އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 ޢާންމު މަޢުލޫމާތު
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 - މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
ސުންގަޑި ނަންބަރު (IUL)38-AC/38/2025/189
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި 25 އޮކްޓޫބަރު 2025 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2025 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ 16:00 އިން ފެށިގެން، 2025 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހުގެ 16:00 ގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.
(ހ) ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު މޮނިޓަރ ކުރުމުގެހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
- ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
- (ހ) ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން. ނުވަތަ،
(ށ) ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން. ނުވަތަ،
- ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
- ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އިތުރު އެހެން މަޤާމަކަށް ކުރިމަތިލައިފައިވާ މީހެއްކަމުގައި ނުވުން.
- ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައިވުން.
(ށ) ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭނެގޮތް
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ، ނޫސް މަޖައްލާތަކަށާއި، ޚަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ އެންޓްރީ އޮފިސަރެއް މެދުވެރިކޮށް މި ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv އިންނެވެ. އެގޮތުން ފޯމު ހުށަހަޅާނެގޮތް ތިރީގައި އެވަނީއެވެ.
- އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "މޮނިޓަރުންގެ މަޢުލޫމާތު ހުށަހެޅުމަށްޓަކައި ޑޭޓާ އެންޓްރީ އޮފިސަރަށްވުމަށް އެދޭ ފޯމު" ފުރިހަމަކޮށް [email protected] އަށް އީ-މެއިލްކުރަންވާނެއެވެ. ( ފޯމާއެކު މީޑިއާ/ބްރޯޑްކާސްޓަރގެ ރަޖިސްޓަރީ/ލައިސަންސް ކޮޕީ އަދި އެންޓްރީ އޮފިސަރގެ ދ.ރ.އ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.)
- އެންޓްރީ އޮފިސަރަށް ކަނޑައަޅާ ފަރާތަށް މައި ޕޯޓަލްއިން މޮނިޓަރުންގެ ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން އެސް.އެމް.އެސް އެއް ޑޭޓާ އެންޓްރީ އޮފިސަރަށް ލިބޭނެއެވެ. އަދި ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް މޮނިޓަރުންގެ މަޢުލޫމާތު ހުށަހަޅާނީ ޑޭޓާ އެންޓްރީ އޮފިސަރެވެ.
- މޮނިޓަރުންގެ މަޢުލޫމާތު މައި ޕޯޓަލްއަށް ހުށަހެޅުމުން، ވޯޓުލާ މަރުކަޒުގައި މޮނިޓަރެއްގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކަނޑައެޅި ފަރާތަށް، އިޤުރާރުވުމަށް އެދި އެސް.އެމް.އެސް އެއް ފޮނުވޭނެއެވެ.
- މޮނިޓަރަކަށްވާ ފަރާތުން ސުލޫކީ މިންގަނޑު ކިޔައި އިޤުރާރުވާނީ މައި ޕޯޓަލްގެ ތެރެއިންނެވެ.
- މޮނިޓަރަކަށްވުމަށް ހުށަހަޅާ ފަރާތުގެ އެޕްލިކޭޝަން ކޮމިޝަނުން ޤަބޫލުކުރުމުން އެފަރާތުގެ ފާސް މައި ޕޯޓަލްއިން ޑައުންލޯޑް ކުރެވޭނެއެވެ.
(ނ) މޮނިޓަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން
- ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކަށާއި، ޚަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރ ކުރުމަށް، ފާސްދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 މޮނިޓަރަށެވެ.
- މޮނީޓަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް ހާއްސަ މައުލޫމާތު ސެޝަނެއް އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދާނެއެވެ.
މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ 16:00 އިން ފެށިގެން، 2025 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހުގެ 16:00 ގެ ނިޔަލަށް، މައި ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޮމިޝަނުގެ ނަންބަރު 3004432 ނުވަތަ 3004412 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.