ބައި-އިލެކްޝަންސް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ބައި-އިލެކްޝަން ބާއްވަން ނިންމައިފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ބައި-އިލެކްޝަން  2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

 

 ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 116 ވަނަ މާއްދާގެ (ޅ) ގެ ދަށުން ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ، ގަވާއިދު ނަންބަރު 2024/R-19 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގެ 103 ވަނަ މާއްދާގެ ދަށުން، ހުސްވެފައިވާ، ހއ. ވަށަފަރު، ނ. ކުޑަފަރި، ވ. ތިނަދޫ، އަދި އައްޑުއަތޮޅު އައްޑޫ  ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ  ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައެވެ.

 

ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް 2026 އޮކްޓޫބަރު 11 ވީ އާދީއްތަ ދުވަހުން ފެށިގެން، 2026 އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ މިކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް މި މުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 14:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އާ ހަމައަށް މައި-ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

 

2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ ނުވަތަ މައްސަލަތައް ފޮނުވަން ބޭނުންވާ ފަރާތްތަކަށް "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް [email protected] ފޮނުވުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ފޯމު މި ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގައެވެ.