ޚަބަރު
ވޯޓުލާ މީހުންގެ ދުވަސް މި ކޮމިޝަނުން ފާހަގަކޮށްފި!

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަސް، މި ކޮމިޝަނުން ފާހަގަކޮށްފިއެވެ. ކޮންމެ އަހަރެއްގެވެސް އޮގަސްޓު މަހުގެ 25 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ވޯޓުލާ މީހުންގެ ދުވަހެވެ. ވޯޓުލާ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިޢާރަކީ، "ވޯޓަކީ ޙައްޤެއް އަދި ޒިންމާއެއް!"، މި ޝިޢާރެވެ.
މި ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ވޯޓުލާ މީހުންގެ ޙައްޤުތަކާއި އިންތިޚާބީ ނިޒާމަށް މިހާރަށްވުރެ ބޮޑަށް އިތުބާރު އުފެއްދުމާއި ރައްޔިތުންނަށް ވޯޓުލުމުގެ މުހިންމުކަން އަންގައިދީ އިންތިޚާބުތަކާއި ޑިމޮކްރަސީއާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަހާ ގުޅިގެން، ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، ދުވަހާ ގުޅޭގޮތުން ކޮމިޝަނުގެ މެންބަރުންގެ ޚާއްޞަ ބަސްދީޤަތުންތަކާއި، ވޯޓުލާ މީހުންގެ ދުވަހުގެ މުހިންމުކަމާ ގުޅޭގޮތުން ޚާއްޞަ ޕޮޑުކާސްޓެއް ޕަބްލިކް ސަރވިސް މީޑިއާއި މި ކޮމިޝަނުގެ މީސްމީޑިއާ މެދުވެރިކޮށް ގެނެސްދީފައިވާނެއެވެ.
މި ޕޮޑްކާސްޓުގައި ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ބައިވެރިވެ ވަޑައިގަންނަވާފައިވާއިރު، ޕޮޑްކާސްޓް ހުށަހަޅާ ދެއްވާފައިވަނީ ކޮމިޝަނުގެ މުވައްޒަފު އިބްރާހީމް ރަމީޒެވެ. މި ޕޮޑްކާސްޓުގައި، ވޯޓުލާ ދުވަސް، ވަކި ޚާއްޞަ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމުގެ މުހިންމުކަމާއި ވޯޓުލުމަށް ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ވޯޓަކީ ކިހާމުހިންމު އެއްޗެއްކަމާއި ވޯޓުލުމުގެ ޙައްޤާއި ޒިންމާތަކަށް އަލިއަޅުވާލެއްވިއެވެ. އަދި، ބިނާކުރަނިވި ގޮތަކަށް ވޯޓަށް ޢާންމުން އަހުލުވެރިކުރެއްވުމަށްޓަކައި ތަޢުލީމީ މުޤައްރަރުގެ ތެރެއަށް ވެރިކަން ހިންގުމުގެ ނިޒާމާބެހޭ ފިލާވަޅުތައް ކޮންމެހެން ހިމަނަންޖެހޭކަމަށް ވިދާޅުވެފައިވާއިރު، ޢަމަލީ ގޮތުން އެންމެ ޝާމިލްވާ ގޮތެއްގެމަތީން، ވެރިކަމުގެ ނިޒާމާއި ވޯޓުލުމުގެ މުހިންމުކަން، ތަޢުލީމީ މަންޙަޖުގެ ތެރޭގައި ހިމަނައިގެން މަސައްކަތް ކުރަންޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވައިފައިވެއެވެ.
2026 ވަނަ އަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކޮމިޝަނުން ތަފާތު ގިނަ ހަރަކާތްތަކެއް ސިލްސިލާކޮށް ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ މެދުގައި ވޯޓުލުމުގެ ހޭލުންތެރިކަން އިތުރުކުރުމާއި އިންތިޚާބީ ނިޒާމަށް ޢާންމު ރައްޔިތުން އަޙުލުވެރިކުރުވުމެވެ.