ސިޔާސީ ޕާޓީތަކުން ހިންގާ ޙަރަކާތްތަކާގުޅޭ
ސިޔާސީ ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި، ޤާނޫނާ ޚިލާފަށް ސާބިތުނުހިފޭ ވާހަކަ ދައްކަމުންދާކަން މި ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް އެއްވެސް ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ މެންބަރަކާ ބެހޭގޮތުން ފާޑުކިޔުމަކީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެކެވެ.
ވީމާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީއިން ލިބިދޭ އަސާސީ ޙައްޤަކަށް ވީނަމަވެސް، ޒިންމާދާރުކަމާއެކު ޚިޔާލު ފާޅުކުރުމާއި ސިޔާސީ ޙަރަކާތްތައް ހިންގުމަކީ މި ކޮމިޝަނުގެ އެދުމެކެވެ. އަދި ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ޙަރަކާތްތައް ހިންގުމުގައި ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވުމަށާއި، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ނުކުރުމަށާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާ ޚިލާފު ނުވާނެ ގޮތެއްގެމަތިން ޢަމަލުތައް ބެހެއްޓުމަށް ނަސޭޙަތްތެރިވަމެވެ.