LCE & WDC 2026

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އޮފިޝަލުން ހޯދުމަށް އިޢުލާނުކޮށްފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް އޮފިޝަލުން ހޯދުމަށް ވަނީ ޢިއުލާނުކޮށްފައެވެ.

 

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ އޮފިޝަލުން ބޭނުންވެއެވެ. މި މަޤާމަށް 7000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް ވަނީ ހުޅުވާލާފައެވެ.

 

ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން https://my.elections.gov.mv ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެގޮތުން ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު، އީ-ފާސްގެ މަޢުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ (Permission) ދޭންވާނެއެވެ. އަދި ޕޯޓަލްއަށް ލިޔެކިއުންތައް ހުށަހެޅުމަށް ބޭނުންކުރެވޭނީ ހަމައެކަނި ޕީ.ޑީ.އެފް ފައިލްއެވެ. ހުށަހަޅާ ފަރާތްތަކަށް، ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ޗެކްކުރެވޭނެއެވެ.

 

އޮފިޝަލަކަށްވުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް ސަމާލުކަންދޭންވާނެއެވެ.

 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ޢުމުރުން 18 އަހަރުވެފައިވާ މީހެއްކަމުގައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައި ފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. 

 

އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2900 ރުފިޔާ ދޭއިރު، ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ އޮފިޝަލަކަށް 2600 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2300 ރުފިޔާ ދޭއިރު، ގުނާ އޮފިޝަލަކަށް ހަރަކާތްތެރިވާ ފަރާތަކަށް 1800 ރުފިޔާ ލިބޭނެއެވެ. އަދި ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މަސައްކަތްކުރާ ގަޑިތަކަށްބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

 

އޮފިޝަލުންގެ ގޮތުގައި ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.