ޚަބަރު

މި ކޮމިޝަނުން ކ. ހުރާ ކައުންސިލްއާ ބައްދަލުކުރުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

މި ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދުގެ އިސްނެންގެވުމުގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރެއްމަށް މާލެ އަތޮޅު ހުރާ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

 

2025 ނޮވެންބަރު 13 ވީ ބުރާސްފަތި ދުވަހު ކ.ހުރާގައި ބޭއްވި މި ބައްދަލުވުމުގައި، މި ކޮމިޝަނުގެ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިބައްދަލުވުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މަސައްކަތްތައް އަމާންކަމާއި އޮމާންކަމާއެކު އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިއަށް ގެންދާނެ ހަރުދަނާ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކަށް ދުރާލާ ތައްޔާރުވުމުގެ މުހިންމުކަމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، މުޖުތަމަޢުގެ ބައިވެރިވުން ފުޅާކުރުމުގެ މުހިންމުކަމާގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

 

ދިވެހިރާއްޖޭގެ ޑިމޮކުރެޓިކުވެށި ހަރުދަނާކުރުމުގައި ލޯކަލް ކައުންސިލްތަކާއި ރައްޔިތުންގެ ދައުރުގެ މުހިންމުކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އިންތިޚާބީ ނިޒާމުގައި ހާމަކަން ބޮޑުގޮތެއްގައި މަސައްކަތްތައް ކުރުމާއި އަދި އާންމު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމާއި ޝައުޤުވެރިކަމާއެކު ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއި އަދި ކޮމިޝަނާއި ކައުންސިލާއި ދެމެދު އޮންނަ އެއްބާރުލުމުގެ މުހިންމު ކަމާމެދު ވެސް ކޮމިޝަނުގެ ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

 

ކައުންސިލްގެ ފަރާތުން މިކޮމިޝަނުގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. މިގޮތުން ޑިމޮކުރެޓިކުވެށި ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި އަދި އިންތިޚާބާ ގުޅުންހުރި ޙަރަކާތްތައް އިތުރުކޮށް، މިކޮމިޝަނާއި ކައުންސިލާދެމެދު ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

 

މި ބައްދަލުވުމަކީ، މުޅި ދިވެހިރާއްޖޭގައި ލޯކަލް ކައުންސިލްތަކާއެކު ގުޅުން ބަދަހިކުރުމަށާއި މަދަނީ ޒިންމާދާރުކަން ކުރިއެރުވުމަށް މި ކޮމިޝަނުން ހިންގާ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދިއަ ބައްދަލުވުމެކެވެ. މިގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކުރިން، އިތުރު ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.