބަބު ދެނެގަނެ، އަދި، މުވައްޒަފުން ހޯދުމަށްޓަކައި އެ މަޤާމުގެ ޝަރުޠުތަކާއި މުސާރައާއި ޢިނާޔަތްތަކަށް ގެންނާންޖެހޭ ބަދަލުތައް ރިވިއުކުރުމަށްފަހު، މުވައްޒަފުން ހޯދުމަށް އިދާރީގޮތުން ވީހާވެސް ބޮޑަށް މަސައްކަތްކުރުމަށް، ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

    7. އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ އަތްމަތީ ފޮތް 2026އާގުޅޭ.

އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ އަތްމަތީ ފޮތް 2026 އާ ގުޅޭގޮތުން، ޑިވިޜަންތަކުގެ ވެރީންނާއެކު، މަޝްވަރާކޮށް ގެނެވުނު އިޞްލާޙުތަކާއެކު އެގޮތުގެމަތީން، 2026 ޖަނަވަރީ 14 ގައި ކޮމިޝަނަށް ހުށަހަޅާފައިވާތީ، އެގޮތުގެމަތީން، އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ އަތްމަތީ ފޮތް 2026 ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

 

    8. ނޭޕާލްގެ "ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް" އިލެކްޝަން އޮބްޒާވް ކުރެއްވުމާގުޅޭ.

2026 މާރިޗު 5 ގައި ނޭޕާލްގައި ބާއްވާ އެ ޤައުމުގެ "ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް" އިލެކްޝަން އޮބްޒާވް ކުރުމަށްއެދި، ނޭޕާލްގެ އެކްޓިންގ ޗީފް އިލެކްޝަން ކޮމިޝަނަރ މރ. ރާމް ޕްރަސާދް ބަންދާރީ މި ކޮމިޝަނަށް ފޮނުވާފައިވާ ދަޢުވަތު ޤަބޫލުކޮށް އެ ދަތުރުގައި ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ  ބައިވެރިވެ ވަޑައިގެންނެވުމަށް ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާއަށް މިދަތުރުގައި ބައިވެރިވެ ވަޑައިގެންނެވެން ނެތްކަމުގައިވަނީނަމަ، ކޮމިޝަނަށް ހުށަހަޅައިގެން ގޮތެއް ނިންމެވުމުގެ ބަދަލުގައި، ކޮމިޝަނުގެ ރައީސް ގޮތެއް ކަނޑައެޅުއްވުމަށް، ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   9. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް، އަދި، އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނާދެމެދު ސޮއިކުރުމަށް ތައްޔާރުކޮށްފައިވާ ފަހުމުނާމާތަކާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް، އަދި، އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނާދެމެދު ސޮއިކުރުމަށް ތައްޔާރުކޮށްފައިވާ ފަހުމުނާމާ ކޮމިޝަނަރސް ބިއުރޯއިން ހުށަހަޅާފައިވާ ގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މީގެއިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއެކު މީގެކުރީން ފަހުމުނާމާގައި ސޮއިކުރާކަމަށާއި، އެހެންނަމަވެސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ބޮޑަށް ބުރަވަނީ، ވަކިވަކި ކައުންސިލްތަކާއެކު މިކޮމިޝަނުން ފަހުމުނާމާތަކެއްގައި ސޮއިކުރުންކަމަށްވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ސޮއިކުރުން މިވަގުތަށް މަޑުޖައްސާލުމަށްފަހު، ކައުންސިލްތަކާއެކު މިހާރުވެސް މަސައްކަތް ކުރާގޮތުގެމަތީން މަސައްކަތްތައް ކުރުމަށާއި، އެހެންނަމަވެސް، އިންތިޚާބުގެ މަސައްކަތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލްތަކުން ނުދޭކަމުގައިވަނީނަމަ، އެކަމާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއެކު އިތުރަށް މަޝްވަރާކުރުމަށްފަހު، ގޮތެއް ނިންމާނީކަމުގައި، ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

    10. ޕޮޑްކާސް ނަން ފާސް ކުރުމާގުޅޭ.

އިލެކްޝަންސް ކޮމިޝަންގެ ޕޮޑްކާސްޓަށް ކިޔާ ނަމެއްގެ ގޮތުގައި  “ECM TALKS”ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަންގެ ޕޮޑްކާސްޓަކީ، ދާއިމީގޮތެއްގައި ބޭނުންކުރެވޭނެ ޕްލެޓްފޯމެއްގެ ގޮތުގައި ބަލައި، މިކަމާ ގުޅިގެން ޕްރޮގްރާމްތަކާއި މަސައްކަތްތައް ތަރުތީބުކުރާންވީ ގޮތުގެ އެސް.އޯ.ޕީއެއް އަދި  ޕްލޭނެއް އެކުލަވާލުމަށްފަހު ކޮމިޝަނަށް ހުށަހެޅުމަށާއި، އަދި ޕޮޑްކާސްޓުގެ މަސައްކަތްތައް ފަށައިގަންނައިރު، މިކަމާގުޅޭގޮތުން ކުރު ތަޢާރަފެއް ދިނުމަށާއި، މިގޮތުން، އިލެކްޝަންސް ކޮމިޝަނުން ޕޮޑްކާސްޓުކުރަނީ ކީއްވެގެންކަމާއި، މިކަމުގެ މަޤްޞަދު ރަނގަޅަށް ކިޔައިދިނުމަށްފަހު، ޕޮޑްކާސްޓުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
906

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 904 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 494 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 493 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 492 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާ