ޚަބަރު
އޭ-ވެބްގެ 7 ވަނަ ޖެނެރަލް އެސެމްބްލީގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ.

ފޮޓޯ: އޭ-ވެބް
2026 އޮކްޓޫބަރު 12 އިން 16 އަށް ކުރިއަށްގެންދެވުނު އެސޯޝިއޭޝަން އޮފް ވޯލްޑް އިލެކްޓޯރަލް ބޮޑީސް (އޭ-ވެބް)ގެ 7 ވަނަ ޖެނެރަލް އެސެމްބްލީގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. ފިލިޕީންސްގެ ކޮމިޝަން އޮން އިލެކްޝަންސް އަދި އޭ-ވެބް ގެ އިދާރާއިން އިންތިޒާމުކޮށްގެން، ފިލިޕީންސްގެ ވެރިރަށް މެނިލާގައި ކުރިއަށްގެންދެވުނު މި ބައްދަލުވުމުގައި ބައިވެރިވުމަށް، ކޮމިޝަނުގެ ފަރާތުން ވަޑައިގަތީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް އަދި، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާއެވެ.
ދުނިޔޭގެ 110 ޤައުމެއްގެ 120 އިންތިޚާބީ އިދާރާތަކުގެ މައްޗަށް އެކުލެވޭ، އިންތިޚާބުތަކާ ބެހޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު ޖަމްޢިއްޔާ ކަމުގައިވާ އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) ގެ ޖެނެރަލް އެސެމްބްލީއަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ އެ ޖަމްޢިއްޔާގެ ނިންމުންތައް ނިންމާ އެންމެ މަތީ ގުނަވަނެވެ. މިއަހަރުގެ ޖެނެރަލް އެސްމެބްލީގެ ޕްރޮގްރާމްތައް ފެށުނީ، އޮކްޓޫބަރު 13 ގައި ބޭއްވި އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުންނެވެ. މިގޮތުން އޭ-ވެބްގެ އެގްޒެކެޓިވް ބޯޑުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންވެސް ހިމެނެއެވެ. އެއަށްފަހު 14 އޮކްޓޫބަރުގައި ބޭއްވުނު ޖެނެރަލް އެސެމްބްލީގެ ތެރެއިން، އޭ-ވެބްގެ ރިޔާސަތާއި ފިލިޕީންސްގެ ކޮމިޝަން އޮން އިލެކްޝަންސް (ކޮމެލެކް) އިން ރަސްމީކޮށް ޙަވާލުވެފައިވާއިރު، ޖަމްޢިއްޔާގެ އައު ނައިބު ރައީސަކާއި ސެކްރެޓަރީ ޖެނެރަލެއް ވަނީ އިންތިޚާބު ކުރެވިފައެވެ. މި އިންތިޚާބުތަކުގެ އިތުރުން، ވޯޓުލުމުގެ ނިޒާމުތައް ޒަމާނީކޮށް ތަރައްޤީކުރުމަށާއި، އިންޓަރނެޓް މެދުވެރިކޮށް ފަތުރާ ދޮގު މަޢުލޫމާތާއި ލޮޖިސްޓިކްސްއާ ގުޅުންހުރި ގޮންޖެހުންތަކުން އިންތިޚާބުތަކުގެ ނަޒާޙަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. އެގޮތުން، އޭ-ވެބްގެ ޗާޓަރަށް އިޞްލާޙު ގެނައުމަށާއި، ސްޓްރެޓީޖިކް ޕްލޭންތައް ފާސްކޮށް ސިޔާސަތުތައް އެކުލަވާލުމަށް މެންބަރު ޤައުމުތަކުގެ މެދުގައިވަނީ މި ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމަވާފައެވެ.
ޖެނެރަލް އެސެމްބްލީއަށްފަހު އޮކްޓޫބަރު 15 ވަނަ ދުވަހު، އޭ-ވެބް އާއި، އޭ.އޭ.އީ.އޭގެ ބައިވެރިން ހިމެނޭގޮތަށް ބޭއްވުނު ބައިނަލްއަޤްވާމީ ކޮންފަރެންސް ޚާއްޞަ ކުރެވިފައިވަނީ އިންތިޚާބުތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ. މި ކޮންފަރެންސްގައި، ދުނިޔޭގެ އެކި ޤައުމުތަކުގެ އިންތިޚާބީ އިދާރާތަކުން އޭ.އައި ބޭނުންކުރުމުގައި ކޮށްފައިވާ ތަޖުރިބާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ބަހުސްކުރެވުނެވެ. އަދި އެކި ޤައުމުތަކުގައި ވޯޓުލުމުގެ އިޖުރާޢަތްތައް ހަމަޖެހިފައިވާ ގޮތް އަޅާކިޔައި ވަޒަންކުރުމާއެކު، ޓެކްނޮލޮޖީގެ ބޭނުންތައް ހެޔޮގޮތުގައި ހިފުމާއި، ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމުގެ އިތުރުން، ދޮގު މަޢުލޫމާތު ފެތުރުން ހުއްޓުވުން ފަދަ ޒަމާނީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކުރެވުނެވެ.
މި ކޮންފަރެންސްގެ ޕެނަލިސްޓެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް ބައިވެރިވެވަޑައިގެންނެވިއެވެ. ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ނަޒަރިއްޔާތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، އެންމެ ފަހުން ރާއްޖޭގައި ބޭއްވުނު އިންތިޚާބުތަކުގައި އޭ.އައި ބޭނުންކޮށްގެން ކަންކަން އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން، އާޓިފިޝަލް އިންޓެލިޖެންސަކީ މުއައްސަސާތަކުގެ އިންސާނީ ބެލެހެއްޓުންތެރިކަމަށް އެހީތެރިވެދޭ ވަޞީލަތަކަށް ހަދަންޖެހޭކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށާއި، ކުދި ޖަޒީރާ ޤައުމުތަކުގައި އައު ޓެކްނޮލޮޖީތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށްޓަކައި، ސަރަޙައްދީ އެއްބާރުލުން އިތުރު ކުރުމަށްވެސް ކޮމިޝަނުގެ ރައީސް އިލްތިމާޞް ކުރެއްވިއެވެ. މި ބައްދަލުވުންތަކަށްފަހު ފިލިޕީންސްގެ ސަޤާފަތް ދައްކުވައިދޭ ސަޤާފީ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދެވުނެވެ.
ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ބައިވެރިވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އިންތިޚާބީ ދާއިރާގެ އެކި ފަރާތްތަކާއެކު ޢިލްމާއި ތަޖުރިބާ ޙިއްޞާކުރުމަށް މި ކޮމިޝަނަށް ލިބޭ މުހިއްމު ފުރުޞަތެކެވެ. މީގެ އިތުރުން، އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމަށާއި، ސިޔާސީ މާލީ ކަންކަން ހަރުދަނާ އުޞޫލަކުން ބެލެހެއްޓުމާއި މަޢުލޫމާތު އޮޅުވާލުމާ ދެކޮޅަށް އެހެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ޢަމަލީ ތަޖުރިބާތައް ދެނެގަތުމަށްވެސް މަގު ފަހިވެގެންދިޔައެވެ.
ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ބައިނަލްއަޤްވާމީ މުއައްސަސާތަކާއެކު އޮންނަ ގުޅުން ހަރުދަނާކޮށް، އެހެން ޤައުމުތަކުގެ ތަޖުރިބާއިން އުނގެނުމަށްޓަކައި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މި ކޮމިޝަނުން އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއެވެ. މިފަދަ ޙަރަކާތްތަކަކީ ކޮމިޝަނުގެ މުއައްސަސާއީ ޤާބިލުކަން އިތުރު ކުރުމަށާއި، ރާއްޖޭގެ އިންތިޚާބީ އެންމެހައި މަރުޙަލާތައް ހިންގުން އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ލިބިގެންދާ ވަރަށް މުޙިއްމު ބާރެކެވެ.