ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް
ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް 2025 – ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމުގެ ދެވަނަ ސެޝަން، 2025 ޖުލައި 5 ވީ ހޮނިހިރު ދުވަހު، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ގައި ވަނީ ބާއްވާފައެވެ. ކޮމިޝަނުގެ ފަރާތުން ކުރިއަށްގެންދާ ހޭލުންތެރިކަމުގެ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކުރަސީގެ އުޞޫލުތަކަށް ބާރުއަޅާ މުޖުތަމަޢެއް ބިނާކުރުމާއި، ޑިމޮކުރަސީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، މަލްޓި-ޕާޓީ ޑިމޮކްރެޓިކް ނިޒާމަކަށް ރައްޔިތުން އަޙުލުވެރިކުރުވުމެވެ.

މި ޕްރޮގްރާމުގައި ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އުނައިސް ބައިވެރިވެ، ޕްރޮގްރާމުގެ ބައިތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވާއިރު، މި ޕްރޮގްރާމުގެ ސެޝަންތައް ނެގުމުގައި ޑިރެކްޓަރ ޝަހުލާ އިސްމާޢީލް، ޓްރެއިނަރ ފާތިމަތު ޒުހުދާ، ސީނިއަރ އޮފިސަރ އަޙުމަދު އާސިމް އަދި އޮފިސަރ ފަދުވާ މުޙައްމަދު ހަރަކާތްތެރިވެފައިވެއެވެ.
އެއް ދުވަހުގެ މުއްދަތަށް ހދ.ހަނިމާދޫގައި ކުރިއަށް ދިޔަ މި ޕްރޮގްރާމުގައި އެ ރަށު ކައުންސިލް މެންބަރުންނާއި، ސަރުކާރު މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މުވައްޒަފުންނާއި، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އިތުރުން ބެލެނިވެރިންނާއި ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ ޑިމޮކުރަސީއާއި، ޒިންމާދާރުވުމާއި ޖަވާބުދާރީވުމާއި، އިންތިޚާބުތަކާއި ސިޔާސީ ޕާޓީތަކާއި، އަދި ޑިމޮކުރަސީއެއްގައި ރައްޔިތެއްގެ ޙައިޞިއްޔަތުން ޢަދާކުރަންޖެހޭ ދައުރާ ބެހޭގޮތުންނެވެ. މި މަޢުޞޫޢުތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، މަޢުޞޫޢުތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ތަފާތު ޙަރަކާތްތައް ކުރިއަށް ގެންގޮސް، ގްރޫޕް މަޝްވަރާތަކާއި، ތަފާތު ޚިޔާލުތައްފާޅު ކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ.
މި ޕްރޮގްރާމަކީ އަތޮޅުތެރެއަށް އަމާޒުކޮށްގެން ޑިމޮކްރެޓިކް ނިޒާމަކަށް ލޯހުޅުވިފައިވާ ބާރުވެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި، މިއަހަރު ކުރިއަށްގެންދިއުމަށް ރާވާފައިވާ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން މިގޮތަށް ކުރިއަށް ގެންދިޔަ ދެވަނަ ޕްރޮގާރާމެވެ. މި ޕްރޮގްރާމު 41 ބައިވެރިން ފުރިހަމަކޮށްފައިވާއިރު، މީގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ މޭމަހު ލ.ފޮނުދޫގައެވެ.