ޚަބަރު
ރަސްމީ ދަޢުވަތެއްގައި ކޮމިޝަނުގެ މެންބަރުންނާއި އިސް މުވައްޒަފުން ޗައިނާއަށް ދަތުރުކުރެއްވުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
މި ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި އިސް މުވައްޒަފުންގެ ޓީމެއް ރަސްމީ ދަޢުވަތަކަށް ޗައިނާއަށް ދަތުރުފުޅެއް ކުރައްވައިފިއެވެ. މި ދަތުރު ކުރިޔަށް ގޮސްފައިވަނީ 2025 ސެޕްޓެންބަރު 15 އިން 20 އަށެވެ.
މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ކޮމިޝަނުގެ އިދާރީ ހިންގުން ހަރުދަނާކޮށް ކުރިއެރުވޭނެ ގޮަތްތައް ދެނެގަތުމާއި ކޮމިޝަނުގެ މުވައްޒަފުންގެ ޤާބިލުކަން އިތުރު ކުރުމާއި، ސިޔާސީ ޕާޓީތަކުގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި، ކެމްޕެއިން މޮނީޓަރިންގެ މަސައްކަތްތައް ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމާއި އާންމުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދެވޭނެ ޕްރޮގްރާމްތަކާގުޅޭ ގޮތުން މަޝްވަރާކުރުމެވެ.
މި ދަތުރުގައިި، ޗައިނާގެ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރެވި، އަގުހުރި ގިނަގުނަ ތަޖުރިބާތަކެއް ޙާޞިލުކުރެވުނެވެ. މި ގޮތުން ޗައިނާގެ ވެރިކަންކުރާ ޕާޓީގެ، ޕާޓީ ސްކޫލުގެ ނައިބު ރައީސްއާ ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ސިޔާސީ ޕާޓީތައް ރެގިއުލޭޓުކޮށް އިތުރަށް ހަރުދަނާކުރުމާގުޅޭ ގޮތުން ކުރިއަށްގެންދިއަ ޚާއްޞަ ސެމިނާއެއްގައި ވެސް ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން، ޗައިނާގެ ޤާނޫނު ހަދާ މަޖިލީހާއި، ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކުރާ ޖަމްޢިއްޔާތަކާއެކު ރަސްމީ ބައްދަލުވުންތަކެއް ބޭއްވުނެވެ. އަދި ރައްޔިތުންނާއި، އެ ޤައުމުގެ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އިންތިޚާބުކުރެވިފައިވާ ޑެޕިއުޓީންނާ ދެމެދު މައްސަލަތައް ހުށަހެޅި މަޝްވަރާކުރެވޭ ބައެއް މުއައްސަސާތަކަށްވެސް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.
މި ދަތުރުގައި، ސިޔާސީ ޕާޓީތަކުގެ ބައިވެރިވުން އިތުރުކުރުމާއި، ކޮމިޝަނުގެ އިދާރީ ހިންގުން ހަރުދަނާކޮށް ކުރިއެރުވޭނެ ގޮަތްތަކާއި ކޮމިޝަނުގެ އިންތިޚާބުތަކުގެ ނަޒާހަތްތެރިކަން އިތުރުކޮށް ދެފުށްފެންނަ އިންތިޚާބުތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އައު ގޮތްތައް އީޖާދުކުރުމާ ގުޅޭގޮތުން މަޢުލޫމާތާއި ތަޖުރިބާ ލިބިގެންދިއައެވެ. އަދި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމުވެފައިވާ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއައެވެ.