ޚަބަރު
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ އިލެކްޓޯރަލް މެނޭޖްމެންޓް ޕްރޮގްރާމާއި ޓޯކިޔޯގެ އިންތިޚާބު އޮބްޒާވްކުރުމުގައި މި ކޮމިޝަނުން ބައިވެރިވުން

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
2025 ޖޫން 11 އިން 28 އަށް، ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "Electoral Management in Democratic Countries" ޕްރޮގްރާމްގައި މި ކޮމިޝަނުން ބައިވެރިވެއްޖެއެވެ. މި ޕްރޮގްރާމުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވީ އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ، ޝަހުލާ އިސްމާޢިލް އަދި، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ޝައުޝަން މޫސާއެވެ. މި ޕްރޮގްރާމަކީ، އިންތިޚާބުތައް ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުންނާއި، އިންތިޚާބީ އިދާރާތަކުގެ ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ އިތުރުން، ކެމްބޯޑިޔާ، އިތިއޯޕިޔާ، ގިނީ، މަލާވީ، ނޭޕާލް، ޕަޕުއާ ނިއު ގިނީ އަދި ފިލިޕީންސްގެ އިންތިޚާބީ އިދާރާތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މި ތަމްރީނު ޕްރޮގްރާމުގައި އިންތިޚާބީ ކަންކަމާ ގުޅޭ ތަފާތު ދާއިރާތަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން، ޖަޕާންގެ އިންތިޚާބީ ނިޒާމާގުޅޭގޮތުން ފޯރަމްތަކާއި، ފީލްޑް ޓްރިޕްތަކާއި، މަޝްވަރާ ބައްދަލުވުންތަކާއި، ގްރޫޕް ޕްރެޒެންޓޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދުނިޔޭގެ އިންތިޚާބީ ނިޒާމުތައް ފަރުމާކުރުމާއި ޤާނޫނީ އޮނިގަނޑުތައް ހިމެނިފައިވާ ގޮތްތަކާއި، އިންތިޚާބުތަކުގެ ކެމްޕޭންތަކަށް ފައިސާ ހޯދުމާއި ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، ވޯޓުލުމަށް ރަޖިސްޓަރީކުރުމާއި ވޯޓުލާ އުޞޫލުތަކާއި، ވޯޓު ގުނުމާއި ނަތީޖާ މެނޭޖްކުރުމާއި، ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވިދާނޭ ކަންކަމާއި، މީޑިއާތަކާ ގުޅުން ބަދަހިކުރުމާއި އިންތިޚާބުތަކުގައި ޖެންޑަރ ހަމަހަމަކަން ކަށަވަރުކުރުމަށް ކުރެވިދާނޭ ކަންކަމަށް އަލިއަޅުވާލާފައިވެއެވެ.
މީގެ އިތުރުން، މި ޕްރޮގްރާމުގައި، 2025 ޖޫން 22 ގައި ސެޓަގަޔާ ސިޓީގައި ބޭއްވުނު ޓޯކިޔޯ މެޓްރޮޕޮލިޓަން އެސެމްބްލީ އިންތިޚާބު ޢަމަލީގޮތުން އޮބްޒާވް ކުރުމުގެ ފުރުޞަތު ލިބި، މި ޕްރޮގްރާމުގެ ބައިވެރިންނަށް ޖަޕާނުގައި އިންތިޚާބު ހިންގާ ގޮތާއި، ވޯޓުލާ މަރުކަޒުތައް ތައްޔާރުކުރުމާއި، ވޯޓުލާ މީހުންނަށް ހުރި ލުއިފަސޭހަތަކާއި، ޖަޕާންގެ އިންތިޚާބީ ނިޒާމާ ގުޅޭ މުހިއްމު މަޢުލޫމާތު ހާމަކަންބޮޑު ގޮތެއްގައި ލިބިގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ އިންތިޚާބީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، ކޮމިޝަނުގެ މުވައްޒަފުންގެ ޤާބިލުކަން އިތުރު ކުރުމަށާއި، މި ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އައު ކަންތައްތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.