ރީ-ރަޖިސްޓަރީ
ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން - ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/2 ޤަޟިއްޔާއިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ. މީދޫ ގައި ބެހެއްޓުނު ދ. މީދޫ-2 (M1.2 | 208) ނަންބަރު ވޯޓު ފޮށީގެ ދ. މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާ ގުޅިގެން، 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، މި އިންތިޚާބުގެ އިތުރު ބުރެއް 2026 ޖޫން 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެގޮތުން، ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދު ހެނދުނު 10:00 އިން ފެށިގެން 2026 ޖޫން 03 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލައިފައެވެ.
މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަންޏެވެ. އަދި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ މާލެއަށެވެ. ރިސޯޓެއްގައި ނުވަތަ ޖަލުގައި ނުވަތަ ރަށްވެހިވެފައިވާ ރަށްނޫން އެހެންރަށެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށެވެ.
ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މި ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ. ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ.
'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. އަދި މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެއެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެއެވެ. އަދި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް ޗެކް ކުރެވޭނެއެވެ. ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 1414 އަށް ގުޅުއްވުން އެދެމެވެ.