އިންތިޚާބު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބަށް އިޢުލާންކޮށްފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 އަށް މިއަދު ވަނީ އިޢުލާންކޮށްފައެވެ. އެގޮތުން މި އިންތިޚާބުގައި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުން އިންތިޚާބުކުރާނެއެވެ.
މި މަޤާމުތަކަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު 2025 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 04 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހަޅާނީ މިކޮމިޝަނުގެ މައި އިދާރާ އަށެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށެވެ. އަދި ވޯޓުލާ މަރުކަޒު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލެ ސިޓީގައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ރަޖިސްޓަރީވެފައިވާ ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތަކަށެވެ. އެގޮތުން، ބްރޯޑްކާސްޓަރުން ވޯޓުލާނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށެވެ. އަދި އެހެން މީޑިއާތަކުން ވޯޓުލާނީ އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށެވެ.