ޚަބަރު

ފިލިޕީންސްގައި ބޭއްވި އެސޯސިއޭޝަން ފޯރ ވާރލްޑް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ13 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި މި ކޮމިޝަނުގެ ފަރާތުން ބައިވެރިވުން.

ފޮޓޯ

 

2025 އެޕްރީލް 24 އިން 27 އަށް ފިލިޕީންސްގައި ބޭއްވި އެސޯސިއޭޝަން ފޯރ ވާރލްޑް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް (އޭ-ވެބް) ގެ 13 ވަނަ އެގްޒެކެޓިވް ބައްދަލުވުމުގައި މި ކޮމިޝަނުން ވަނީ ބައިވެރިވެފައެވެ. ފިލިޕީންސްގެ ވެރިރަށް މަނީލާގައި ބޭއްވި މި ބައްދަލުވުމުގައި އޭ-ވެބްގެ އެގްޒެކެޓިވް ބޯޑުގެ މެންބަރެއްގެ ޙައިޘިއްޔަތުން، މި ކޮމިޝަން ތަމްސީލު ކުރެއްވުމަށް ކޮމިޝަނުގެ މެންބަރު ޑޮކްޓަރ މުޙައްމަދު ޒާހިރު އާއި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި ބައްދަލުވުމުގައި 15 ޤައުމެއްގެ އިންތިޚާބު ހިންގުމާބެހޭ އިދާރާތަކުން 37 މަންދޫބުން ވަނީ ބައިވެރިވެ، 2024 ވަނަ އަހަރުގެ ކުރިއެރުމުގެ ރިޕޯޓާއި، 2025 ވަނަ އަހަރަށް ރޭވިފައިވާ މަޝްރޫޢުތަކާއި ބަޖެޓު ޕްލޭން އަދި ޗާޓަރު އިޞްލާޙު ކުރުމަށްޓަކައި ސަބް-ކޮމިޓީއެއް އުފެއްދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން އިންތިޚާބުތަކުގެ ނަޒާޙަތްތެރިކަން އިތުރު ކުރުމަށް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީތަކުގެ އިންތިޚާބު ހިންގުމާބެހޭ އިދާރާތަކާ މެދުގައި އެއްބާރުލުން އިތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނެވެ.

 

 

މި ބައްދަލުވުމުގައި މި ކޮމިޝަނުން ބައިވެރިވުމަކީ، އިންތިޚާބުތައް ހިންގުމުގައި ދުނިޔޭގެ އެންމެ ރަނގަޅު އުޞޫލުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި، މުޅި ދުނިޔޭގައި ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ދައްކުވައިދޭ ކަމެކެވެ. އަދި މި ބައްދަލުވުމުގެ މަޝްވަރާތަކުގައި ޢަމަލީގޮތުން ބައިވެރިވުމަކީ ޑިމޮކްރެޓިކް ހަމަތަކަށާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށާއި، ބައިނަލްއަޤްވާމީ ބައިވެރިވުންތަކަށް ކޮމިޝަނުގެ ފަރާތުން އަހައްމިއްޔަތުކަން ދެއްވާ މިންވަރު ހާމަވެގެން ދިޔަކަމެކެވެ.

 

އޭ-ވެބަކީ، ބައިނަލްއަޤްވާމީ އިންތިޚާބީ އިދާރާތައް ހިމެނޭހެން އެކުލަވާލެވިފައިވާ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެވެ. 2013 ވަނަ އަހަރުން ފެށިގެން، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަކީ، އޭ-ވެބްގެ މެންބަރެއްގެ ގޮތުގައި ޙަރަކާތްތެރިވަމުން އަންނަ، މި ޖަމްޢިއްޔާގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ އިދާރާއެކެވެ. އަދި، 2023 ވަނަ އަހަރުން ފެށިގެން މި ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެންބަރެއްވެސް މެއެވެ.