LCE & WDC 2026

ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އޮފިޝަލުން ހޯދުމަށް ހުޅުވާލާފައިވާ މުއްދަތު، 2026 މާރިޗު 22 ވާ އާދީއްތަ ދުވަހުގެ 15:00 އަށް އިތުރުކޮށްފިއެވެ.  

 

މިމުއްދަތު އިތުރުކޮށްފައިވަނީ، އަންނަ އަހަރުގެ އެޕްރީލް 4 ގައި  ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާ އިރު، އަދި މި ކޮމިޝަނަށް ލިބިފައިވަނީ 5000 އެޕްލިކޭޝަންކަމުގައި ވާތީއެވެ. ވޯޓުލާ މަރުކަޒުގެ ގޮތުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ގޮތުގައި މާލެ، ހުޅުމާލެ އަދި އަތޮޅުތެރޭގައި ބަހައްޓާ ވޯޓުފޮށިތައް ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން އަދި ވެސް އިތުރަށް ބޭނުންވެއެވެ.

 

އޮފިޝަލުން ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ވީ އެންމެ އަވަހަށް މި ފުރުޟަތުގައި   https://my.elections.gov.mv  ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެގޮތުން ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު، އީ-ފާސްގެ މަޢުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ (Permission) ދޭންވާނެއެވެ. އަދި ޕޯޓަލްއަށް ލިޔެކިއުންތައް ހުށަހެޅުމަށް ބޭނުންކުރެވޭނީ ހަމައެކަނި ޕީ.ޑީ.އެފް ފައިލްއެވެ. ހުށަހަޅާ ފަރާތްތަކަށް، ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ޗެކްކުރެވޭނެއެވެ. 

 

އޮފިޝަލަކަށްވުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް ސަމާލުކަންދޭންވާނެއެވެ. 

 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ޢުމުރުން 18 އަހަރުވެފައިވާ މީހެއްކަމުގައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައި ފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.  

 

އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2900 ރުފިޔާ ދޭއިރު، ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ އޮފިޝަލަކަށް 2600 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2300 ރުފިޔާ ދޭއިރު، ގުނާ އޮފިޝަލަކަށް ހަރަކާތްތެރިވާ ފަރާތަކަށް 1800 ރުފިޔާ ލިބޭނެއެވެ. އަދި ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މަސައްކަތްކުރާ ގަޑިތަކަށްބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.  

 

އޮފިޝަލުންގެ ގޮތުގައި ޝައުޤުވެރިވާ ފަރާތްތަކުން 2026 މާރިޗު 22 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

އިއުލާން