ޚަބަރު

އާޓިފިޝަލް އިންޓެލިޖެންސް އަދި އިންތިޚާބީ ނަޒާހަތްތެރިކަމާ ގުޅިގެން ކޮލަމްބޯގައި ހިންގި ތަމްރީންގައި މިކޮމިޝަނުގެ ފަރާތުން ބައިވެރިވުން

ފޮޓޯ - ECMU

 

2025 މޭ 5 އިން 9  އަށް ސްރީލަންކާގެ ކޮލަމްބޯގައި، Artificial Intelligence: Opportunities & Risks for Electoral Integrity in Commonwealth Asia ގެ ނަމުގައި ބޭއްވުނު ސަރަޙައްދީ ތަމްރީނު ޕްރޮގްރާމުގައި މި ކޮމިޝަނުންވަނީ ބައިވެރިވެފައެވެ.

 

މިއީ، ކޮމަންވެލްތު އިލެކްޝަން ޕްރޮފެޝަނަލްސް (ސީ.އީ.ޕީ) އިނީޝިއޭޓިވްގެ ދަށުން ކޮމަންވެލްތު ސެކްރެޓޭރިއެޓާއި، ސްރީލަންކާގެ އިލެކްޝަން ކޮމިޝަނާއި އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާރޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ، 5 ދުވަހުގެ ޕްރޮގްރާމެކެވެ.

 

 

މި ކޮމިޝަނުގެ ފަރާތުން، ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ޝަހުލާ އިސްމާޢިލް، އެޑްމިނިސްޓްރޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވިޜަންގެ ޑިރެކްޓަރ މުޙައްމަދު އަނީލް އަދި ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ޝައުޝަން މޫސާ މި ޕްރޮގްރާމުގައި ބައިވެރިވެ، މިކޮމިޝަން ތަމްސީލްކޮށްފައިވާއިރު، މި ބައްރުން، އިންޑިއާ، މެލޭޝިއާ، ބަންގްލަދޭޝް، ޕާކިސްތާން އަދި ސްރީލަންކާގެ އިންތިޚާބާބެހޭ އިދާރާތަކުގެ އިސްވެރިން، މި ޕްރޮގާމްގައި ބައިވެރިވެ، އެ ޤައުމުތަކުގެ އިންތިޚާބީ އިދާރާތައް ތަމްޞީލްކޮށްފައިވެއެވެ.

 

މި ޕްރޮގާމްގައި އިންތިޚާބުތައް އިންތިޒާމުކޮށް ހިންގާއިރު، ސްޓްރެޓެޖިކް ގޮތެއްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވާއިރު، އޭ.އައި ބޭނުންކުރުމުގެ ހަމަތަކާއި ޤާނޫނީ އޮނިގަނޑުތަކާއި، އޭ.އައި ބޭނުންކޮށްގެން މަޢުލޫމާތު ފެތުރުމާ ގުޅޭގޮތުންނާއި، އިންތިޚާބީ މަރުޙަލާތަކުގައި އޭ.އައި ޒިންމާދާރުކަމާއެކު ބޭނުންކުރުމަށްޓަކައި އުޞޫލުތަކެއް އެކުލަވާލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

 

 

މިކޮމިޝަތުގެ ފަރާތުން، މި ތަމްރީން ޕްރޮގްރާމުގައި ފުރިހަމައަށް ބައިވެރިވެ، އިންތިޚާބުތަކުގެ ނަޒާހަތްތެރިކަން އިތުރުކޮށް ދެފުށްފެންނަ އިންތިޚާބުތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އައު ގޮތްތައް އީޖާދުކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް، ދިވެހިރާއްޖޭ އިންތިޚާބުތަކުގެ ތަޖުރިބާތައް ޙިއްޞާކޮށްފައިވެއެވެ.  

 

ސީ.އީ.ޕީ އޭޝިއާ އިން ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމަކީ ކޮމަންވެލްތުގެ އިންތިޚާބީ އިދާރާތަށް ޓެކްނޮލޮޖީގެ ގޮތުން ކުރިއަށްދިއުމަށް ހުރި ފުރުޞަތުތަކުގެ ބޭނުންހިފުމަށާއި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ތަމްރީން ޕްރޮގްރާމެކެވެ.Top of Form