ޚަބަރު
މިކޮމިޝަނާއި ކޮމިޝަން އޮން އިލެކްޝަންސް އޮފް ދަ ފިލިޕީންސް (ކޮމެލެކް) ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލުވުން ކާމިޔާބުކަމާއެކީ ނިންމާލައިފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
މިކޮމިޝަނާއި ކޮމިޝަން އޮން އިލެކްޝަންސް އޮފް ދަ ފިލިޕީންސް (ކޮމެލެކް) ގުޅިގެން، އިންތިޚާބުތަކުގެ ނަޒާހަތްތެރިކަން އިތުރުކޮށް ދެފުށްފެންނަ އިންތިޚާބުތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ޚިދުމަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ކުރެވޭނެ ގޮތްތަކުގެ މައްޗަށް އަމާޒުކޮށްގެން 3 ދުވަހުގެ މަޢުލޫމާތު ބަދަލުކުރުމުގެ މިޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. 2025 ނޮވެމްބަރު 10 އިން 12 އަށް ބޭއްވި މި ޕްރޮގްރާމުގައި ދެ ކޮމިޝަނުގެ މެންބަރުންނާއި ސީނިއަރ މެނޭޖްމެންޓް ޓީމުން ބައިވެރިވިއެވެ. ކޮމެލެކްގެ "ޓާސްކް ފޯސް ކޭކޭކޭ ސާ ހަލާލަން" ވެސް ހިމެނޭގޮތަށް، އިންތިޚާބުތަކާއި ގުޅިގެން ފެތުރޭ ދޮގު މަޢުލޫމާތު ދެނެގަތުމާއެކު މިފަދަ މައްސަލަތައް އަވަހަށް ހައްލުކުރުމަށް އަމަލުކުރެވިދާނެ އުސޫލުތަކާއި ސްޓްރެޓެޖީތައް ވަނީ ހިއްސާކޮށްފައެވެ. އަދި އިންސާފުވެރި އަދި ރައްކާތެރި އިންތިޚާބުތަކަށް ޓެކްނޮލޮޖީގެ ބޭނުންކުރެވިދާނެ ގޮތްތަކާމެދު ވަނީ މަޝްވަރާކޮށްފައެވެ.
މަޢުލޫމާތު ހިއްސާކުރި މުހިންމު ދާއިރާތަކުގެ ތެރޭގައި:
- ޤާނޫނީ އޮނިގަނޑުތަކާއި ސިޔާސަތުތައް: ދޮގު މަޢުލޫމާތު ހުއްޓުވުމާ ގުޅޭގޮތުން ފިލިޕީންސްއިން އިންތިޚާބަށް ތައްޔާރުވުމުގައި ގެންގުޅޭ އުސޫލުތައް.
-ޑިޖިޓަލް ގަވަރނަންސް އަދި ސައިބަރ ސެކިއުރިޓީ: ސޯޝަލް މީޑިއާގެ ނަހަމަ ބޭނުންކުރުން، އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އުފައްދާ ކޮންޓެންޓް، އަދި އިންތިޚާބީ ނިޒާމުތައް ސައިބަރ ނުރައްކާތަކުން ރައްކާތެރިކުރުމުގެ ސްޓްރެޓެޖީތައް.
-ޑިޖިޓަލް ޕްލެޓްފޯމުތަކަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުން: އިންތިޚާބުތަކުގައި ސޯޝަލް މީޑިއާއިން ކެމްޕޭންކުރާއިރު ބޭނުންކުރާ ސައްހަނޫން މަޢުލޫމާތުތައް ދެނެގަނެ އެއަށް އަމަލުކުރޭނެ ގޮތްތަކާއި ޢާންމުންގެ އިތުބާރު އުފެއްދުމަށް ކުރެވިދާނެ ކަންކަން
-ކެމްޕޭން މޮނިޓަރިންގ ތަންފީޒުކުރުން: ފަތުރާ ދޮގު މަޢުލޫމާތާއި ދެކޮޅަށް މަސައްކަތްކުރާނެ ސްޓްރެޓެޖީތަކާއި، ކެންޕެއިން މޮނީޓަރިންގެ ނިޒާމަށް ޢާންމުން ހޭލުންތެރިކުރުން
މި ޕްރޮގްރާމުގައި ސޯޝަލް މީޑިއާ މޮނީޓަރިންއާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތަކާއި މަޝްވަރާ ބައްދަލުވުންތަކާއި، ކޮމޮލެކްގެ ކޮމިޝަން މެންބަރު ނެލްސަން ޖޭ ސެލިސްގެ އިރުޝާދުތަކާއި މި މަސައްކަތް ހަރުދަނާކުރުމަށް މި ކޮމިޝަނަށް ބޭނުންވާ ސްޓްރެޓެޖީތަކަށް މަޝްވަރާކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ އިންތިޚާބީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، ކޮމިޝަނުގެ މުވައްޒަފުންގެ ޤާބިލުކަން އިތުރު ކުރުމަށާއި ކެންޑިޑޭޓުންގެ ފަރާތުން ރައްޔިތުންގެ ތާއީދު ހޯދުމަށް ހިންގާ ކެމްޕެއިންތަކުގައި އެއްކެންޑިޑޭޓް އަނެއް ކެންޑިޑޭޓުގެ ހައްޤަށް އުނިކަމެއް އަތުވެދާނެ ގޮތަށް ދޮގު ވާހަކަ ފަތުރާ ކެންޑިޑޭޓުންނާއި އެ ޚަބަރުތައް ފަތުރާ މީޑިއާތަކާއި ކެންޑިޑޭޓުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޕޭޖްތައް މޮނީޓަރކޮށް އެކަންކަން ދެނެގަނެ އެކަންކަން މަދުކުރުމަށްޓަކައި ޤާނޫނާއި ގަވައިދާ އެއްގޮތްވާގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، ހޭލުންތެރިކުރުވަންޖެހޭ ދާއިރާތައް ދެނެގަންނާނެ ގޮތްތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދިއައެވެ. އަދި ކޮމެލެކްއާއެކު ކުރިއަށްގެންދާ މިފަދަ ބައިވެރިވުންތަކުގެ ސަބަބުން، މަސައްކަތްތައް އިތުރަށް ފުޅާވެ، އިންތިޚާބީ ނިޒާމު ހަރުދަނާކުރާނެ އައު ގޮތްތައް އުފެއްދުމަށް މަގުފަހިވެ، އަދި ފަންނީ ވާރކްޝޮޕްތަކާއި، ޢަމަލީ ތަމްރީނު ސެޝަންތަކާއި، އަދި މަޢުލޫމާތު ޙިއްޞާކުރުމުގެ ޕްރޮގްރާމްތަކުން މިކޮމިޝަނުގެ ޤާބިލިއްޔަތު އިތުރަށް ވަރުގަދަވެގެންދާނެއެވެ.