ބައި-އިލެކްޝަންސް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6ގައި ބާއްވާގޮތަށް ނިންމައިފި

އިލެކްޝަންސް ކޮމިޝަން
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، 2026 ޖޫން 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.
މި ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-C/01 ޤަޟިއްޔާއިން، ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީ، ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށެވެ.
މި ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މާދަމާގެ 10:00 އިން ފެށިގެން، 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00 ނިޔަލަށް ފޯމު ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން މި މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި ކޮމިޝަންގެ [email protected] އީ-މެއިލް މެދުވެރިކޮށެވެ. އަދި އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ކޮމިޝަނަށް ޙާޟިރުވެ ފޯމު ހުށަހެޅޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ.
ކޮމިޝަނަށް ހާޒިރުވެގެން ފޯމު ހުށަހަޅާނީ މި ކޮމިޝަނުގެ މައި އިދާރާ (ޕޯޓް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ، ހިލާލީމަގު) އަށެވެ. އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ކޮމިޝަނަށް ހާޒިރުވެގެން ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 15:00 އަށެވެ. އަދި ހުކުރު ދުވަހު 14:00 އިން 16:00 އަށެވެ. އަދި ކޮމިޝަނަށް ޙާޟިރުވެ ފޯމު ހުށަހަޅަނީ ކެންޑިޑޭޓު ނޫން އެހެން ފަރާތެއްނަމަ، އެފަރާތެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ.
އިންތިޚާބަށް ކުރިމަތިލާ މީހާއާއި އިންތިޚާބަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓްކަމަށް ހުށަހަޅާ މީހާގެ 2026 އެޕްރީލް 14 އިން ފެށިގެން ފަހުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މުޅި އުމުރަށް ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ، ކުށުގެ ރެކޯޑު ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެއްވެސް ފައިސާއެއް ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއްކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ރިކޯޑު ހިމެނޭ ލިޔެކިއުންތައް ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުށުގެ ރެކޯޑު، އެ އިދާރާގެ ޕޯޓަލް records.judiciary.gov.mv މެދުވެރިކޮށް ސާފުކުރެވޭނެއެވެ. އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ސާފުކުރަންޖެހޭ ރެކޯޑު https://www.mira.gov.mv/extended/TaxClearance މި ލިންކް މެދުވެރިކޮށް ލިބޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 ޖޫން 06 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 08 ވާ ހޯމަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް މި ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.