ޚަބަރު
ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިޚާބުވެއްޖެ

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގެ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިއްޖެެއެވެ.
މިކޮމިޝަނުގެ ފަރާތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަޤާމަށް ކުރިމަތިލި 4 ބޭފުޅުންގެ ތެރެއިން 3 ބޭފުޅުންގެ ކެންޑިޑެސީ ވަނީ ބަލައިގަނެފައެވެ. ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާތީ އެއް ބޭފުޅެއްގެ ކެންޑިޑެސީ ވަނީ މި ކޮމިޝަނުން ބަލައިނުގަންނަން ނިންމާފައެވެ. ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން 1 ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ޝަރުޠުހަމަވެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް، 2 ކެންޑިޑޭޓުންނެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު، އެ މަޤާމަށް ކުރިމަތިލާފައިވަނީ 2 ބޭފުޅުންނެވެ. އެ ދެ ބޭފުޅުންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައިވާތީ، މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ޝަރުޠުހަމަވެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް، 2 ކެންޑިޑޭޓުންނެވެ. މި ފަރާތްތައް އިންތިޚާބުވެފައިވާކަން މިހާރު ވަނީ އިޢުލާންކޮށްފައެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބު ވެފައިވަނީ، މޫނިމާގެ / ށ. ފޭދޫ، ޢަބްދުލްޢަޒީޒް އިބްރާހީމް އާއި މަލަ / ގދ. ތިނަދޫ، ޒަމްޢަތު އަޙްމަދު ވަޙީދުއެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބުވެފައިވަނީ، ވެލީގެ / ގދ. ރަތަފަންދޫ، ސިމާޙާ ނަސީމް އާއި ހިސާން / ހދ. ވައިކަރަދޫ، ޙުސައިން ޘަޤީފްއެވެ.
މިއީ، ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، މި ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ތިއްބަވާ 7 މެންބަރުންގެ ތެރެއިން 4 މެންބަރުން އިންތިޚާބުކުރުމަށް މި ކޮމިޝަނުން އިޢުލާންކޮށްފައިވާ އިންތިޚާބެކެވެ.