LCE & WDC 2026

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު ޢާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ އަދި 41 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ސިޓީ / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި، އެ ޤާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކޮންމެ ސިޓީއެއް / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު މިއަދު ވަނީ ޢާންމުކޮށްފައެވެ.


މި ރިޕޯޓަށް ޝަކުވާ ހުށަހަޅާނީ 2025 ޑިސެންބަރު 15 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ލިޔުމުން، މި ކޮމިޝަނުގެ އިދާރާއަށް ނުވަތަ މިކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް
([email protected])
އަށެވެ. ޝަކުވާ ހުށަހަޅުއްވާއިރު ޝަކުވާ ހުށަހަޅުއްވާ ފަރާތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މި ރިޕޯޓާއި ގުޅިގެން 1414 ކޯލް ސެންޓަރަށް ގުޅާލުމުން އިތުރު މަޢުލޫމާތު ލިބޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ހަމައަށް ކޯލް ސެންޓަރުން ހިދުމަތް ލިބޭނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރެވޭނެއެވެ.