LCE & WDC 2026

ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފޯމުތައް ހުށަހަޅަންވާނީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

2026 އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ސަރުކާރުގެ ގެޒެޓުން އަދި ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

 

އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 2025 ޑިސެންބަރު 1 ގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު ބަލައިގަންނާނެކަމަށް އިޢުލާނުކޮށްފައި ވީނަމަވެސް، މި ފޯމުތައް ހުށަހަޅަން ޖެހޭނީ އިންތިޚާބަށް ކުރިމަތިލުމަށް މި ކޮމިޝަނުން އިޢުލާންކުރުމުންނެވެ.

 

މިގޮތަށް ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދިނުމުގެ މަޤްސަދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަކީ ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލާ އިންތިޚާބަކަށްވެފައި، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ދުރާލާ ފެށޭނެހެން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަވެގެންދާނެގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމެވެ.