ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

  ސުންގަޑި   ނަންބަރު (IUL)38-AC/38/2026/650


ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-C/01 ޤަޟިއްޔާއިން، ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، 2026 ޖޫން 06 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.


ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން  ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2026 އެޕްރީލް 14 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން، 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00 އާ ހަމަޔަށް ހުޅުވާލައިފީމެވެ.


ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 14 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން، 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00 އާ ހަމަޔަށް މި ކޮމިޝަންގެ [email protected] އީ-މެއިލް މެދުވެރިކޮށެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ހުރިހާ ފައިލެއްގެ ސައިޒް އެއްކޮށްލުމުން 10 އެމް.ބީ އަށްވުރެ ބޮޑުވެގެން ނުވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ލިބުނުކަން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތުން ކަށަވަރުކުރަންވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ކޮމިޝަނަށް ޙާޟިރުވެ ފޯމު ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.

ކޮމިޝަނަށް ހާޒިރުވެގެން ފޯމު ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ (ޕޯޓް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ، ހިލާލީމަގު) އަށެވެ. އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ކޮމިޝަނަށް ހާޒިރުވެގެން ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 15:00 އަށެވެ. އަދި ހުކުރު ދުވަހު 14:00 އިން 16:00 އަށެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް

(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  4. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
  5. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

(ށ) ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައި ވާންވާނެއެވެ.

(ނ) އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްބުގައި ބައިވެރި ނުވެވޭނެއެވެ.

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން.
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާމީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

 

ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން، އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެއެވެ. އަދި އެ މާއްދާގައިވާގޮތުން، ރަސްމީ އިންތިޚާބީ އޭޖެންޓްގެ އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

  1. އެ އިންތިޚާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓެއްކަމުގައި ނުވުން.
  2. އެ އިންތިޚާބުގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން އަންގާ ގޮތެއްގެމަތިން ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  3. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ނުވުން.
  4. އެ އިންތިޚާބެއްގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިނުވާ މީހަކު ކަމުގައި ނުވުން.

 

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި، ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.

  1. ފުރިހަމަ ނަން.
  2. އުފަން ތާރީޚް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު).
  4. ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާގޮތަށް).
  5. މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި، ރަށާއި، އެޑްރެސް އެނގޭގޮތަށް.)
  6. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން.
  7. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވާނެ ރަސްމީ އެޑްރެސް (ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެހާއެކު).
  8. ކުރިމަތިލާ މީހާގެ އީމެއިލް އެޑްރެސް.
  9. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ (ކުލަ) (އިންތިޚާބާ ގުޅިގެން ކޮމިޝަނުން އާންމުކުރެވޭ ބައެއް ލިޔެކިއުންތަކުގައި ބޭނުންކުރާނީ މި ފޮޓޯއެވެ.)
  10. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނަން.
  11. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އެކަމަށް ކަނޑައަޅާ، ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގެ އެކައުންޓްގެ ނަމާއި، އެކައުންޓް ނަންބަރު.
  12. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ، އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ނަމާއި، ދާއިމީ އެޑްރެހާއި، ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް.
  13. ރަސްމީ އިންތިޚާބީ އޭޖެންޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު).
  14. ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/5،000 (ފަސް ހާސް) ރުފިޔާގެ އިދާރީ ފީ ދެއްކިކަމުގެ ރަސީދު  (މި ފައިސާ ދައްކާނީ www.bandeyripay.finance.gov.mv” "  ބަނޑޭރި ޕޯޓަލް  މެދުވެރިކޮށެވެ.)
  15. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ، މަދުވެގެން 50 (ފަންސާސް) މީހުން، އެމީހަކަށް ތާއީދުކުރާކަން، އަންގައިދިނުމުގެ ގޮތުން، އެމީހުންގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި،  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ސޮއި، ފޯނު ނަންބަރު ހިމެނޭ ލިޔުން އަދި މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ކޮޕީ.
  • އެ ލިޔުމުގައި ސޮއިކޮށްފައިވާ މީހުންނަކީ އެ އިންތިޚާބީ ދާއިރާއަކަށް ކުރިމަތިލާ އެހެން ކެންޑިޑޭޓަކަށް ސޮއިކޮށްފައިވާ ބަޔަކުކަމުގައި ވެގެން ނުވާނެއެވެ.
  1. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީއިން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ސިއްކަ ޖަހާފައިވާ ޤަރާރު.
  2. އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ގޮތުގައި ހުށަހަޅާފައިވާ މީހާ އެކަން ޤަބޫލުކޮށްފައިވާކަމުގެ އިޤްރާރު.
  3. އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން/ލޯގޯ.
  4. އެމީހަކު ވޯޓުކަރުދާހުގައި ޙާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން/ލޯގޯ ("2 x "2 ސައިޒުގައި).
  • އަމިއްލަގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ވޯޓު ކަރުދާހުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ ޢަމަލުކުރާނީ ގަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ އާންމު ގަވާއިދު) ގެ ޖަދުވަލު 3 ގައިވާ "ކެންޑިޑޭޓުން ތާއީދު ހޯދަން ބޭނުންކުރާ ނިޝާން ފާސްކުރުމާއި، ވޯޓު ކަރުދާހުގައި ފޮޓޯ އާއި ނިޝާން ނުވަތަ ލޯގޯ އާއި އާންމު ނަން ޖެހުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އާ އެއްގޮތަށެވެ.
  1. ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ވެފައިވާ ކަން އަންގައިދޭ ކަމާބެހޭ ރަސްމީ ފަރާތުގެ ލިޔުން.
  2. އިންތިޚާބަށް ކުރިމަތިލާ މީހާއާއި އިންތިޚާބަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓްކަމަށް ހުށަހަޅާ މީހާގެ 2026 އެޕްރީލް 14 އިން ފެށިގެން ފަހުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މުޅި އުމުރަށް  ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ، ކުށުގެ ރެކޯޑު ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެއްވެސް ފައިސާއެއް ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއްކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ރިކޯޑު.
  • ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުށުގެ ރެކޯޑު ސާފުކުރާނީ އެ އިދާރާގެ ޕޯޓަލް records.judiciary.gov.mv މެދުވެރިކޮށެވެ.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ސާފުކުރަންޖެހޭ ރެކޯޑު ސާފުކުރާނީ https://www.mira.gov.mv/extended/TaxClearance  މި ލިންކް މެދުވެރިކޮށެވެ.
  1. އިންތިޚާބަށް ކުރިމަތިލާ މީހާއާއި އިންތިޚާބަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓްކަމަށް ހުށަހަޅާ މީހާގެ ސާބިތު ދަރަންޏެއް އޮތް ނަމަ ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައިވާކަމުގެ ނުވަތަ ދައްކަމުންދާކަން އެނގޭނެ ލިޔުން.
  2. ވޯޓުކަރުދާހުގައި ޖެހުމަށް، ކެންޑިޑޭޓުގެ ޕާސްޕޯޓް ސައިޒު ކުލަ ފޮޓޯއާއި، އިންތިޚާބުގައި ނިޝާނެއް/ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް/ލޯގޯ، ވޯޓު ކަރުދާހުގައި ނިޝާނެއް/ލޯގޯއެއް ބޭނުންކުރާނަމަ، އެ ނިޝާނެއް/ލޯގޯގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި)، އަދި އަމިއްލަގޮތުން ކުރިމަތިލާ މީހެއް ނަމަ، ތާއީދު އޮތްކަން ހާމަކުރާ 50 މީހުންގެ ފުރިހަމަނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު (އެކްސެލް ފޯމެޓްގައި، ތާނައިން)
  • އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތަކުން މި ތަކެތީ އީމެއިލްގައި އެޓޭޗްކޮށް (10mb އަށްވުރެ ބޮޑުނުވާ ގޮތަށް) ފޮނުވުމަށް. އަދި ކޮމިޝަނަށް ޙާޟިރުވެ ފޯމު ހުށަހަޅާނަމަ މިތަކެތި ހުށަޅާނީ ސީޑީ ނުވަތަ ޕެންޑްރައިވް އެއްގައި.

 

ކޮމިޝަނަށް ޙާޟިރުވެ ފޯމު ހުށަހަޅަނީ ކެންޑިޑޭޓު ނޫން އެހެން ފަރާތެއްނަމަ، އެފަރާތެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 ޖޫން 06 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތު ކޮޅަކަށް ފަހުއެވެ. ގަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ އާންމު ގަވާއިދު) ގެ 31-1 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވޯޓު ނެގުން އޮންނަ ދުވަހު، އިންސާނީ ބާރު ނުހިނގާ ފަދަ ޤުދުރަތީ ހާދިސާއެއް މެދުވެރިވުމުން ފިޔަވައި، ވޯޓު ނަގަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގަޑިއަށް ބަދަލެއް ނުގެނެވޭނެއެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 08 ވާ ހޯމަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް މި ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

ޝަކުވާ/މައްސަލަ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ އިތުރު ބުރުގެ ވޯޓުނެގުން - ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ ޢާންމުކުރުމާއި ރަޖިސްޓަރީ ކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރު - ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރުބުރުގައި ބަހައްޓާ ވޯޓުފޮށިތަކުގެ ތަފްޞީލް

ޢާންމު މަޢުލޫމާތު

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ އިތުރު ބުރުގެ ވޯޓުނެގުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރު - އޮބްޒާވަރުންނަށްވުމަށް ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރު - މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ އިތުރު ބުރުގެ ވޯޓުނެގުން.

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ ފަރާތްތައް ޢާންމުކުރުމާއި މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ އިތުރު ބުރުގެ ވޯޓުނެގުން