ކޮމިޝަނުގެ 868 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ މެންޑޭޓް އިޞްލާޙުކޮށް ކޮމިޝަނުން އެންޑޯޒް ކުރެއްވުމާއި ގުޅޭ.
ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާގެ ނިންމެވުމާ އެއްގޮތަށް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ މެންޑޭޓަށް، ތިރީގައި މި ދަންނަވާ ބައި އިތުރުކުރުމަށްފަހު، ކޮމިޝަނުގެ ޑިވިޜަންތަކާއި ސެކްޝަންތަކުގެ މެންޑޭޓު (V005,16.04.2025) އިޞްލާޙު ކުރުމަށް، ކޮމިޝަނުގެ 868 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
މެންޑޭޓަށް އިތުރުވި ބައި
ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ސިޔާސި ޕާޓީތަކުން ކޮމިޝަނަށް ފޮނުވަންޖެހޭ އެ ޕާޓީއެއްގެ ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު ކޮމިޝަނަށް ލިބުމުން، ސިޔާސީ ޕާޓީގެ ޤާނޫނާއި ސިޔާސީ ޕާޓީގެ ގަވާއިދާއި، ޕާޓީތަކުގެ އަސާސީ ގަވާއިދާއި، ސިޔާސީ ޕާޓީތަކުގެ މަޤްސަދުތައް ޙާޞިލުކުރުމަށް ކޮށްފައިވާ މަސައްކަތްތައް ޕާޓީތަކުން ހުށަހަޅާފައިވާ އަހަރީ ރިޕޯޓާއި އަޅާކިއުމަށްފަހު، ފާއިތުވެ ދިޔަ އަހަރު ޕާޓީތަކުން ކޮށްފައިވާ މަސައްކަތްތަކާއި، ކޮމިޝަނަށް ހުށަހަޅާފައިވާ އަހަރީ ރިޕޯޓުގައި ހުރި ފުށުއެރުންތައް ފާހަގަކޮށް، އެކަންކަމުގެ ޤާނޫނީ ލަފާއާއެކު ކޮމިޝަނަށް ރިޕޯޓެއް ހުށަހެޅުއްވުން.
2. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ކައުންސެލް ޖެނެރަލްގެ މަޤާމު އުފެއްދުމާގުޅޭ.
ކޮމިޝަނުގެ އިދާރީ އޮނިގަނޑުގެ، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ސެކްޝަންގެ ކައުންސެލް ޖެނެރަލްގެ މަޤާމު؛ ތިރީގައި މި ދަންނަވާ ގޮތުގެމަތީން އުފެއްދެވުމަށް، ކޮމިޝަނުގެ 868 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
1. މަޤާމުގެ ރޭންކް: އީ.އެކްސް 5
2. މަޤާމުގެ ޝަރުޠު: (އޮޕްޝަން 2 – ކައުންސެލް ޖެނެރަލް)
1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
· މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
· މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
2. ދިވެހިރާއްޖޭ ސުޕްރީމްކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވުން.
3. މުސާރައާއި ޢިނާޔަތްތައް
· އަސާސީ މުސާރަ: 13890
· ސާރވިސް އެލަވަންސް: 2000
· ލިވިންގ އެލަވަންސް: 5000
· އެކްސްކްލޫސިވް އެލަވަންސް (އަސާސީ މުސާރައިގެ %45): 6250.50
· ޙާޟިރީ އެލަވަންސް: 265 (އުޞޫލުގައިވާ ގޮތަށް)
· ޖުމްލަ: 35,090.50 ރުފިޔާ
މި މަޤާމަށް އިތުރުގަޑީގެ ފައިސާއެއް ނުލިބޭނެއެވެ. އެހެންނަމަވެސް، އިންތިޚާބުގެ އެލަވަންސް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ލިބިދެވޭނެއެވެ.
4. މަޤާމާ ގުޅޭ ދާއިރާތައް: ޤާނޫނު / ޤާނޫނާއި ޝަރީޢާ
5. މަޤާމުގެ މަސްޢޫލިއްޔަތު:
1) ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ މެންޑޭޓްގައި ބަޔާންކޮށްފައިވާ އެންމެހައި މަސައްކަތްތައް ކަމާބެހޭ ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށްދާކަން ބަލައި އެކަންކަން ކަށަވަރު ކުރުން.
2) ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ރަނގަޅުކުރުމަށާއި، ޤާނޫނު އަސާސީއިން ކޮމިޝަނަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު އުޞޫލުގެ ތެރެއިން ކޮމިޝަނަށް ދިނުން.
3) ކޮމިޝަނަށް ހުށަހަޅާ ކަންކަމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ބަލައި ޖަވާބުދާރީވުން.
4) ކޮމިޝަނުގެ މަސައްކަތާ ގުޅުންހުރި ޤާނޫނުތައް ދިރާސާކޮށް، ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކޮށް، އިޞްލާޙުތައް ގެނައުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
5) ކޮމިޝަނުގެ ޤާނޫނީ އިޚްތިޞާޞީ ދާއިރާގައި ހިމެނޭ ކަންކަމުގައި ކޮމިޝަނަށް ޤާނޫނީ ލަފާދިނުން.
6) ޝަރުއީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ކޮމިޝަނުގެ ފަރާތުން ވަކާލާތުކުރުން.
7) އިންތިޚާބުތަކާ ގުޅިގެން ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
8) ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އެންމެހައި ކަންކަން ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި ތާރީޚްތަކާ އަދި މިނޫންވެސް އެ ޤާނޫގައި ކޮމިޝަނުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަންކަން ބަލައި އެކަންކަމާ ގުޅިގެން ކޮމިޝަނުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
9) ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ކޮމިޝަން ހިންގުމާ ހަވާލުވެ ހުރި ވެރިޔަކު އަންގާ މަސައްކަތްތައް ކުރުން.
10) ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ކުރަންޖެހޭ ކަންތައްތައް ކޮމިޝަން ހިންގުމާ ހަވާލުވެ ހުރި ވެރިޔެއްގެ ލަފާގެމަތިން ކުރުން.
11) ކޮމިޝަނުގެ މަސައްކަތާގުޅޭ ޤާނޫނުތަކާ ގަވާއިދުތައް ތަންފީޒުވާ މިންވަރު ބެލުމާއި، އެ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުޞޫލުތައް އެކުލަވާލުމުގައި ދައުލަތުން އިލެކްޝަންސް ކޮމިޝަނުގެ އެހީތެރިކަމަށް އެދިއްޖެ ޙާލަތެއްގައި އެޤާނޫނަކާ ނުވަތަ އެގަވާއިދަކާ ބެހޭގޮތުން ދޭންވާ ލަފާ ދިނުމާއި، މިކަންކަން ޒަމާނާގުޅޭގޮތަށް އަޕްޑޭޓްކުރުމާއި، މިކަންކަން ހިންގުމުގައި ރައްޔިތުންގެ މަޞްލަޙަތު ފުށުނާރާގޮތަށް ބަލައި ޢަމަލުކުރުން.
12) ބޭއްވެމުންދާ އިންތިޚާބުތަކުގެ ތަޖުރިބާއަށްބަލައި ޤާނޫނީގޮތުން އިޞްލާޙު ކުރަންޖެހޭ ކަންތައްތައް އިޞްލާޙު ކުރަމުން ގެންދިއުން. އަދި މިކަންކަމަށް ބޭނުންވާ ލަފައާއި އިރުޝާދު ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ކޮމިޝަނަށް ދިނުން.
13) އިންތިޚާބުތަކާއި ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ގަވާއިދު ތަންފީޒު ކުރުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަމާގުޅޭ މަޢުލޫމާތު ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ކޮމިޝަނަށް ލިޔުމުން ދިނުން.
14) އިންތިޚާބުތަކާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދު އަޕްޑޭޓްކޮށް ބޭއްވުމަށްޓަކައި ދިރާސާކޮށް އެއަށް ގެންނަން ފެންނަ ބަދަލުތަކުގެ މަޢުލޫމާތު ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ކޮމިޝަނަށް ލިޔުމުން ދިނުން.
15) ރައީސުލްޖުމްހޫރިއްޔާ ތަސްދީގް ކުރައްވާ ހުރިހާ ޤާނޫނުތަކުގައި އިލެކްޝަންސް ކޮމިޝަނުގެ ދައުރެއްވާނަމަ އެކަން ސާފުކޮށް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން. ރައީސުލްޖުމްހޫރިއްޔާ ތަސްދީގް ކުރައްވާ ހުރިހާ ޤާނޫނުތަކުގައި އިލެކްޝަންސް ކޮމިޝަނުގެ ދައުރެއް ނެތް ކަމުގައި ވީނަމަވެސް މުހިންމު ކަންކަން ފާހަގަކޮށް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
16) ކޮމިޝަނުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ ޙާލަތްތަކުގައި ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.
17) ސެކްރެޓަރީ ޖެނެރަލް ނެތް ޙާލަތެއްގައި ސެކްރެޓަރީ ޖެނެރަލްގެ މަސްޢޫލިއްޔަތު އަދާކުރުން.
18) އިސްވެ ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން ކޮމިޝަނުން ހަވާލުކުރާ ޒިންމާތަކާއި މަސްއޫލިއްޔަތު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އަދާކުރުން.
6. މަޤާމުގެ ޙައިޘިއްޔަތު: މި މަޤާމަށް ނެގޭފަރާތަކީ، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ ހެޑް ކަމަށް ކަނޑައެޅުން.
7. ޕްރައިވެޓް ޕްރެކްޓިސް: މި މަޤާމަށް ނެގޭނެ ފަރާތަކީ، ކޮމިޝަނުގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޕްރައިވެޓް ޕްރެކްޓިސް ކުރެވޭނެ ފަރާތެއް ނޫންކަމުގައި ކަނޑައެޅުން.
8. ރިޕޯޓުކުރުން: ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްއަށް. ސެކްރެޓަރީ ޖެނެރަލް ނެތް ޙާލަތެއްގައި ކޮމިޝަނުގެ ރައީސަށް ނުވަތަ އެވަގުތަކު ކޮމިޝަން ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި މެންބަރަކަށް.
މީގެއިތުރުން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޢުމުރަކީ 18 އަހަރުން މަތީގެ މީހުންކަމުގައިވުމާއި، އެ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް މީހަކަށް ވާންވާނެކަމުގައިވެސް، ކޮމިޝަނުގެ 868 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް ރިވައިސް ކުރުމަށްޓަކައި، އަތޮޅުތެރެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ޕްލޭނާގުޅޭ.
ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް ރިވައިސް ކުރުމަށްޓަކައި އަތޮޅުތެރެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ ޕްލޭން، ތިރީގައި މި ދަންނަވާ ގޮތުގެމަތީން ތަންފީޛުކުރެއްވުމަށް، ކޮމިޝަނުގެ 868 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
1. ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް ރިވައިސް ކުރުމަށްޓަކައި އަތޮޅުތެރެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ ޕްލޭން، އެންމެ ރަނގަޅުކަމަށް ނިންމުން. އެހެންނަމަވެސް، ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްތަކުގެ މޮޑިއުލްސްތަކުގެ ތެރެއިން ރިވައިޒްކުރާނެ މޮޑިއުލްތަކާއި، އޭގެ ބައިތަކާއި، އަދި، ކޮމިޝަނުގެ އެއް މެންޑޭޓުކަމުގައިވާ ސިޔާސީ ޕާޓީތަކާއި ޑިމޮކްރެޓިކް ވެއްޓާ ގުޅިގެން މިހާރު ނަގައިދޭ ސެޝަންތައް، މޮޑިއުލްއެއްގެ ގޮތުގައި ފަރުމާކުރުމުގެ މަސައްކަތްކުރުމާއި، މިކަންކަމުގެ ތަފްޞީލް ކޮމިޝަނާ ޙިއްޞާކުރުމަށް ނިންމުން.
2. އަތޮޅުތެރެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ ތެރެއިން، އައްޑޫ ސިޓީއަކީ ޢާންމުކޮށްވެސް ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވާ ހިސާބެއް ކަމުންނާއި، އަދި އެ ޕްރޮގްރާމްތަކުގައި ބައިވެރިވަނީވެސް ޢާންމުގޮތެއްގައި އެއް ބައެއްކަމުން، އައްޑޫ ސިޓީގެ ބަދަލުގައި ލ.ފޮނަދޫއަށް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމުން.
3. މިގޮތުން، 2025 މޭ 24 ގައި ހއ.ހޯރަފުއްޓަށް އަދި 2025 ޖޫން 28 ގައި ލ.ފޮނަދޫއަށް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމުން.
4. ދަތުރުގެ ބައިވެރިން، އިދާރީގޮތުން ސެކްރެޓަރީ ޖެނެރަލް ކަނޑައެޅުއްވުމަށާއި، އެހެންނަމަވެސް، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ބޭނުންފުޅު މެންބަރުންނަށް މި ޕްރޮގްރާމުތަކުގައި ބައިވެރިވެ ވަޑައިގެންނެވޭނެ ކަމަށް، ނިންމުން.
4. އަލަށް ތަސްދީޤުކުރެވޭ ޤާނޫނު ކޮމިޝަނާ ޙިއްޞާ ކުރުމާގުޅޭ.
ޤާނޫނު ނަންބަރު:2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 އިޞްލާޙު ގެނައުމުގެ ޤާނޫނު، ކޮމިޝަނުގެ 868 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކުރައްވާފައެވެ. އަދި މި ޤާނޫނުގައި ކޮމިޝަނުގެ މަސައްކަތްތަކާ ގުޅުންހުރި ކަމެއް ހިމެނިފައިނުވާކަންވެސް، ކޮމިޝަނުގެ 868 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކުރައްވާފައެވެ.