LCE & WDC 2026

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ އިތުރުބުރުގެ ވޯޓުނެގުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

 

2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރުބުރެއް 2026 އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

 

މިގޮތަށް ދެވަނަ ބުރެއް ބާއްވަން ނިންމާފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026 ގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.

 

ލޯކަލް ކައުންސިލް އިންތިޚާބުގެ އިތުރުބުރު ބާއްވާ މަޤާމުތަކުގެ ތެރޭގައި ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި އަދި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި) ހިމެނެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުބުރު ބާއްވާ މަޤާމުތަކުގެ ތެރޭގައި ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް، ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އަދި ލ. މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހިމެނެއެވެ.

 

މި އިންތިޚާބުގައި ވޯޓުލާ މަރުކަޒު ޤާއިމުކުރާނީ، ވޯޓުލާ ދާއިރާތަކަށް ނިސްބަތްވާ ރަށް ނުވަތަ ސިޓީގެ އިތުރުން މާލެ ސިޓީގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވާ ދާއިރާތަކުގައި ވޯޓު ނެގުން އޮންނާނީ، 2026 އެޕްރީލް 18 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 19 ވާ އާދިއްތަ ދުވަހުއެވެ.