ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް
ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް 2025 – ލ.ފޮނަދޫ

ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްގެ ބައިވެރިން - އިލެކްޝަންސް ކޮމިޝަން
މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްގެ ފުރަތަމަ ސެޝަން މޭ 24 ވީ ހޮނިހިރު ދުވަހު ލ. ފޮނަދޫގައި ވަނީ ބާއްވާފައެވެ. ކޮމިޝަނުގެ ފަރާތުން ހިންގި 8 ގަޑިއިރުގެ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކުރަސީގެ އުސޫލުތަކަށް ބާރުއަޅާ މުޖުތަމަޢެއް ބިނާކުރުމާއި، ޑިމޮކުރަސީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، މަލްޓި-ޕާޓީ ޑިމޮކްރެޓިކް ސިސްޓަމަށް ރައްޔިތުން އަހުލުވެރިކުރުވުމެވެ.
މި ޕްރޮގްރާމުގައި ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޑޮކްޓަރ މުޙައްމަދު ޒާހިރު ބައިވެރިވެވަޑައިގެން، ޕްރޮގްރާމުގެ ބައިތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެއްވިއެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވާ ދެއްވާފައިވަނީ ޑިރެކްޓަރ ޝަހުލާ އިސްމާޢީލް، ކޮމިއުނިކޭޝަން އެގްޒެކެޓިވް މަރްޔަމް ޝާހިޔާ، ޓްރެއިނަރ ފާތިމަތު ޒުހުދާ އަދި ސީނިއަރ އޮފިސަރ އިބްރާހީމް ޝާހީންއެވެ.
މި ޕްރޮގްރާމްގައި ލ. ފޮނަދޫ އަދި ލ. ގަމުގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. ބައިވެރިންގެ ތެރޭގައި، ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ސިޔާސީ ޕާޓީތަކުގެ އިތުރުން ބެލެނިވެރިންނާއި އާންމު ރައްޔިތުން ހިމެނެއެވެ. ސެޝަންތަކުގައި ޑިމޮކުރަސީ، ޒިންމާދާރުވުމާއި ޖަވާބުދާރީވުން، އިންތިޚާބުތަކާއި ސިޔާސީ ޕާޓީތައް، އަދި ޑިމޮކުރަސީއެއްގައި ރައްޔިތެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ދައުރާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މަޢުލޫއުތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ގްރޫޕް މަޝްވަރާތައްކޮށް، ތަފާތު ހިޔާލުތައް ވަނީ ހުށަހަޅާފައެވެ. އަދި 42 ބައިވެރިން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.
މީގެއިތުރުން މިދަތުރުގައި، ކޮމިޝަނުގެ ފަރާތުން ލ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ލ. ފޮނަދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރިއެވެ.
ކޮމިޝަނުގެ ފަރާތުން ސިލްސިލާކޮށް މިއަހަރު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ޕްރޮގްރާމް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.