ސިޔާސީ ޕާޓީ
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މެންބަރުން ރަޖިސްޓަރީކުރުމާއި ވަކިވުން އަވަސް ނިޒާމަކަށް ބަދަލުކޮށްފި

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން ވަކިވުމުގެ އެންމެހައި ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސް ކުރުމުގެ ގޮތުން ބަދަލުތަކެއް ގެނެސް، މިއަދުން ފެށިގެން ޢަމަލު ކުރުމަށް ވަނީ މިކޮމިޝަނުން ނިންމާފައެވެ. އެގޮތުން މިހާރު އަމަލުކުރަމުން ގެންދާ އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި :
· ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓަރީކުރުން
· ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުން
· ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުން ހިމެނެއެވެ.
ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓް ޕާޓީން ޕްރޮސެސްކުރުމަށް ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދިނުން އަދި މި މުއްދަތު ހަމަވާއިރު، ރިކުއެސްޓް ޕާޓީއިން ޕްރޮސެސްކޮށްފައި ނުވާނަމަ، އެފަރާތެއް ޕާޓީގައި ރަޖިސްޓަރީ ވާނެއެވެ.
ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް، ވަގުތުން ވަކިވާނޭހެން ވަނީ ބަދަލުގެނެވިފައެވެ. އެހެންނަމަވެސް މިކޮމިޝަނުގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީއިން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާނަމަ، މި ކޮމިޝަނުގައި ދަފުތަރުކުރެވިފައިވާ ސިޔާސީ ޕާޓީގެ އިސްމަޤާމުން ވަކިވުމަށް ހުށަހަޅަންވާނެއެވެ.
ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް ޕާޓީން ވަކިކުރުމަށް ރިކުއެސްޓުކުރުމުން ޕާޓީން ވަކިވާނެއެވެ.
މައި ޕޯޓަލް: Sign in - ECM My Portal