LCE & WDC 2026

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން


މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 1-45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުޞަތު މިއަދު ވަނީ ހުޅުވާލައިފައެވެ.

 

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކުން 2026 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:00ގެ ކުރިން 1414 އަށް ގުޅުއްވައި ރަޖިސްޓަރީކުރަން ވާނެއެވެ. އެގޮތުން، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 ގެ ކުރިން ގުޅުއްވުމުން ރަޖިސްޓަރީކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ.

 

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުކަރުދާހުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން ފާހަގަ ޖެހުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، އެކަމަށް ޚާއްސަ ޓެމްޕްލޭޓެއް ތައްޔާރުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. އަދި  މި ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުޞަތު އެންމެ ފުރަތަމަ ފަށާފައިވަނީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައެވެ.

 

ނިމިދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތަކަށް، އެކަމަށް ބޭނުންވާ މަޢުލޫމާތު ދިނުމަށް މާލެއާއި އަތޮޅުތެރޭގައި މިކަމާގުޅޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންގޮސް ޓެމްޕްލޭޓްގައި އަމިއްލައަށް ފާހަގަޖެހުމަށް ބޭނުންވާ ފަރާތްތަކަށް މި ތަމްރީންގެ ތެރޭގައި އަމަލީގޮތުން ޓެމްޕްލޭޓް ބޭނުންކުރުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ.