އިންތިޚާބާ ގުޅިގެން ބާއްވާ 490 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ތާރީޚް ބަދަލުކުރުމާ ގުޅޭ.
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، 2026 މާރިޗު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މީގެ ކުރީން ކޮމިޝަނުން ނިންމަވާފައިވީނަމަވެސް، މި ދެ އިންތިޚާބާ ގުޅުންހުރި މުހިއްމު ޤާނޫނުތަކަށް އަންނަންޖެހޭ އިޞްލާޙުތައް އަދިވެސް އައިސްފައިނުވާތީއާއި، ޤާނޫނުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ޢާންމުން ޙޭލުންތެރިކުރުވުމަށްޓަކައި މި ކޮމިޝަނަށް އެކަށީގެންވާ ވަގުތު ބޭނުންވާތީއާއި، 2026 މާރިޗު 28 ވާ ހޮނިހިރު އިންތިޚާބު ބާއްވާކަމުގައިވަނީނަމަ، އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުން ތާއިދުހޯދުމުގެ މަސައްކަތްތައް ރަމަޟާންމަހުކުރަންޖެހޭނެތީއާއި، ރަމަޟާންމަހަކީ އެމަހެއްގައި ދިވެހީން އަޅުކަމުގައި ރެޔާއިދުވާލު ވަގުތުހޭދަކުރާ މަހެއްކަމުން، އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް ތާއިދުހޯދުމަށް އެކަށީގެންވާ ވަގުތުވެސް ދިނުމުގެ ގޮތުން، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 490 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.












