ޚަބަރު
ކަޒަކިސްތާނުގެ އިންތިޚާބު އޮބްޒަރވްކުރުމުގެ ބައިނަލްއަޤްވާމީ ޕްރޮގްރާމުގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
މިއަހަރުގެ އޮގަސްޓު 23 ވަނަ ދުވަހު ކަޒަކިސްތާނުގައި ބޭއްވުނު އެ ޤައުމުގެ މަޖިލިސް (ކުރުލްތާއި) ގެ ޑެޕިއުޓީން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބު، އޮބްޒަރވްކުރުމަށް ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ޕްރޮގްރާމުގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެއެވެ. މި ދަތުރުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދާއި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލެވެ.

ކަޒަކިސްތާނުގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނުން އިންތިޒާމުކުރި މި ޕްރޮގްރާމަކީ، އެ ޤައުމުގެ އިންތިޚާބީ މަރުޙަލާތައް އޮބްޒަރވްކުރުމަށާއި އިންތިޚާބީ ނިޒާމު ހިންގާ ގޮތްތައް ބައިނަލްއަޤްވާމީ އޮބްޒަރވަރުންނާ ޙިއްޞާކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މިގޮތުން، އެ ޤައުމުގެ އިންތިޚާބީ އޮނިގަނޑާ ގުޅޭގޮތުން ބޭއްވި ރަސްމީ ބްރީފިންގތަކާއި ޓެކްނިކަލް ސެޝަންތަކުގައި، މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި މި ކޮމިޝަނުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، ކަޒަކިސްތާނުގެ މިނިސްޓްރީ އޮފް އާޓިފިޝަލް އިންޓެލިޖެންސް އެންޑް ޑިޖިޓަލް ޑިވެލޮޕްމަންޓުން ހުށަހެޅި ޚާއްޞަ ޕްރެޒެންޓޭޝަނެއްގައިވެސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕްރެޒެންޓޭޝަނުގައި އެ ޤައުމުގެ ޑިޖިޓަލް ގަވަރނަންސް ކުރިއެރުވުމަށާއި، ޢާންމު ޚިދުމަތްތަކުގައި ޓެކްނޮލޮޖީ ބޭނުންކުރާ ގޮތްތަކުގެ މަޢުލޫމާތު ވަނީ ޙިއްޞާކޮށްފައެވެ. އަދި ސެންޓްރަލް އިލެކްޝަން ކޮމިޝަނުގެ ޗެއަރމަން މިސްޓަރ ނުރުލާން އަބްދިރޯވް، ބައިނަލްއަޤްވާމީ އޮބްޒަރވަރުންގެ ޝަރަފުގައި ބޭއްވެވި ރަސްމީ އިޙްތިފާލުގައިވެސް މި ކޮމިޝަނުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިންތިޚާބު އޮތް ދުވަހު، ވޯޓުލާ މަރުކަޒުތައް ހުޅުވުމާއި، ވޯޓުލުންފެށުމުގެ ގޮތުން އިދާރީ ގޮތުން ކުރެވޭ ކަންކަމާއި، ވޯޓުލުމާއި، މަރުކަޒުތައް ބަންދުކޮށް ވޯޓު ގުނުމުގެ މަރުޙަލާތައް ކޮމިޝަނުގެ މެންބަރުން ވަނީ ވަރަށް ގާތުން ބައްލަވާފައެވެ. އަދި އިންތިޚާބުގެ ވަޤުތީ ނަތީޖާއާ ގުޅޭގޮތުން ބޭއްވި ބްރީފިންގއާއި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މި ކޮމިޝަނުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އޮބްޒަވޭޝަން ދަތުރަކީ އިންތިޚާބީ އިދާރީ ހިންގުމާއި ބައިނަލްއަޤްވާމީ މިންގަނޑުތަކާ ގުޅޭ އަގުހުރި ތަޖުރިބާތަކެއް ޙާޞިލުވެ، އެހެން ޤައުމުތަކުގެ އިންތިޚާބީ އިދާރާތަކާއެކު ގުޅުން ބަދަހިކޮށް، ފަންނީ މަޢުލޫމާތު ބަދަލުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބުނު މުހިންމު ފުރުޞަތެކެވެ.