ޚަބަރު

ޖައިކާގެ "އިލެކްޓޯރަލް މެނޭޖްމަންޓް އިން ޑިމޮކްރެޓިކް ކަންޓްރީސް" ޕްރޮގްރާމުގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

ފޮޓޯ - JICA


ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ "ނޮލެޖް ކޯ-ކްރިއޭޝަން ޕްރޮގްރާމް" ގެ ދަށުން، 2026 ސެޕްޓެންބަރު 2 އިން 19 އަށް ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށްގެންދިޔަ "އިލެކްޓޯރަލް މެނޭޖްމަންޓް އިން ޑިމޮކްރެޓިކް ކަންޓްރީސް" ތަމްރީނު ޕްރޮގްރާމުގައި މި ކޮމިޝަނުން ބައިވެރިވެއްޖެއެވެ. 3 ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ މި ޕްރޮގްރާމުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސިވިކް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި ޓްރެއިނަރ، ފާޠިމަތު ޒުހުދާއެވެ. މި ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިތުރުން ޔޫކްރެއިން، އިތިއޯޕިއާ، ކެމްބޯޑިއާ، ނޭޕާލް، ޕަޕުއާ ނިއު ގިނީ، ޓިމޯ-ލެސްޓޭ އަދި ދެކުނު ސޫދާން ހިމެނޭހެން ޖުމްލަ 9 ޤައުމެއްގެ އިންތިޚާބީ އިދާރާތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.


މި ޕްރޮގްރާމަކީ އިންތިޚާބީ އޮފިޝަލުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، އިންތިޚާބުތައް އިންތިޒާމުކޮށް ބެލެހެއްޓުމުގައި ލިބިފައިވާ ތަޖުރިބާއާއި ޢިލްމު ޙިއްޞާކުރުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ހިންގުނު ޕްރޮގްރާމެކެވެ. މިގޮތުން، ވޭތުވެދިޔަ 75 އަހަރު ދުވަހުގެ ތެރޭގައި ޖަޕާނުގައި ޑިމޮކްރެޓިކް އިންތިޚާބުތައް ބޭއްވުމުގައި ޤާއިމުކޮށްފައިވާ ނިޒާމުތައް ދިރާސާކޮށް، އިންތިޚާބީ ކަންކަމުގެ އިތުބާރާއި ހަރުދަނާކަން އިތުރުކުރުމަށް ބޭނުންވާ ޒަމާނީ އުކުޅުތަކާއި އުޞޫލުތަކާ ގުޅޭގޮތުން ބައިވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.

 

ފޮޓޯ - JICA


މި ޕްރޮގްރާމުގެ ތެރެއިން ވޯޓުދޭ މީހުން ރަޖިސްޓަރީކުރުމާއި ވޯޓަރސް ލިސްޓު އެކުލަވާލައި ބެލެހެއްޓުމާއި، ވޯޓުލުމާއި ވޯޓު ގުނުމުގެ އިތުރުން ނަތީޖާ އިޢުލާނުކުރުމުގެ އުޞޫލުތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރެވުނެވެ. ހަމައެއާއެކު، ވޯޓުލާ ފަރާތްތަކާއި ޢާންމު ރައްޔިތުން ހޭލުންތެރިކުރުވުމާއި، އިންތިޚާބީ ނިޒާމުތައް ފަރުމާކުރުމާއި، ކެމްޕޭން ފައިނޭންސް ކުރުމުގެ އުޞޫލުތަކާއި، ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ މާލީ އެހީ މެނޭޖްކުރުމުގެ އިތުރުން އިންތިޚާބީ ޝަކުވާތައް ޙައްލުކުރުމުގެ ނިޒާމުތަކަށްވެސް އަލިއަޅުވާލެވުނެވެ. މީގެއިތުރުން، އިންތިޚާބީ މަރުޙަލާގައި މީޑިއާގެ ދައުރާއި، އަންހެނުންގެ ހަމަހަމަ ބައިވެރިވުން ކަށަވަރުކުރުމާ ގުޅޭގޮތުންނާއި، އެކި ޤައުމުތަކުގައި ޢަމަލުކުރަމުންދާ އިންތިޚާބީ ނިޒާމުތަކުގެ ތަޖުރިބާތައް ބައިވެރިންގެ މެދުގައި ބަދަލުކުރެވުނެވެ.


މި ތަމްރީނުތަކުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން، ޖަޕާނުގެ ޤައުމީ އިންތިޚާބު މެނޭޖްކުރާ މައި އިދާރާ (ނޭޝަނަލް އިލެކްޝަންސް އޮތޯރިޓީ) އަށް ޒިޔާރަތްކޮށް، ވޯޓުލުމުގެ ޢަމަލީ ޙަރަކާތްތަކެއް (މޮކް ވޯޓިންގ) ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ސަބަބުން ވޯޓުލުމަށް ބޭނުންކުރާ ޒަމާނީ އާލަތްތަކާއި، ޖަޕާނުގައި އިންތިޚާބުތައް ހިންގުމުގެ އޮޕަރޭޝަނަލް ކަންކަން ކުރިއަށްދާ ގޮތް ޢަމަލީ ގޮތުން ބަލައި ދަސްކުރުމުގެ އަގުހުރި ފުރުޞަތެއް ލިބިގެންދިޔައެވެ.


ހަމައެއާއެކު، ޖަޕާނުގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެން.އެޗް.ކޭ) ވޯލްޑް ސްޓޫޑިއޯއަށާއި ޤައުމީ މަޖިލިސް އިދާރާ (ނޭޝަނަލް ޑައިޓް ބިލްޑިންގ) އަށް ކުރެއްވި ޒިޔާރަތްތަކުން، ޑިމޮކްރެޓިކް ނިޒާމުގައި މިނިވަން މީޑިއާއާއި ޤާނޫނު ހަދާ މަޖިލީހުގެ ދައުރާއި ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއްވަނީ ލިބިފައެވެ. އަދި ޓޮޔޯސޫ މާކެޓާއި އޮޑައިބާ ސީސައިޑް ޕާކު ފަދަ ތާރީޚީ އަދި ޘަޤާފީ ތަންތަނަށް ޒިޔާރަތްކޮށް، ޖަޕާނުގެ މުޖުތަމަޢު އާއި ޘަޤާފަތް ތަޖުރިބާ ކުރުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ލިބިގެންދިޔައެވެ.

 

މި ކޮމިޝަނުން 2024 އަދި 2025 ވަނަ އަހަރުވެސް ޖައިކާގެ ނޮލެޖް ކޯ-ކްރިއޭޝަން ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު، މިއަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމަކީ ކޮމިޝަނުގެ އޮފިޝަލުންގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ބައިނަލްއަޤްވާމީ ތަޖުރިބާގެ އަލީގައި ރާއްޖޭގެ އިންތިޚާބީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ބައިވެރިވި ޤައުމުތަކުގެ އިންތިޚާބީ އިދާރާތަކުގެ މެދުގައި އޮތް ގުޅުން ބަދަހިވެ، ކުރިމަގުގައި ފަންނީ އެއްބާރުލުން އިތުރު ކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެން ދިޔައެވެ.