ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނަގާ ޢާންމު ވޯޓު ނެގުމަށް އިޢުލާންކޮށްފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން


ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރު (
2/2026) ގައިވާ ގޮތުގެ މަތިން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ރައްޔިތުން ދެކޭގޮތް  ބެލުމަށް ވޯޓެއް ނެގުމަށް މިއަދު ވަނީ އިޢުލާންކޮށްފައެވެ.
 

މި ދެންނެވުނު ޤަރާރަކީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުގެ ކުރިން، އެ އިސްލާޙު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި، ރައްޔިތުން ދެކޭގޮތް ބަލައި، ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ނެރުއްވާފައިވާ ޤަރާރެކެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލަށް ރައްޔިތުން ރުހޭތޯ ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ 08:00 އިން 16:00 އަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާއެކުއެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. އަދި މި ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހުގައެވެ.

 

މި ވޯޓުނެގުމުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2026 ފެބުރުވަރީ 18 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2026 ފެބުރުވަރީ 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކޮށް، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މި ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލްform.elections.gov.mv ނުވަތަ 'މައި ޕޯޓަލް'   my.elections.gov.mv މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ޗެކްކުކުރުމަށް ބޭނުންވާ ފަރާތްތަކުން VR (Space) NID   ޖެއްސެވުމަށް ފަހު 1414 އެސް.އެމް.އެސް ފޮނުވުމުން ޗެކްކުރެވޭނެއެވެ.