ޖަލްސާތައް

ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ހުންނެވީ އަހަރީ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީ އުފެއްދުމާއި، ކޮމިޓީގެ މެންބަރުން ކަނޑައެޅުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީ އުފެއްދުމާއި، ކޮމިޓީގެ މެންބަރުން ކަނޑައެޅުމަށްޓަކައި، ކޮމިޝަނަރސް ބިއުރޯއިން ހުށަހަޅާފައިވާ ކަރުދާހާ އެއްގޮތްވާ ގޮތުގެމަތީން، ތިރީގައި މިދަންނަވާ މުއައްސަސާތައް ހިމަނައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީ އެކުލަވާލުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ޤައުމީ ލަފާދޭ ކޮމިޓީގައި ހިމެނޭ މުއައްސަސާތައް:

1. އިލެކްޝަންސް ކޮމިޝަން

2. އެންޓި-ކޮރަޕްޝަން ކޮމިޝަން

3. ސިވިލް ސަރވިސް ކޮމިޝަން

4. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

5. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

6. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

7. އެޓަރނީ ޖެނެރަލްގެ އޮފީސް

8. ދިވެހި ފުލުހުންގެ ޚިދުމަތް

9. ލޯކަލް ގަވަރމަންޓް އޮތޯރިޓީ

10. މޯލްޑިވްސް މީޑިއާ ކައުންސިލް

11. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

12. ޢަދާލަތު ޕާޓީ

13. ޖުމްހޫރީ ޕާޓީ

14. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް

15. މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ

16. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

17. މޯލްޑިވްސް ނެޝަނަލް ޕާޓީ

18. ދަ ޑިމޮކްރެޓްސް

19. ޕީޕަލްސް ނޭޝަނަލް ފްރަންޓް

20. ޖަމްއިއްޔާ ޖަމާޢަތްތައް.

· ޓްރާންސްޕޭރަންސީ މޯލްޑިވްސް

· ވެސްޓްމިންޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީ

21.  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ކައުންސިލް

 

   2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީތަކުގެ ބައްދަލުވުންތައް ބާއްވާނެ ގޮތުގެ އުޞޫލާގުޅޭ.

ކޮމިޝަނަރސް ބިއުރޯއިން ހުށަހަޅާފައިވާ ގޮތުގެމަތީން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީތަކުގެ ބައްދަލުވުންތައް ބާއްވާނެ ގޮތުގެ އުޞޫލު، ފާސްކުރުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބު އޮބްޒާވް ކުރުމަށް ދަޢުވަތުދޭނެ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތައް ކަނޑައެޅުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އޮބްޒާވްކުރުމާއި މޮނިޓަރކުރުމަށް ބައިނަލްއަޤްވާމީ އިދާރާތަކާއި މީޑިއާތަކަށް ދަޢުވަތުދޭނެގޮތާ ގުޅޭގޮތުން، ކޮމިޝަނަރސް ބިއުރޯއިން ހުށަހަޅާފައިވާ ކަރުދާސް ހުށަހަޅާފައިވާ ގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާއެކު، ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަކަށްވެސް ކޮމިޝަނުން ތައްޔާރުވަމުންދާތީ، އެގޮތުގެމަތީން، ބަޖެޓުކުރެވިފައިވާ ޢަދަދަށްވުރެން އިތުރުވީނަމަވެސް، ކޮމިޝަނުގެ ޚަރަދުގައި އިންތިޚާބު އޮބްޒާވްކުރުމަށް ތިރީގައި މިދަންނަވާ ޤައުމުތަކުގެ އިދާރާތަކަށް ދަޢުވަތު ދިނުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

#

ބާވަތް

ޤައުމުތަކުގެ އިދާރާތައް

1

ދެކުނު އޭޝިއާ

ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން ދެ އޮބްޒާވަރުން

2

އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ދެ އޮބްޒާވަރުން

3

އިރުދެކުނު އޭޝިއާ

ފިލިޕީންސްގެ އިލެކްޝަންސް ކޮމިޝަނުން ދެ އޮބްޒާވަރުން

4

ތައިލެންޑުގެ އިލެކްޝަންސް ކޮމިޝަނުން ދެ އޮބްޒާވަރުން

5

ހުޅަނގު އޭޝިއާ

ޖޯޖިއާގެ އިލެކްޝަންސް ކޮމިޝަނުން ދެ އޮބްޒާވަރުން

6

އަޒަރުބައިޖާންގެ އިލެކްޝަންސް ކޮމިޝަނުން ދެ އޮބްޒާވަރުން

7

މެދުތެރޭ އޭޝިއާ

ކިރިގިސްތާންގެ އިލެކްޝަންސް ކޮމިޝަނުން ދެ އޮބްޒާވަރުން

8

އެސޯސިއޭޝަންތަކާއި ސަރަޙައްދީ ޖަމްޢިއްޔާތައް

އެސޯސިއޭޝަން ފޯރ ވާރލްޑް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ މެންބަރު ޤައުމުތަކުގެ ތެރެއިން ކޮމިޝަނުން ދެ އޮބްޒާވަރުން

9

އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) ގެ މެންބަރު ޤައުމުތަކުގެ ތެރެއިން ކޮމިޝަނުން ދެ އޮބްޒާވަރުން

10

ފޯރަމް އޮފް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭޝިއާގެ މެންބަރު ޤައުމުތަކުގެ ތެރެއިން ކޮމިޝަނުން ދެ އޮބްޒާވަރުން

11

އޭޝިއަން ޔޫތް ކައުންސިލްގެ ފަރާތުން ދެ އޮބްޒާވަރުން

 

   4. އިލެކްޝަންސް ކޮމިޝަނުގެ 2026 ވަނަ އަހަރުގެ ކަލަންޑަރު ތައްޔާރު ކުރުމަށް ހުށަހަޅާ މަޢުޟޫތަކާއި، ތީމް އަދި ލޭއައުޓް ކަނޑައެޅުމާގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ 2026 ވަނަ އަހަރުގެ ކަލަންޑަރު ތައްޔާރު ކުރުމަށް ނުފެންނަކަމަށާއި، އެހެންނަމަވެސް، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން، ޕަބްލިކް ރިލޭޝަންސް ސެކްޝަނުން ހުށަހަޅާފައިވާ "ޑިމޮކްރަޓިކު ވެށި އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މުހިއްމު މަޢުލޫމާތާއި، ސިޔާސީ ޕާޓީތަކުގެ ބައިވެރިވުމުގެ މުހިއްމުކަމާއި، މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ އިންތިޚާބީ ނިޒާމަށް އޮތް އިތުބާރު ދެމެހެއްޓުން" ތީމް ގެ ދަށުން، 12 މަހަށް، ކޮންމެ މަހަކަށް ޚާއްޞަ ދާއިރާއެއް ކަނޑައަޅައި، އެއްމަހާއި އަނެއް މަހުގެ ދާއިރާ ލިންކުކުރެވޭނެހެން ފްލޯއެއްގެ ތެރެއިން، ކޮމިޝަނުގެ މީސްމީޑިއާގައި އެވެއަރނެސްގެ ޙަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   5. ކޮމިޝަނުގެ މާޗެންޑައިޒް މެޓީރިއަލްސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރާ ތަކެތީގެ ޑިޒައިން ފައިނަލް ކުރުމަށާއި، އެ ތަކެތި ރަސްމީކޮށް ބޭނުންކުރުމަށް އެކުލަވާލާފައިވާ ޕްލޭނާގުޅޭ.

ކޮމިޝަނުގެ މާޗެންޑައިޒް މެޓީރިއަލްސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރާ ތަކެތީގެ ޑިޒައިންއާ ގުޅޭގޮތުން، ޕަބްލިކް ރިލޭޝަންސް ސެކްޝަނުން ހުށަހަޅާފައިވާ ތިރީގައި މިދަންނަވާފައިވާ ތަކެތީގެ ޑިޒައިން، ކޮމިޝަނުގެ ރަސްމީ ޖަލްސާއަށް ހުށަހަޅާފައިވާ ގޮތުގެމަތީން ފާސްކުރުމަށާއި، އަދި މިކަމަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ 100,000/-ރ. (އެއްލައްކަރުފިޔާ) ގެ ބަޖެޓުގެ ތެރެއިން، މި  ޚަރަދު ހަމަޖެއްސުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.އެގޮތުން؛

1. ގަލަން

2. ދަބަސް - ދަބަހުގެ އެއް ފަރާތުގައި ކޮމިޝަނުގެ ލޯގޯ އަދި އަނެއް ފަރާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ޑިޒައިނެއް ބޭނުންކުރުމަށާއި، މިކަމަށް ވިސިޓް މޯލްޑިވްސްއާ ވާހަކަ ދައްކައިގެން، ސްޕޮންސަރ ލިބޭތޯ މަސައްކަތްކުރުން.

3. ކީޓެގްތައް

4. ތޮފި

5. ނޯޓު ފޮތް

6. ފެންފުޅި 

 

   6. އިޢުލާނުކުރި ނަމަވެސް، ޓާސްކްފޯސް މަޤާމުތަކުގެ ތެރެއިން މީހުން ކުރިމަތިލާފައިނުވާ މަޤާމުތަކަށް މީހުން ހޯދުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތަށް ޓާސްކް ފޯސް މުވައްޒަފުން ހޯދުމަށް ކުރި އިޢުލާނުތަކާ ގުޅިގެން، މަޤާމުތަކަށް މީހުން ކުރިމަތިލަމުން ނުދާތީ، ތިރީގައި މިދަންނަވާ ގޮތުގެމަތީން ޢަމަލުކުރުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  1. ޑްރައިވަރު އަދި މެއިންޓެނަންސް އޮފިސަރ

ޑްރައިވަރު އަދި މެއިންޓެނަންސް އޮފިސަރގެ މަޤާމަށް، އޮފިސަރ (ޖީ.އެސް3) ގެ ލެވެލްގައި މީހުން ނެގުމާއި، މި މަޤާމަށް އިޢުލާނު ކުރާއިރު، މަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނި ކަންކަން ހިމެނުން؛

· ކޮމިޝަނުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުން.

· އެއްތަނުން އަނެއްތަނަށް ތަކެތި ގެންދިއުމާއި، ލޮޖިސްޓިކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

· އިންތިޚާބުގެ މަސައްކަތް ހިންގާ މަރުކަޒުތަކުގެ މަރާމާތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

 2. ސެކިއުރިޓީ އޮފިސަރ

· ސެކިއުރިޓީ އޮފިސަރުން ކުންފުންޏަކާ ޙަވާލުކޮށްގެން، އައުޓްސޯސްކޮށްގެން ހޯދުން.

 

3. އެސިސްޓެންޓް މާސްޓަރ ޓްރޭނަރ

· އެސިސްޓެންޓް މާސްޓަރ ޓްރޭނަރުން ގެ މަޤާމަށް އެހެން އޮފީސްތަކުން އެ މަޤާމަށް އެކަށީގެންވާ ފަރާތްތައް ވީއްލައިގެން ގެނައުން.

· އަދި ވީއްލައިގެން އެ ފަރާތްތައް ނެގުމަށްޓަކައި، އެ ފަރާތްތަކުގެ ތަފްޞީލްތަކާއެކު، ކޮމިޝަނަށް ހުށަހެޅުން.

 

 4. އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރުން އަދި އޮފީސް އެސިސްޓެންޓުން

އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރުން އަދި އޮފީސް އެސިސްޓެންޓުން ގެ މަޤާމަށް އޮފިސަރ ލެވެލްގައި މީހުން ހޯދުމާއި، އިޢުލާނުކުރާއިރު މަޤާމުގެ މަސްއޫލިއްޔަތުގައި އަންނަނި ކަންކަން ހިމެނުން؛

· މަރުކަޒުތަކަށް ފޮނުވުމަށް ބޭނުންކުރާ ތަކެތި ފޮޅާ ސާފުކުރުން.

· ލޮޖިސްޓިކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

· ކޮމިޝަނުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުން.

· އެއްތަނުން އަނެއްތަނަށް ތަކެތި ގެންދިއުމާއި، ލޮޖިސްޓިކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

· އިންތިޚާބުގެ މަސައްކަތް ހިންގާ މަރުކަޒުތަކުގެ މަރާމާތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތައް ކުރުން.

 

  7. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ދާއިރާއިން، ކައުންސެލް ޖެނެރަލް، އެޑްވޮކަސީ ދާއިރާއިން، ޑިރެކްޓަރ ޖެނެރަލް، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީ ސަރވިސްގެ ދާއިރާއިން، ސީނިއަރ ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީ ސަރވިސްގެ ދާއިރާއިން، ސީނިއަރ ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ، ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް ދާއިމީ މަޤާމުތަކެއްގެ ގޮތުގައި އިތުރުކޮށް، މި މަޤާމުތަކަށް މުވައްޒަފުން ހޯދުމާގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ދާއިރާއިން، ކައުންސެލް ޖެނެރަލް، އެޑްވޮކަސީ ދާއިރާއިން، ޑިރެކްޓަރ ޖެނެރަލް، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީ ސަރވިސްގެ ދާއިރާއިން، ސީނިއަރ ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީ ސަރވިސްގެ ދާއިރާއިން، ސީނިއަރ ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ އިލެކްޝަންސް ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް ދާއިމީ މަޤާމުތަކެއްގެ ގޮތުގައި ތިރީގައި މިދަންނަވާ ގޮތުގެމަތީން އިތުރުކޮށް، މި މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

 1. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ދާއިރާއިން، ކައުންސެލް ޖެނެރަލް.

· ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ (ދާއިމީ/އީ.އެކްސް 5) ކައުންސެލް ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް ދެ ފަހަރެއްގެ މަތިން އިޢުލާނުކޮށް، މި މަޤާމަށް އެކަށީގެންވާވަރަށް ޝަރުޠު ފުރިހަމަވާ މީހުން ކުރިމަތިލާފައިނުވާތީ، މި މަޤާމަށް އެކަށީގެންވާ ފަރާތެއް ހޯދުމަށްޓަކައި، މީހުން ކުރިމަތިނުލާ ސަބަބުތައް ދެނެގަތުމަށް މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޝަރުޠުތައް ރިވިއުކުރުމުން، ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގައި ކަނޑައަޅާފައިވާ މުސާރައާއި މި ކޮމިޝަނުގެ މުސާރައިގެ އޮނިގަނޑުގައިވާ މުސާރައާއި ދެމެދު ބޮޑު ފަރަގެއް ވާތީވެ، މުސާރައިގެ މި ފަރަޤަކީ، ޤާބިލު ފަރާތްތައް މި މަޤާމަށް ކުރިމަތިނުލުމަށް މެދުވެރިވާ އެއް ސަބަބުކަމަށް ބެލެވޭތީވެ، ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ ދަށުން، ކައުންސެލް ޖެނެރަލް (އީ.އެކްސް 5) ގެ މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތަކާއި އަސާސީ ޝަރުޠު އެގޮތުގަމަތީން ފާސްކޮށް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ދާއިރާއިން، (ދާއިމީ/އީ.އެކްސް 5) ކައުންސެލް ޖެނެރަލްގެ މަޤާމަށް މުވައްޒަފެއް ހޯދުމަށްޓަކައި، އިޢުލާންކުރުން.

· މި މަޤާމުގެ ޖޮބް ފެމިލީގެ ގޮތުގައި، ލީގަލް، ކަލްޗަރަލް އެންޑް ސޯޝަލް ސަރވިސް، ސްކިލް ލެވަލް 4 އަދި ޕަބްލިކް ސަރވިސް ރޭންކް 11 ގެ ގޮތުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަގާމުތަކުގެ ތެރޭގައި ހިމެނޭ މަޤާމެއްކަމުގައިވާތީ، މި މަޤާމަށް އިތުރު ގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެ ކަމުގައި ކަނޑައަޅައި، ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ ދަށުން، މިމަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތައް އެގޮތުގެމަތީން ފާސްކުރުން.

· މަޤާމުގެ އަސާސީ ޝަރުޠުތަކުގެ ގޮތުގައި، 

(1.) މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ؛

(2.) މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ:

(3.) މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 16 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

(4.) މަޤާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވުން، ބަޔާންކުރުން.

 

2. އެޑްވޮކަސީ ދާއިރާއިން، ޑިރެކްޓަރ ޖެނެރަލް

· ދިވެހިރާއްޖޭގެ ޑިމޮކުރެޓިކު ވެށި ހަރުދަނާކުރުމުގެ ގޮތުން ރައްޔިތުން ޙޭލުންތެރިކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮމިޝަނުގެ ނިންމުންތަކާއި އެއްގޮތަށް ތަންފީޒުކުރުމަށާއި، ކޮމިޝަނުގެ ސްޓްރެޓެޖިކް ލަނޑުދަޑިތައް ޙާސިލްކުރުމަށް އެޑްވޮކަސީ ސްޓްރެޓިޖީތަކާއި ޕްލޭންތައް އެކުލަވާލައި ހިންގައި ބެލެހެއްޓުމަށާއި، އިންތިޚާބުތަކާއި ގުޅިގެން ހިންގަންޖެހޭ ޓްރެއިނިންގތައް ރާވައި ހިންގުމުގެ ޕްލޭން ރޭވުމާއި ވިލަރެސްކުރުމާއި، ކޮމިޝަނުގެ ޕޮލިސީތައް ތަންފީޒުކުރުމުގެ ޙަރަކާތްތަކުން ދިރާސާކޮށް އިމަރޖިން އިޝޫސްތައް ދެނެގަނެ އެފަދަ ކަންކަމަށް އަޅެންހުރި ފިޔަވަޅުތައް ދެނެގަނެ ސްޓްރެޖީސް އެކުލަވާލައި ކޮމިޝަނަށް ލަފާ ދިނުމާއި، ތަމްރީންތަކާއި އެޑްވޮކަސީ ޙަރަކާތްތަކުގައި ޙަރަކާތްތެރިވާ ފާރާތްތައް ތަމްރީނުކުރުމާއި ފެންވަރު މަތިކުރުމުގެ ސްޓްރެޓެޖީސްތައް ރާވައި ތަންފީޒުކުރުމާއި، ކޮމިޝަނުގެ އެޑްވޮކަސީގެ މަސައްކަތްތަކާގުޅޭ ގޮތުން ޙޭލުންތެރިކަމުގެ ޕްރޮގްރާމްތައް ފަރުމާކޮށް ތަންފީޒުކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމާއި، ކޮމިޝަނުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ދެނެގަނެ، މިތަމްރީންތައް ހިންގުމަށް އެކިއެކި ފަރާތްތަކާއި ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ކޮމިޝަނުގެ ޕޮލިސީތައް ތަންފީޒުކުރުމަށް ބޭނުންވާ ދިރާސާތައްކޮށް ތަންފީޒުކުރުމުގެ ޕްލޭންތައް ތައްޔާރުކުރުމަށްޓަކައި، އެޑްވޮކަސީ ދާއިރާއިން، ޑިރެކްޓަރ ޖެނެރަލް ގެ ނަމުގައި، މަޤާމެއް އޮނިގަނޑަށް އިތުރުކޮށް، މަޤާމަށް މުވައްޒަފަކު ހޯދުން.

· މި މަޤާމުގެ ޖޮބް ފެމިލީގެ ގޮތުގައި، ލީގަލް، ކަލްޗަރަލް އެންޑް ސޯޝަލް ސަރވިސް، ސްކިލް ލެވަލް 4 އަދި ޕަބްލިކް ސަރވިސް ރޭންކް 11 ގެ ގޮތުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަގާމުތަކުގެ ތެރޭގައި ހިމެނޭ މަޤާމެއްކަމުގައިވާތީ، މި މަޤާމަށް އިތުރު ގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެ ކަމުގައި ކަނޑައަޅައި، ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ ދަށުން، މިމަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތައް އެގޮތުގެމަތީން ފާސްކުރުން.

 

3. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީ ސަރވިސްގެ ދާއިރާއިން، ޕްރިންސަޕަލް ސޮފްޓްވެއަރ އިންޖިނިއަރ

· ޑިވެލޮޕްމަންޓް ޓީމަށް ފަންނީ އިރުޝާދު ފޯރުކޮށްދިނުމާއެކު ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، ކޮމްޕްލެކްސް ސޮފްޓްވެއަރ ސިސްޓަމްތައް ޑިޒައިންކޮށް ނިންމުމުގައި އިސް ދައުރެއް އަދާކުރުމަށާއި، ކޮމިޝަނަށް ބޭނުންވާ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށާއި، ކޯޑްގެ ފެންވަރު ދެމެހެއްޓުމަށާއި ބިނާކުރަނިވި ފީޑްބެކް ދިނުމަށާއި، ކޯޑިންގ ސްޓޭންޑަޑްސް ތަންފީޒުކުރުމަށްޓަކައި ކޯޑް ރިވިއު ކުރުމުގައި ބައިވެރިވުމަށާއި، ޖޫނިއަރ އަދި މިޑްލް ލެވެލް އިންޖިނިއަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މަގުފަހިކުރުމަށް ޓެކްނިކަލް ސްކިލްސް އިތުރުކުރުމަށް މެންޓަރިންގ، ކޯޗިންގ، އަދި ޓްރެއިނިންގ ދިނުމަށާއި، ޕްރޮޑަކްޓް މެނޭޖަރުންނާއި، ޕްރޮޖެކްޓް މެނޭޖަރުންނާއި، ޑިޒައިން ކުރާ ފަރާތްތަކާއި އަދި އެހެނިހެން އިންޖިނިއަރުން ހިމެނޭ ގޮތަށް ކްރޮސް ފަންކްޝަނަލް ޓީމުތަކާ ގާތުން މަސައްކަތްކޮށް، ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމުމަށާއި، ސޮފްޓްވެއަރ އިންޖިނިއަރިންގ ގެ ދާއިރާގެ އައު އީޖާދީ ޓެކްނޮލޮޖީތަކާއި، ސިނާއަތުގެ ޓްރެންޑްތަކަށް އަހުލުވެރިވެ ހުރުން. އަދި ކޮމްޕްލެކްސް ޓެކްނިކަލް މައްސަލަތަކާއި ހައްސާސް މައްސަލަތައް ހައްލުކުރުމަށްޓަކައި، ޕްރިންސަޕަލް ސޮފްޓްވެއަރ އިންޖިނިއަރ ގެ ނަމުގައި ދާއިމީ މަޤާމެއް އުފެއްދުން.

· މި މަޤާމުގެ ޖޮބް ފެމިލީގެ ގޮތުގައި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީ ސަރވިސް، ސްކިލް ލެވަލް 4 އަދި ޕަބްލިކް ސަރވިސް ރޭންކް 10 ގެ ގޮތުގައި ކަނޑައަޅައި، ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ ދަށުން، މިމަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތައް އެގޮތުގެމަތީން ފާސްކުރުން.

 

4. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީ ސަރވިސްގެ ދާއިރާއިން، ސީނިއަރ ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ

· ކޮމިޝަނުގެ ޑޭޓާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ގޮތުން ޑޭޓާބޭސް އާކިޓެކްޗަރާއި ޑޭޓާ ސްޓްރަކްޗަރތަކާއި، ތާވަލްތަކާއި، ޑިކްޝަނަރީތަކާއި ނޭމިންގ ކޮންވެންޝަންތައް ޑިޒައިންކޮށް ތަރައްޤީ ކުރުމަށާއި، ޑޭޓާބޭސް މެނޭޖްމަންޓް ސިސްޓަމްތައް ޑިޒައިންކޮށް، މޮޑިފައިކޮށް، އިންޓަގްރޭޓްކޮށް، އިމްޕްލިމެންޓްކޮށް އަދި ޓެސްޓްކުރުމަށާއި، އިދާރާގައި ބޭނުންކުރާނެ ޑޭޓާބޭސް މެނޭޖްމަންޓް ޓޫލްސްތައް ކަނޑައެޅުމުގެ ގޮތުން ދިރާސާތައްކޮށް، އެފަދަ ދިރާސާތަކުގެ އަލީގައި އިސްވެރިންނަށް ބޭނުންވާ ލަފާ އެރުވުމަށާއި، ޑޭޓާ އެޑްމިނިސްޓްރޭޝަން ޕޮލިސީތަކާއި، އެސް.އޯ.ޕީ ތަކާއި މޮޑެލްތައް އެކުލަވާލައި އެކަންކަން ތަންފީޒުކުރުމަށާއި، ކޮމްޕިއުޓަރ ނެޓްވަރކާއި ނެޓްވަރކާގުޅިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކޮމްޕިއުޓަރ ހާޑްވެއަރ، ސިސްޓަމްސް ސޮފްޓްވެއަރ، އެޕްލިކޭޝަންސް ސޮފްޓްވެއަރ އަދި ކޮންފިގުރޭޝަންތައް އެޑްމިނިސްޓަރކޮށް ބެލެހެއްޓުމަށާއި، ސިސްޓަމްސްތަކާއި ނެޓްވަރކް ކޮންފިގުރޭޝަންތައް ތަރައްޤީ ކުރެވޭނެ ގޮތްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެކަންތައްތައް ތަންފީޒުކުރުމަށް ބޭނުންވާނެ ހާޑްވެއަރ އާއި ސޮފްޓްވެއަރތައް ކަނޑައެޅުމަށާއި، ހާޑްވެއަރ އާއި ސޮފްޓްވެއަރގެ މައްސަލަތައް ޑައިގްނޯސްކުރުމަށާއި، ޑޭޓާ ބެކްއަޕްއާއި ޑިޒާސްޓަރ ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށާއި، އިދާރާގެ ނެޓްވަރކް އަދި ހާޑްވެއަރތަކަށް ދިމާވާ މައްސަލަތައް ބަލައި، އެ މައްސަލަތައް ޙައްލުކުރުމަށާއި، ކޮމިޝަނުގެ ނެޓްވަރކް އަދި ހާޑްވެއަރތަކަށް މައްސަލަތައް ދިމާނުވާނެ ގޮތްގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އެކަންކަމާބެހޭ މަޝްވަރާ ސުޕަވައިޒަރަށްދީ، ސުޕަވައިޒަރުގެ ލަފާއާއެކު ތަންފީޒު ކުރަންޖެހޭ ޕްރިވެންޓިވް ކަންތައްތައް ތަންފީޒުކުރުމަށާއި، ނެޓްވަރކްގެ ރައްކާތެރިކަމާގުޅޭ ގޮތުން ތަމްރީނު ޕްރޮގްރާމްތަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށާއި، ނެޓްވަރކް ޑިވައިސްތަކުގެ މުހިންމު ލޮގް ފައިލްތައް (ޚާއްޞަ ގޮތެއްގައި ސެކިއުރިޓީ ، ޔޫސެޖް އޮޑިޓް ޓްރެއިލް) މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި، ސީނިއަރ ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ ގެ ނަމުގައި ދާއިމީ މަޤާމެއް އުފެއްދުން.

· މި މަޤާމުގެ ޖޮބް ފެމިލީގެ ގޮތުގައި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީ ސަރވިސް، ސްކިލް ލެވަލް 4 އަދި ޕަބްލިކް ސަރވިސް ރޭންކް 9 ގެ ގޮތުގައި ކަނޑައަޅައި، ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ ދަށުން، މިމަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތައް އެގޮތުގެމަތީން ފާސްކުރުން.

 

   7. 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބޭއްވުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާނުތަކާ ގުޅިގެން ބޭއްވުނު ވޯކް-އިން އިންޓަރވިއުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، ނުނެގިވާ ފަރާތްތަކާއި، 2025 ސެޕްޓެންބަރު 19 ގެ ނިޔަލަށް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް، އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ކޮމިޝަނުގެ ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ސީނިއަރ އޮފިސަރގެ މަޤާމަށް، ހ.ދަޑިއަލުވިގެ، މާލެ ފާޠިމަތު ދަހާ ޢަބްދުއްސައްތާރު ހަމަޖެއްސުމަށާއި، އަދި، ހ.ތުވަރު، މާލެ، ޝާހިދު ޢުބައިދުﷲ މުޙައްމަދު، ނިޒް، ހއ.ދިއްދޫ، ޒައިނާ ރަޝީދު، ރަސްމާދޫގެ، ރ.މީދޫ، ޞާއިން މުޙައްމަދު، ނާޒް، ހއ.މާރަންދޫ، އަޙްމަދު އަބޫބަކުރު މުޙައްމަދު، މ.ވައިޓްބެލް، މާލެ، އާޔަން އަޙްމަދު މޫސާ، މއ.ސައްކެޔޮގެ، މާލެ، މުޙައްމަދު ރަޔާން، ކެންނާރިގެ، ގދ.ގައްދޫ، އަޙްމަދު ޝާފިޒް، ގ.ރާޑޯ، މާލެ، މިސްކާ ސާދަތު ޙަސަން އޮފިސަރ ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  8. ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ ސީނިއަރ އޮފިސަރ، ފާޠިމަތު މުޙައްމަދު ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅާފައިވުމާގުޅޭ.

ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ ސީނިއަރ އޮފިސަރ، (އެމް.އެސް 1) ފާޠިމަތު މުޙައްމަދު (A037177)، 2025 ޑިސެންބަރު 8 ވަނަ ދުވަހު، ޓާސްކް ފޯސް މުވައްޒަފުން ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު ހުށަހަޅާފައިވާތީ، އެދިފައިވާ ގޮތުގެމަތީން، މި މުވައްޒަފު އިދާރީގޮތުން 2025 ޑިސެންބަރު 10 އިން ފެށިގެން ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ވަކިކޮށްފައިވާތީވެ، އެގޮތުގެމަތީން، އެންޑޯސް ކުރެއްވުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން އިދާރީގޮތުން ވަކިކޮށް، އެންޑޯޒްކުރުމަށް ކޮމިޝަން ހުށަހަޅާ މެމޯތަކުގައި، އިދާރީގޮތުން އެކަން ކުރުމަށް ކޮމިޝަނުން ނިންމަވާފައިވާ ނިންމެވުން ޙަވާލާދީ، ލިޔެކިއުންތައް ހުށަހެޅުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   9. ފައިނޭންސް ސެކްޝަނުގެ އޮފިސަރ މުޙައްމަދު ނާހިލްގެ ޕްރޮބޭޝަން ރިޕޯޓާގުޅޭ.

ފައިނޭންސް ސެކްޝަނުގެ އޮފިސަރ މުޙައްމަދު ނާހިލް ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާ ގޮތުގެ ޕްރޮބޭޝަން ރިޕޯޓަށް ރިޔާޢަތްކޮށް މިމުވައްޒަފުގެ ސުޕަވައިޒަރުގެ ޙައިޘިއްޔަތުން ސެކްޝަން ހެޑް، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން، ފައިނޭންސް ސެކްޝަނުގެ އޮފިސަރ މުޙައްމަދު ނާހިލް ދާއިމީކުރުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   10. ނޮވެންބަރު 2025 ގެ ޚަރަދު ރިޕޯޓާގުޅޭ.

ނޮވެންބަރު 2025 ގެ ޚަރަދު ރިޕޯޓު ކޮމިޝަނާ ޙިއްޞާ ކުރެވިފައިވާކަމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   11. ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ހުށަހެޅޭ ޝަކުވާތައް އޮންލައިންކޮށް ބަލައިގަތުމާގުޅޭ.

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮންމެ އިންތިޚާބަކަށްވެސް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލަން ޖެހޭތީވެ، އެގޮތުގެމަތީން، ވޯޓު ދިނުމުގެ ޙަޢްޤު ލިބިފައިވާ މީހުންގެ ލިސްޓަށް މިހާރު ޝަކުވާ ބަލައިގަންނަމުން ދަނީ ޝަކުވާ ފޯމު މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުންނާއި، ރަށު/ސިޓީ ފޯކަލް ޕޮއިންޓުން މެދުވެރިކޮށް ކަމުގައިވާތީއާއި، އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށސް ޝަކުވާ ހުށަހެޅުމާއި، ޖަވާބު ދިނުމަކީ ޤާނޫނީ ވަކި މުއްދަތުތަކެއް ކަނޑައެޅިފައިވާ ކަމަކަށްވާތީ، ރަށު/ސިޓީ ފޯކަލް ޕޮއިންޓަށް ހުށަހެޅޭ ޝަކުވާތައް ދުވަހުން ދުވަހަށް ގެނައުމާއި، ޖަވާބު ދިނުމަށް ދަތިތަކެއް ދިމާވާތީ، ކުރިއަށް އޮތް އިންތިޚާބުތަކުގައި، މިހާރަށްވުރެ ފަސޭހައިން ޝަކުވާ ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ޝަކުވާ ހުށަހަޅާ ފަރާތްތަކަށް ޖަވާބު ދިނުމުގެ ބޭނުމުގައި މި ނިޒާމު އޮންލައިންކޮށް، މައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުކޮށް ރަޖިސްޓްރޭޝަން ސެކްޝަނުން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ރިކުއަރމަންޓް ފާސްކުރުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، މި ރިކުއަރމަންޓަށް ބަލައި އެޕްލިކޭޝަނެއް ހެދުމަށާއި، އަދި، ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި، މައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ބަލައިގަތުމުގެ އިންތިޒާމު އޮންލައިންކޮށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   12. ވޯޓުލާ މަރުކަޒުތަކަށް އިތުރު ޓެބްލެޓްތަކުގެ ތަފްޞީލާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާއެކު، ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ބާއްވަންޖެހިދާނެކަމަށް ބަލައި، އެގޮތުގެމަތީން، ވޯޓުލާ މަރުކަޒުތަކަށް އިތުރު ޓެބްލެޓްތައް ބޭނުންވާނެތީވެ، މިކަމަށް ހިނގާނެ ޚަރަދާއި، ބޭނުންވާ ޓެބްލެޓްތަކުގެ ޢަދަދުތައް ހިމެނޭނެހެން، ދެން އޮންނަ ޖަލްސާއަކަށް ހުށަހެޅުމަށް، ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
902

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 493 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 492 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 491 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 490 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާ