މެންބަރުން

ރަޝިއާގައި ކުރިއަށްގެންދިޔަ "އިންޓަރނޭޝަނަލް ސައިންޓިފިކް އެންޑް ޕްރެކްޓިކަލް ކޮންފަރެންސް - އިލެކްޝަންސް އިން އަ ޕީރިއަޑް އޮފް ޓަރބިއުލެންސް" ބައިނަލްއަޤްވަމީ ކޮންފަރެންސް އާއި ސްޓޭޓް ޑޫމާ (މަޖިލިސް) އިންތިޚާބު އޮބްޒަރވްކުރުމުގައި މި ކޮމިޝަނުން ބައިވެރިވެއްޖެ

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

 

2026 ސެޕްޓެންބަރު 18 އަދި 19 ގައި ރަޝިއާގައި ކުރިއަށްގެންދިޔަ "އިންޓަރނޭޝަނަލް ސައިންޓިފިކް އެންޑް ޕްރެކްޓިކަލް ކޮންފަރެންސް - އިލެކްޝަންސް އިން އަ ޕީރިއަޑް އޮފް ޓަރބިއުލެންސް" އާއި، އެ ޤައުމުގައި 2026 ސެޕްޓެންބަރު 20 ގައި ބޭއްވި ސްޓޭޓް ޑޫމާ (މަޖިލިސް) އިންތިޚާބު އޮބްޒަރވް ކުރުމަށް ކުރިއަށް ގެންދިޔަ ބައިނަލްއަޤްވާމީ ޕްރޮގްރާމުގައި މި ކޮމިޝަނުން ބައިވެރިވެއްޖެއެވެ. މި ދަތުރުގައި މި ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު، ކޮމިޝަން މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަން މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.

 

ސިޔާސީ ގޮތުން ހަލަބޮލި ދަނޑިވަޅުތަކުގައި އިންތިޚާބުތައް އިންތިޒާމުކޮށް ހިންގުމުގައި ދިމާވާ ޒަމާނީ ގޮންޖެހުންތަކާއި ޙާޞިލު ކުރެވިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި "އިންޓަރނޭޝަނަލް ސައިންޓިފިކް އެންޑް ޕްރެކްޓިކަލް ކޮންފަރެންސް - އިލެކްޝަންސް އިން އަ ޕީރިއަޑް އޮފް ޓަރބިއުލެންސް" ގައި އެކިޤައުމުތަކުގެ އިންތިޚާބީ އިދާރާތަކުގެ އިސް ވެރިންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންގެ އިތުރުން، އިންތިޚާބީ ދާއިރާގެ ފަންނީ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

PHOTO: Central Election Commission of the Russian Federation

 

މި ކޮންފަރެންސަކީ  ޤައުމެއްގެ އެތެރޭގެ ޙާލަތު ނާޒުކު ފައްތަރަކަށް ވެއްޓޭ ދަނޑިވަޅުތަކުގައިވެސް، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ކުރިއަށް ގެންދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ޢިލްމީ ތަޖުރިބާއާއި ބިނާކުރަނިވި ޚިޔާލު ބަދަލުކުރުމަށް، ރަޝިއާގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކުރި 2 ދުވަހުގެ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ތެރެއިން، ސިޔާސީ ހަމަނުޖެހުންތަކާއި ކާރިސާތަކުގެ ޙާލަތުގައި އިންތިޚާބީ ކަންކަން ރޭވުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ ގުޅޭ ޚާއްޞަ މަޝްވަރާތަކެއް ފަންނީ ލެވެލްއެއްގައިވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.

 

މި ކޮންފަރެންސްގެ ސަބަބުން، ކާރިސާތަކުގެ ޙާލަތުގައި އިންތިޚާބީ މަރުޙަލާތަކުގެ އިތުބާރާއި ނަޒާޙަތްތެރިކަން ދެމެހެއްޓުމަށްޓަކައި، އިންތިޚާބީ އިދާރާތަކުން ކަޑައްތުކުރަންޖެހޭ ގޮންޖެހުންތައް ވަޒަންކޮށް ދެނެގަތުމަށް ބައިވެރިންނަށް ކިޔައިދީ، މި ކަންކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އިންތިޚާބީ އިދާރާތަކާއި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި، ދާއިރާގެ ތަޖުރިބާއާއި މަޢުލޫމާތު ޙިއްޞާކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.

 

މި ބައްދަލުވުމަށްފަހު، 2026 ސެޕްޓެންބަރު 20 ގައި ބޭއްވުނު ރަޝިޔާގެ ސްޓޭޓް ޑޫމާ އިންތިޚާބުގެ ބައިނަލްއަޤްވާމީ އޮބްޒަވޭޝަން ޕްރޮގްރާމުގައި މި ކޮމިޝަނުގެ ފަރާތުންވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި، އިންތިޚާބު ހިންގާ މުއައްސަސާތަކާއި، މުއައްސަސާތަކުގެ މަންދޫބުންނާއެކު، އިންތިޚާބު ކުރިއަށްދާގޮތް ބަލައި، ރަޝިޔާގެ އިންތިޚާބީ އޮނިގަނޑާއި އިންތިޚާބު ހިންގުމުގެ އުޞޫލުތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އިންތިޚާބު އޮތް ދުވަހު، ވޯޓުލާ މަރުކަޒުތައް ހުޅުވުމާއި، ވޯޓުލުން ފެށުމުގެ ގޮތުން އިދާރީ ގޮތުން ކުރެވޭ ކަންކަމާއި، ވޯޓުލުމާއި، މަރުކަޒުތައް ބަންދުކޮށް ވޯޓު ގުނުމުގެ މަރުޙަލާތައް ކޮމިޝަނުގެ މެންބަރުން ވަރަށް ގާތުން ބައްލަވާފައިވެއެވެ. އަދި އިންތިޚާބުގެ ވަޤުތީ ނަތީޖާއާ ގުޅޭގޮތުން ބޭއްވި ބްރީފިންގ އާއި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މި ކޮމިޝަނުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި ކޮންފަރެންސާއި ބައިނަލްއަޤްވާމީ އޮބްޒަވޭޝަން ޕްރޮގްރާމުގައި މި ކޮމިޝަނުން ބައިވެރިވުމަކީ، އިންތިޚާބީ ނިޒާމުތައް ހިންގުމާއި، މި ދާއިރާއަށް ކުރިމަތިވާ ޒަމާނީ ގޮންޖެހުންތަކާއި، އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އަޅައިކިޔޭނެ ފަދަ އަގުހުރި ތަޖުރިބާތަކެއް ޙާޞިލުވެގެން ދިޔަކަމެކެވެ. މީގެއިތުރުން، މިއީ އެކި ޤައުމުތަކުގެ އިންތިޚާބީ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ފަންނީ ޢިލްމާއި، އިންތިޚާބީ އެންމެ ހަރުދަނާ އުޞޫލުތައް ޙިއްޞާ ކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.

 

ފަންނީ ޤާބިލުކަން އިތުރު ކުރުމަށާއި، ބައިނަލްއަޤްވާމީ މުއައްސަސާތަކާއެކު އޮންނަ ގުޅުން ހަރުދަނާކޮށް، އެހެން ޤައުމުތަކުގެ ތަޖުރިބާއިން އުނގެނުމަށްޓަކައި، އެހެން ޤައުމުތަކުން އިންތިޒާމުކުރާ ކޮންފަރެންސްތަކާއި، އިލެކްޝަން އޮބްޒާވްކުރާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގައި މި ކޮމިޝަނުން އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއެވެ. މިފަދަ ޙަރަކާތްތަކަކީ ކޮމިޝަނުގެ ޤާބިލުކަން އިތުރު ކުރުމަށާއި، ރާއްޖޭގެ އިންތިޚާބީ އެންމެހައި މަރުޙަލާތައް ހިންގުން އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ލިބިގެންދާ ވަރަށް މުހިއްމު ބާރެކެވެ.