ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. އިންޓަރނަލް އޮޑިޓް ރިޕޯޓާ ގުޅިގެން އިޞްލާޙުކުރަމާށް ލަފާދެއްވާފައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ 2 އެސް.އޯ.ޕީ އާ ގުޅޭ.
· ޕަރސަނަލް ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން – އެސް.އޯ.ޕީ ނަންބަރުBB/13.1
· މުވައްޒަފުންގެ ދުވަހު ޙާޟިރީ ބެލެހެއްޓުން - އެސް.އޯ.ޕީ ނަންބަރުBB/15.1
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2025/91: މެމޯއިން ހުށަހަޅާފައިވާ ގޮތުގެމަތީން، ޕަރސަނަލް ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުމާ ގުޅޭ އެސް.އޯ.ޕީ (އެސް.އޯ.ޕީ ނަންބަރުBB/13.1)، އަދި މުވައްޒަފުންގެ ދުވަހު ޙާޟިރީ ބެލެހެއްޓުމާ ގުޅޭ އެސް.އޯ.ޕީ (އެސް.އޯ.ޕީ ނަންބަރުBB/15.1) ފާސްކުރުމަށް، ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، ކޮމިޝަނުގެ އިދާރާގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވަނީ ފާސްކޮށްފައިވާ އެސް.އޯ.ޕީތަކާ އެއްގޮތްވާ ގޮތުގެމަތީންތޯ ޗެކުކުރުމަށާއި، އަދި މަސައްކަތްތަކާ ގުޅުންހުރި އެސް.އޯ.ޕީތައް އަދާހަމަކުރުމަކީ ރޫޓީންގ މަސައްކަތެއްގެ ގޮތުގައި ކަނޑައަޅައި، އެގޮތުގެމަތީން މަސައްކަތްތައް ތަރުތީބުކުރުމަށް ހުރިހާ ސެކްޝަންތަކަށް ދެންނެވުމަށް، ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. އިންފޮރމޭޝަން ސިސްޓަމްސް ސެކްޝަން އަދި ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އޮޑިޓް ރިޕޯޓާ ގުޅޭ.
އިންފޮރމޭޝަން ސިސްޓަމްސް ސެކްޝަން އަދި ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަން އޮޑިޓްކުރުމަށްފަހު، އިންޓަރނަލް އޮޑިޓަރު ހުށަހަޅާފައިވާ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި އެ މައްސަލަތައް ޙައްލުކުރުމަށް ހުށަހަޅާފައިވާ ލަފާތައް ކޮމިޝަނާ ޙިއްޞާކުރެވިފައިވާ ކަމަށާއި، މިގޮތުން، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން، އިދާރީގޮތުން ސެކްޝަނަށް ހައްލުކުރެވެންހުރި ކަންކަން ވީއެންމެ އަވަހަކަށް ތަންފީޛުކުރުމަށާއި، އަދި ޕޮލިސީ ލެވެލްގައި ހައްލުކުރެވެން ހުރި ކަންކަން ސެކްރެޓަރީ ޖެނެރަލް ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ޕޮލިސީ ލެވެލްގައި ހައްލުކުރެވެން ހުރި ކަންކަމުގެ ތެރެއިން، އިންފޮރމޭޝަން ސިސްޓަމްސް ސެކްޝަން އަދި ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ މެންޑޭޓަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، މި ދެ ސެކްޝަނަށް ބޭނުންވާ މުވައްޒަފުންގެ ތަފްޞީލްތައް (މުވައްޒަފުންގެ ޢަދަދުތަކާއި، އަސާސީ ޝަރުޠުތަކާއި، ގިންތިއާއި، ހުންނަންޖެހޭ ތައުލީމާއި ތަމްރީން ހިމެނޭނެހެން)، ކޮމިޝަނުގެ 876 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ގޮތުގެމަތީން، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަށް ކޮމިޝަނުގެ އިދާރާގެ އިދާރީ އޮނިގަނޑު އެކުލަވާލުމަށްޓަކައި، ކޮމިޝަނަށް ހުށަހަޅާއިރު، އެ އޮނިގަނޑުގައި މި ދެ ސެކްޝަނަށްމަދުވާ މުވައްޒަފުންވެސް ހިމަނައިގެން، ސެކްރެޓަރީ ޖެނެރަލް ކޮމިޝަނަށް ކަރުދާހެއް ހުށަހެޅުމަށް، ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
3. އޮޑިޓްކުރުމުގައި ބަލާނެ މިންގަނޑުތަކާ ގުޅޭ.
މީގެފަހުން، ކޮމިޝަނުގެ އިދާރާގެ މަސައްކަތްތައް އިންޓަރނަލް އޮޑިޓަރު އޮޑިޓްކުރާއިރު، އެ އޮޑިޓެއް ފެށުމުގެ ކުރިން، އޮޑިޓް ކުރިއަށް ގެންދާނެ ސްކޯޕާއި، ބަލާނެ ކަންކަމާއި މިންގަނޑުތަކާއި، އެސެސްކުރާނެ ދާއިރާތަކާއި ޓޫލްސްތަކާއި ކަންތައްތަކާއި، އެ އޮޑިޓަކުން ޙާސިލުކުރަން ބޭނުންވާ ކަމެއް ސާފުވެ ލިޔުމަށް ތިރިކުރެވިފައި އޮންނަންވާނެ ކަމަށާއި، އޮޑިޓް ސެކްޝަންގެ މަސައްކަތްތައްވެސް ތަރުތީބުކުރަންވާނީ އެކަންކަމަށް ކަނޑައެޅިފައިވާ އެސް.އޯ.ޕީތަކާ އެއްގޮތްވާ ގޮތުގެމަތީން ކަމަށާއި، ކުރާ މަސައްކަތްތަކާ ގުޅުންހުރި އެސް.އޯ.ޕީތަކެއް މިހާރު ނެތްކަމުގައިވާނަމަ، އެކަންކަމަށް އެސް.އޯ.ޕީތައް ތައްޔާރުކުރުމަށް، ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، ވަކި ޚާއްޞަ ޑިވިޜަން/ސެކްޝަނެއް/މަސައްކަތެއް އޮޑިޓްކުރާއިރު، ރޫޓީންގކޮށް ކުރިއަށްގެންދާ އޮޑިޓުތަކުން ފާހަގަކޮށް ރަނގަޅުކުރެވޭނެ އިދާރީ އަދި މާލީ ކަންކަމުގެ ވާހަކަ، ޚާއްޞަ އޮޑިޓުތަކުގައި ފާހަގަކުރުމުގެ ބަދަލުގައި، އެކަންކަން އިދާރީ އޮޑިޓްތަކުގައި ފާހަގަކޮށް ރަނގަޅުކުރުމަށް ކަމާގުޅުންހުރި ޑިވިޜަންތަކާއި ސެކްޝަންތަކަށް ދެންނެވުމަށާއި، އޮޑިޓްތައް ފެށުމުގެ ކުރީންނާއި ނިމިގެން "އެންޓްރީ" އަދި "އެގްޒިޓް މީޓީންގ" ތައް މީގެފަހުން ބޭއްވުމަށާއި، މިގޮތުން، ކޮމިޝަނަށް ރިޕޯޓު ހުށަހެޅުމުގެ ކުރީން އޮޑިޓްކުރެވުނު މަސައްކަތްތަކާ ގުޅުންހުރި އެންމެނާ ސުވާލުކޮށް، އެކަންކަން ހިނގާފައިވާ ގޮތެއް ސާފުކުރުމަށްފަހު، ޞައްޙަ މަޢުލޫމާތު ކޮމިޝަނަށް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، އަދި، ފާހަގަވާ މައްސަލަތަކާ ގުޅިގެން، ހައްލުކުރުމަށް ލަފާދޭ ކަންކަމަކީ ޙަޤީޤަތުގައިވެސް ތަންފީޛުކުރެވިދާނެ ކަންކަންތޯ ޔަގީންކުރުމަށްވެސް، ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
4. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަންބަރުHDC(161)-BDS/38/2025/4 ސިޓީއާގުޅޭ.
އިންތިޚާބުތަކުގައި ބޭނުންކުރާ ތަކެތި ގުދަންކޮށްފައިވާ ކުރީގެ (އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ) އަރަބިއްޔާގެ ޙާލަތު ދަށްވެގެން، އެތަން ހުސްކުރުމަށް ސަރުކާރުން މިކޮމިޝަނަށް އެންގުމާ ގުޅިގެން، އެ ތަނުގައި ރައްކާކޮށްފައިވާ މިކޮމިޝަނުގެ މުދާ ގުދަންކުރާނެ ޖާގައެއް ހޯދުމަށް ދައުލަތުގެ އެހެން އޮފީސްތަކާއި ސަރުކާރުގެ އިދާރާތަކާއެކު ކުރެވުނު މުޢާމަލާތްތަކުން، ގުދަންކުރެވޭނެ އެއްވެސް ޖާގައެއް މިކޮމިޝަނަށް ލިބިފައިނުވާތީ، މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ވާހަކަދެއްކުމަށްފަހު، ގުދަންކުރާނެ ޖާގައެއް، މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހޯދުމަށް އެ އޮފީހުން ވިދާޅުވެފައިވާތީ، އެގޮތުގެމަތީން، ދެ ފަހަރެއްގެ މަތީން ގުދަންކުރާނެ ޖާގައެއް ހޯދުމަށް މިކޮމިޝަނުން ކޮށްފައިވާ ދެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، ގުދަންކުރާނެ ޖާގައެއް ހޯދުމަށްޓަކައި ދައުލަތުގެ ކުންފުނިތަކާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން، އެ ކޯޕަރޭޝަނުގެ ނަންބަރު:WHS01-1-18 އަދި WHS01-1-21 ސްޓޯރޭޖް ޔުނިޓްތައް މި ކޮމިޝަނަށް ކުއްޔަށް ދެވިދާނެ ކަމަށް ބަޔާންކޮށް، މިކޮމިޝަނަށް ފޮނުވާފައިވާ އެ ކޯޕަރޭޝަންގެ ނަންބަރު:HDC(161)-BDS/38/2025/4 ސިޓީއާއި ޕްރޮޕޯސަލްއާ އެއްގޮތަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަންބަރު WHS01-1-18 އަދި WHS01-1-21 ސްޓޯރޭޖް ޔުނިޓް ކުއްޔަށް ހިފުމަށް ހޭދަވާ ޚަރަދަކީ، ބަޖެޓުކުރެވިފައިވާ ޚަރަދަކަށްނުވާތީވެ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަންބަރުHDC(161)-BDS/38/2025/4 ސިޓީއާއި ޕްރޮޕޯސަލްގައިވާ ގޮތުގެމަތީން، އެ ކޯޕަރޭޝަނަށް ދައްކަންޖެހޭ ޑިޕޮސިޓް ފައިސާގެ ގޮތުގައި މިހާރު ދައްކަންޖެހޭ، -/204,513.30ރ. (ދެލައްކަ ހަތަރުހާސް ފައްސަތޭކަ ތޭރަރުފިޔާ، ތިރީސް ލާރި) އާއި، 2025 ވަނަ އަހަރު ދައްކަންޖެހޭ 409,026.60/-ރ. (ހަތަރު ލައްކަ ނުވަހާސް ސައްބީސް ރުފިޔާ، ފަސްދޮޅަށް ލާރި) އަދި، ކުރިއަށް ހުރި އަހަރުތަކުގައި ދައްކަންޖެހޭ 818,053.20/-ރ. (އަށްލައްކަ އަށާރަހާސް ފަންސާސް ތިން ރުފިޔާ، ވިހިލާރި) ފައިސާ، މާލީ ވުޒާރާއިން ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައިވާތީ، އެގޮތުގެމަތީން މި ފައިސާ ޚަރަދުކުރުން އެންމެ ރަނގަޅުކަމަށާއި، އަދި ކުރިއަށް ހުރި އަހަރުތަކަށް ހޭދަވޭ ފައިސާ، މިކޮމިޝަނުގެ އިދާރީ ބަޖެޓުގެ ތެރެއިން ހަމަޖައްސަވާނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެފައިވާތީވެ، އެގޮތުގެމަތީން ފައިސާގެ ކަންކަން ހަމަޖެއްސުމަށް، ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، މިކޮމިޝަނުގެ މުދާ ގުދަންކުރާނެ ޖާގައެއް ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކަށް ބިނާކޮށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަންބަރު:HDC(161)-BDS/38/2025/4 ސިޓީއާއި ޕްރޮޕޯސަލް ގައިވާ ގޮތުގެމަތީން، ހޭދަވާ ޚަރަދުތައް ކުރުމަށް ކޮމިޝަނުން ނިންމެވިނަމަވެސް، އިދާރީގޮތުން މިކަންކަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުމަށާއި، އަދި ބަޖެޓުނުކުރާ ޚަރަދެއްގެ ހުއްދައަށްއެދި ކޮމިޝަނަށް ހުށަހަޅާއިރު، އެކަންކަމާގުޅުންހުރި އެންމެހާ ލިޔެކިޔުންތަކާއި، ހުށަހަޅަންޖެހޭ ފޯމުތަކާއެކު ކޮމިޝަނަށް ހުށަހެޅުމަށް މީގެފަހުން ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، އިދާރީގޮތުން މިދެންނެވުނު ލިޔެކިޔުންތައް ތައްޔާރުކޮށް ވީހާވެސް އަވަހަށް ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
5. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދުތަކާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އިޢުލާންކުރުމުގެ 5 މަހާއި 3 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ ކޮންމެ ރަށު/ސިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީތަކުގެ ޖުމްލަތައް ހޯދައި، އެގޮތުގެމަތީން، ރަޖިސްޓްރޭޝަން ސެކްޝަނުގެ ނަންބަރު(MEMO)DA/2025/15: މެމޯއިން ކޮމިޝަނަށް ހުށަހަޅާފައިވާ، 2025 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކޮންމެ ރަށު/ސިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީ، އެ ގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، 2025 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކޮންމެ ރަށު/ސިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީތަކުގެ މަޢުލޫމާތު ހިމެނޭހެން، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 އަށް، އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދުތައް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، 2025 އޮކްޓޫބަރ 15 ގައި ޢާންމުކުރުމަށް، ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
6. އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 އާ ގުޅޭ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ފަރާތުން، އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށްއެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅައިފައިވާތީ، އެކަމުގައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހުރި ގޮތެއް ހޯދުމަކީ މުހިއްމު ކަމެއްކަމަށް ސަރުކާރަށް ފެންނާތީވެ، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު:31/2025 ޤަރާރުގެ ދަށުން، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު ނެގުން، 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާތީ، މިވޯޓަކީ ފަހުގެ ތާރީޚެއްގައި މިފަދަ ގޮތަކަށް ބޭއްވޭ ފުރަތަމަ ވޯޓުކަމަށްވެފައި، މިވޯޓަށް ޚާއްޞަ އަޙަމިއްޔަތެއް ދިނުމަށް، ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ކޮމިޝަނުގެ ފަރާތުން ޓީމެއް އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫއަށް ދަތުރުކުރުމަށާއި، ވޯޓުލާ ދުވަހުގެ ކޯޑިނޭޝަން ސެންޓަރު އެތަނުގައި ގާއިމުކޮށް ނަތީޖާ އިޢުލާންކުރުމަށާއި، އަދި ވީހާވެސް ގިނަ ފަރާތްތަކަށް ފޯރާނެހެން، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންނަށް، މިވޯޓާ ގުޅޭގޮތުން ޙޭލުންތެރިކުރުވުމުގެ އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް، ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.