ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ތިރީގައި ބަޔާންކޮށްފައިވާ ދާއިމީ މަޤާމުތަކުގެ އިންޓަރވިއު ޕެނަލްތަކާގުޅޭ.
· ފޮރިން ރިލޭޝަންސް އޮފިސަރ / ކޮމިޝަނަރސް ބިއުރޯ
· އޮފިސަރ / ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަން
· އޮފިސަރ / ޕްރޮކިއުމަންޓް ސެކްޝަން
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ ދާއިމީ މަޤާމުތަކުގެ އިންޓަރވިއު ޕެނަލްތައް، ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާގައި ވަނީ އެންޑޯޒްކުރައްވާފައެވެ.
ފޮރިން ރިލޭޝަންސް އޮފިސަރ / ކޮމިޝަނަރސް ބިއުރޯ
· އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ޝަބާ ބާޤިރު
· އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ސައުޝަން މޫސާ
· ކޮމިއުނިކޭޝަން އެގްޒެކެޓިވް، މަރްޔަމް ޝާޙިޔާ
އޮފިސަރ / ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަން
· ޑިރެކްޓަރ، މުޙައްމަދު ޢަނީލް
· ޑެޕިއުޓީ ޑިރެކްޓަރ، އަޙްމަދު މުޢާޒް
· ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ، ޙުސައިން އަޛްހާން
އޮފިސަރ / ޕްރޮކިއުމަންޓް ސެކްޝަން
· ޑިރެކްޓަރ، އާމިނަތު އަޒީފާ
· އެސިސްޓެންޓް ޑިރެކްޓަރ، އާމިނަތު ސަމްރާ
· އެސިސްޓެންޓް ޑިރެކްޓަރ، މަރްޔަމް ސުޙައިލާ
2. ކޮމިޝަނަރސް ބިއުރޯގެ އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ޝަބާ ބާޤިރުގެ އަހަރީ ޗުއްޓީއާގުޅޭ.
ކޮމިޝަނަރސް ބިއުރޯގައި މިވަގުތު ތިބި ދެ މުވައްޒަފުން ޟަރޫރީ އެކި ސަބަބުތަކާހުރެ ޗުއްޓީނެގުމަށް ހަމަޖެހިފައިވާތީއާއި، ފޮރިން ރިލޭޝަންސް މަސައްކަތްކުރާނެ މުވައްޒަފެއް މިވަގުތު ކޮމިޝަނުގައި ނެތުމާއި، އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ޝަބާ ބާޤިރުގެ 2023-2024 ވަނަ އަހަރުގެ ޙައްޤުވާ އަހަރީ ޗުއްޓީ، 2025 މޭ 16 ވަނަ ދުވަހަށް ހަމަވާއިރު، މި މުއްދަތުގައި އަހަރީ ޗުއްޓީއަށް ގޮސްފިކަމުގައިވާނަމަ، ކޮމިޝަނަރސް ބިއުރޯގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެދާނެތީވެ، އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ޝަބާ ބާޤިރުގެ 2023-2024 ވަނަ އަހަރުގެ އަހަރީ ޗުއްޓީގެ ތެރެއިން ބާކީވާ 20 ދުވަސް، ޖެހިގެން އަންނަ އަހަރަށް ކެރީފޯރވާރޑްކޮށް، ފަހުގެ ތާރީޚެއްގައި ޗުއްޓީތައް ނެގުމަށް، ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
3. ޤާނޫނު ނަންބަރު:4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތީން، ޕާޓީތަކުން ފޮނުވަންޖެހޭ އަހަރީ ރިޕޯޓާގުޅޭ
ޤާނޫނު ނަންބަރު:4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތީން، ފޮނުވަންޖެހޭ އަހަރީ ރިޕޯޓު، ގަވާއިދު ނަންބަރު2019/R-110: (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޕީޕަލްސް ނެޝަނަލް ފްރަންޓުން، ކޮމިޝަނަށް ހުށަހަޅުއްވާފައިނުވާތީ، އިސްވެ ދެންނެވުނު ޤާނޫނާއި ގަވާއިދާ ޙަވާލާދީ، ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ޕާޓީގެ އަހަރީ ރިޕޯޓު މީގެ ފަހުން ކޮމިޝަނަށް ފޮނުއްވައިދެއްވުމަށްއެދި، ނަޞޭޙަތުގެ ސިޓީއެއް އެ ޕާޓީއަށް ފޮނުވުމަށް، ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އަދި، ޤާނޫނު ނަންބަރު:4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތީން، ފޮނުވަންޖެހޭ އަހަރީ ރިޕޯޓު، މޯލްޑިވްސް ތާރޑް ވޭ ޑިމޮކްރެޓިކްސް އިން މިއަދާ ހަމައަށް ކޮމިޝަނަށް ހުށަހަޅުއްވާފައިނުވާތީ، އިސްވެ ދެންނެވުނު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޕާޓީގެ އަހަރީ ރިޕޯޓު މިކޮމިޝަނަށް ފޮނުއްވައިދެއްވުމަށާއި، ތަކުރާރުކޮށް ޤާނޫނާ ޚިލާފުވާކަމުގައިވަނީނަމަ، އިސްވެ ބަޔާންކޮށްފައިވާ ޤާނޫނުގެ ދަށުން ޕާޓީއަށް ފިޔަވަޅުއަޅާނޭކަން ބަޔާންކޮށް، ނަޞޭޙަތުގެ ސިޓީއެއް އެ ޕާޓީއަށް ފޮނުވުމަށް، ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
4. ދިވެހި ފުލުހުންގެ ޚިދުމަތުން ފޮނުއްވާފައިވާ އެ ޚިދުމަތުގެ ނަންބަރު:171-G(ECI)38/2025/47 ސިޓީއާގުޅޭ.
ކ.މާލެ، މ.ރަބަރުމާގެ، ޙަސަން މުޙައްމަދަށް ނޭނގި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް ގެ މެންބަރެއްގެ ގޮތުގައި އެ ފަރާތް ރަޖިސްޓަރީކޮށްފައިވާ ކަމަށް ބަޔާންކޮށް، އެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އެ މައްސަލަ ތަޙްޤީޤުކޮށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އިން ކޮމިޝަނަށް ހުށަހެޅުއްވި ފޯމުގައިވާ، ސޮޔާއި ފިންގަރޕްރިންޓަކީ ޙަސަން މުޙައްމަދުގެ ސޮޔާއި ފިންގަރޕްރިންޓް ނޫންކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު:171-G(ECI)38/2025/47 ސިޓީން މިކޮމިޝަނަށް އަންގަވާފައިވާތީ، ޤާނޫނު ނަންބަރު:4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން، މި މައްސަލައިގައި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް 5,000/-ރ. (ފަސްހާސްރުފިޔާ) އިން ޖޫރިމަނާކޮށް، އަދި އެ ޕާޓީގެ ރަޖިސްޓްރަރ ޙައިޞިއްޔަތުން ސޮއިކުރައްވާފައިވާ މުޙައްމަދު ޢުމަރު 5,000/ރ. (ފަސްހާސްރުފިޔާ) އިން ޖޫރިމަނާ ކުރުމަށް، ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އަދި، މިފަދަ މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނުއުމަށްޓަކައި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކަރުދާހެއް ތައްޔާރުކުރުމަށްފަހު ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
5. ޖޯޖިއާގައި، 2025 ޖޫން 05 އިން 06 އަށް “Technology Utilization Experience and Impact of Disinformation on Electoral Credibility”، ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ 12 ވަނަ އަހަރީ ބައްދަލުވުމުގެ ދަޢުވަތާގުޅޭ
ޖޯޖިއާގައި، 2025 ޖޫން 05 އިން 06 އަށް “Technology Utilization Experience and Impact of Disinformation on Electoral Credibility”، ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ 12 ވަނަ އަހަރީ ބައްދަލުވުމުގެ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ފަރާތުން މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ޑިރެކްޓަރ މުޙައްމަދު އަނީލް ބައިވެރިވެ ވަޑައިގެންނެވުމަށް، ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
6. މެކްސިކޯގައި، 2025 މޭ 28 އިން ޖޫން 02 އަށް ބޭއްވުމަށް ހަމަޖެހިފައިވާ، “2025 Judicial Elections in Mexico” އޮބްޒާރވް ކުރެއްވުމަށް، އޭ-ވެބްގެ އޮބްޒަރވޭޝަން މިޝަންގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެދި، އޭ-ވެބްގެ ސެކްރެޓޭރިއެޓުން މި ކޮމިޝަނަށް ފޮނުއްވާފައިވާ އީ-މެއިލް އަށް، މަޝްވަރާ ކުރައްވައި ކޮމިޝަނުން ގޮތެއް ނިންމެވުން.
މެކްސިކޯގައި، 2025 މޭ 28 އިން ޖޫން 02 އަށް ބޭއްވުމަށް ހަމަޖެހިފައިވާ، “2025 Judicial Elections in Mexico” އޮބްޒާރވް ކުރެއްވުމަށްޓަކައި، އެސޯސިއޭޝަން ފޯރ ވާރލްޑް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ އޮބްޒަރވޭޝަން މިޝަންގައި ބައިވެރިވެވަޑައިގެންދެއްވުމަށް، އޭ-ވެބްގެ ސެކްރެޓޭރިއެޓުން މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން، މިވަގުތު މިކޮމިޝަނުގެ ވަޞީލަތްތަކާއި ބަޖެޓުހުރި ގޮތުންނާއި ހުރިހާ ޚަރަދެއް މި ކޮމިޝަނުން ހަމަޖައްސަންޖެހޭތީއާއި، އަދި ދަތުރަށް ތައްޔުރުވުމަށް އެކަށީގެންވާ ވަގުތުވެސް ނެތުމުގެ ސަބަބުން، އޭ-ވެބްގެ އޮބްޒަވޭޝަން މިޝަންގައި ބައިވެރިވެ، މެކްސިކޯގެ“2025 Judicial Elections in Mexico” އޮބްޒާރވް ކުރެވެން ނެތްކަމަށް، ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އިސްވެދެންނެވުނު ނިންމެވުމާ ގުޅިގެން، ކޮމިޝަނުގެ ނިންމެވުން، އޭ-ވެބްގެ ސެކްރެޓޭރިއެޓަށް އެންގުމަށާއި، އަދި ކުރިއަށްއޮތްތަނުގައި މިފަދަ ފުރުޞަތުގައި ކޮމިޝަނުގެ ބަޖެޓާއި ވަޞީލަތްތައް ތަންދިންމިންވަރަކުން ބައިވެރިވާނޭކަންވެސް ބަޔާންކުރުމަށް، ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.