LCE & WDC 2026

އިންތިޚާބު މޮނިޓަރކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

 

2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން، 2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުލުވާލައިފައެވެ.

 

މޮނިޓަރުންގެ ޝަރުޠުތައް

·  އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.

· ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.

· ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއްކަން މި ކޮމިޝަނަށް ކަށަވަރުވާ މީހެއް ކަމުގައި ވުން. ނުވަތަ، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން މި ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.

· އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް މި ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

· އިންތިޚާބުގައި އިތުރު އެހެން މަޤާމަކަށް ކުރިމަތިލައިފައިވާ މީހެއްކަމުގައި ނުވުން.

· ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން އަދި އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައިވުން.

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، ނޫސް މަޖައްލާތަކަށާއި، ޚަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް މި ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv   އިންނެވެ. އެގޮތުން ކޮންމެ މީޑިއާއަކުން ޑޭޓާ ލިއޭޒަނަކަށްވުމަށް "މޮނިޓަރުންގެ މަޢުލޫމާތު ހުށަހެޅުމަށްޓަކައި ޑޭޓާ ލިއޭޒަންއަކަށްވުމަށް އެދޭ ފޯމު" ފުރިހަމަކޮށް [email protected] އަށް އީ-މެއިލްކުރަންވާނެއެވެ. މި ފޯމާއެކު މީޑިއާ/ބްރޯޑްކާސްޓަރގެ ރަޖިސްޓަރީ/ލައިސަންސް ކޮޕީ އަދި ޑޭޓާ ލިއޭޒަންގެ ދ.ރ.އ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި ޚަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރކުރުމަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިޚާބުގައި ވޯޓުލާ އަދި ވޯޓުގުނާ ކޮންމެ ސަރަޙައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށެވެ. އެގޮތުން، މި އިންތިޚާބުގައި ބަހައްޓާ ކޮންމެ ވޯޓު ފޮށްޓަކަށް މޮނިޓަރަކަށްވުމަށް ހުށަހެޅޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 މޮނީޓަރަކަށެވެ. ބްރޯޑްކާސްޓްކުރާ މީޑިއާތަކަށް، ވޯޓުލާ މަރުކަޒުތަކުގައި ޖާގަ އޮތް މިންވަރަކުން ހަރަކާތްތެރިވުމަށް ފުރުސަތު ދެވޭނެއެވެ.

 

މޮނިޓަރ ކުރުމަށް ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ވޯޓުލާ ސަރަޙައްދުގައި ނުވަތަ ވޯޓުގުނާ ތަނުގައި ފޮޓޯ ނަގައި އަޑާއި މަންޒަރު ރެކޯޑް ކުރަންވާނީ ވޯޓުލާ ސަރަޙައްދުގައި ވޯޓުލާ ބޫތާ 10 ފޫޓަށްވުރެ ކައިރިނުވާ ގޮތަށް އަދި ވޯޓުގުނާ މަރުކަޒުގައި ވޯޓުގުނާ މީހުންނަށް ދަތިނުވާ ގޮތަށެވެ. މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބަހައްޓަންވާނެއެވެ.