ޖަލްސާތައް

ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. 2026 ވަނަ އަހަރުގެ ފުރަތަމަ ކްއަރޓަރގެ އިދާރީ އޮޑިޓް ރިޕޯޓާ ގުޅޭ.

2026 ވަނަ އަހަރުގެ ފުރަތަމަ ކްއަރޓަރގެ އިދާރީ އޮޑިޓް ރިޕޯޓުގެ ގޮތުގައި އިންޓަރނަލް އޮޑިޓް ސެކްޝަނުގެ ނަންބަރު:(MEMO)GA/2026/05 (17 ޖޫން 2026) މެމޯއިން ކޮމިޝަނަށް ހުށަހަޅައިފައިވާ ރިޕޯޓު، އެގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

މި ނިންމެވުމާ ގުޅިގެން، 2026 ވަނަ އަހަރުގެ ފުރަތަމަ ކްއަރޓަރގެ އިދާރީ އޮޑިޓް ރިޕޯޓުގައި އިންޓަރނަލް އޮޑިޓަރ ރަނގަޅުކުރުމަށް ބަޔާންކޮށްފައިވާ ކަންކަން، އެގޮތުގެމަތީން ގުޅުންހުރި ޑިވިޜަން/ސެކްޝަންތަކާ މަޝްވަރާކޮށްގެން އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކުރުމަށާއި، އަދި ކޮމިޝަނުގެ ޕަބްލިކް ރިލޭޝަންސް އިތުރަށް ރަނގަޅުކުރުމަށްޓަކައި އެ އަހަރެއްގެ ތެރޭގައި ކޮށްފައިވާ މައިގަނޑު މަސައްކަތްތަކާއި ހާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް، އެކަންކަން ޢާންމުންނަށް ވީހާވެސް ބޮޑަކަށް ފެންނާނޭހެން ޢާންމުކުރުމަށްޓަކައި އެކަންކަމާ ގުޅުންހުރި ތަފާސްހިސާބާއި މަޢުލޫމާތު ކޮމިޝަނަށް ހުށަހެޅުމަށާއި، އަދި ސިޔާސީ ޕާޓީތަކާ ގުޅިގެން، ޚާއްޞަކޮށް ޕާޓީތަކަށް އަޅައިފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ކަންކަމުގައި ކޮމިޝަނުގެ އިތުރު މަޝްވަރާއަކަށް ޕޮލިސީ ކަރުދާހެއް، ސެކްރެޓަރީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ޑިވިޜަން/ސެކްޝަންތަކުން ތައްޔާރުކޮށް ހުށަހެޅުމަށް، ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައިއެވެ.

 

   2. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ މާލީ ބަޔާނާގުޅޭ.

ޤާނޫނު ނަންބަރު:2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓު ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެ ކަމުގައި ބަޔާންކޮށްފައިވާއިރު، ސިޔާސީ ޕާޓީތަކުން 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހޭ އެންމެފަހު ތާރީޚަކީ 2026 މޭ 20 ވަނަ ދުވަހު ކަމަށްވެފައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅައިފައިވަނީ 2026 ޖޫން 04 ވަނަ ދުވަހުކަމުގައިވާތީއާއި، އަދި މި އޮޑިޓް ރިޕޯޓު ޗެކްކުރިއިރު، އެޕާޓީގެ އޮޑިޓް ރިޕޯޓުގައި "ކޮލިފައިޑް އޮޕީނިއަން" އެއް ދީފައިވާ ސަބަބުތަކުގެ ތެރޭގައި، ބައެއް ޚަރަދުތަކާ ގުޅޭ ލިޔުންތައް ހުށަހަޅާފައިނުވުމުގެ ސަބަބުން އެކަންކަން ކަށަވަރުނުކުރެވޭކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށް ކޮމިޝަނުގެ އިންޓަރނަލް އޮޑިޓަރ ފާހަގަކޮށްފައިވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި، އެއްވެސް ޕާޓީއަކުން އެ ޤާނޫނާ އެއްގޮތަށް ހިސާބުގެ ލިޔެކިއުންތައް ބަލަހައްޓައިފައިނުވާނަމަ، ނުވަތަ އެ ޤާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅައިފައިނުވާނަމަ، 20,000 (ވިހި ހާސް) ރުފިޔާއާއި 50,000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާތީއާއި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި، އެއްވެސް ޕާޓީއަކުން އެ ޤާނޫނާ އެއްގޮތަށް ހިސާބުގެ ލިޔެކިއުންތައް ބަލަހައްޓައިފައިނުވާނަމަ، ނުވަތަ އެ ޤާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅައިފައިނުވާނަމަ، 20,000 (ވިހި ހާސް) ރުފިޔާއާއި 50,000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމުގައި ބަޔާންކޮށްފައިވެސްވާތީއާއި، މީގެއިތުރުން ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އެ ޕާޓީއެއްގެ ފައިސާގެ ކަންކަން ބެލެހެއްޓުމަށް އައްޔަނުކޮށްފައިވާ ފަރާތް 5,000 (ފަސްހާސް) ރުފިޔާއާއި 10,000 (ދިހަ ހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމުގައި އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިވާއިރު، ގަވާއިދު ނަންބަރު:2019/R-8 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ 31 ވަނަ މާއްދާގެ (ށ) ގައި ސިޔާސީ ޕާޓީގެ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އޮޑިޓް ރިޕޯޓު 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަނާޅާ ޕާޓީ އެއް، -/50,000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިޚްތިޔާރުވެސް ކޮމިޝަނަށް ލިބިގެންވާތީވެ، ބުނެވެދިޔަ ކަންކަމާ ޙަވާލާދީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށް ފިޔަވަޅު އެޅުމުގެ ޙާލަތު އޮތަތީވެ އެކަމުގެ ތަފްޞީލްތައް ދެން އަންނަ ކޮމިޝަނުގެ ޖަލްސާއަށް ހުށަހެޅުމަށާއި، އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ހުށަހަޅައިފައިވާ އޮޑިޓް ރިޕޯޓު، ހުށަހަޅައިފައިވާ ގޮތުގެމަތިން "ކޮލިފައިޑް އޮޕީނިއަން" ގެ ރިޕޯޓެއްގެ ގޮތުގައި އެންޑޯޛްކުރުމަށް، ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

 

   3. ސިޔާސީ ޕާޓީތަކުގެ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅޭ.

ސިޔާސީ ޕާޓީތަކުގެ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަކީ އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅަންޖެހޭ ރިޕޯޓެއްކަމާއި، މިގޮތުން، ސިޔާސީ ޕާޓީތަކުގެ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތަކާ ގުޅިގެން، ޤާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތަފްޞީލްތަކާއެކު، ކޮމިޝަނަށް ހުށަހެޅުމަށްޓަކައި، މިއަދުގެ ޖަލްސާއިން މި އެޖެންޑާ އައިޓަމް އުނިކުރުމަށް، ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

   4. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުވީ ޙައިޘިއްޔަތު ބަދަލުވުމާގުޅޭ.

ގދ.މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އަލްފާޟިލާ ޝައްފާ އަޙްމަދު (A124753) ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އަމިއްލަގޮތުން ވާދަކުރުމަށްފަހު، އިންތިޚާބުވެ، 2026 މޭ 17 ވަނަ ދުވަހު ދައުރު ފެށުމަށްފަހު، 2026 ޖޫން 8 ވަނަ ދުވަހު ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރެއްގެ ގޮތުގައި މި ކޮމިޝަނުގައި ދަފްތަރުވެފައިވީނަމަވެސް، ޤާނޫނު ނަންބަރު:2024/5 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ 4 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ގޮނޑި ހުސްވާނެ ޙާލަތްތައް ބަޔާންކޮށްފައިވީ ނަމަވެސް، ޤާނޫނު ނަންބަރު:2025/22 (ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ށ) ގައި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެންޓި-ޑިފެކްޝަން ޤާނޫނުގެ 4 ވަނަ މާއްދާ އުވުނީ ކަމަށާއި އަދި އެ ޤާނޫނުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޤާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވާ މީހުންނަށް ޙަވާލާދީފައިވާ ހުރިހާ ބައިތަކެއް ޤާނޫނު ނަންބަރު:2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އުވުނީ ކަމަށް ބަޔާންކޮށްފައިވާތީވެ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ދެންނެވުނު އިޞްލާހުން އެ ޤާނޫނުގެ 116 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުގައި ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ބައިތައް ގެނެސްފައިވާއިރު އޭގެ ތެރޭގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ބައި ހިމަނާފައިނުވާތީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ފަރާތްތައް އިންތިޚާބުވެފައިވާ ޙައިސިއްޔަތު ބަދަލުވި ކަމުގައި ވީނަމަވެސް ޤާނޫނީގޮތުން އެކަމަށް އަސަރެއް ކުރާނެކަމަށް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ނަންބަރު:(MEMO)EA/2026/57 (15 ޖޫން 2026) މެމޯއިން ކޮމިޝަނަށް އަންގައިފައިވަތީ، އެކަން އެގޮތުގެމަތީން ކޮމިޝަނާ ޙިއްޞާކުރެވިފައިވާކަމަށް، ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، މިކަމުގެ މަޢުލޫމާތު އެޓަރނީ ޖެނެރަލްގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށާއި ޙިއްޞާކޮށް، އިދާރީގޮތުން ހުރި ކަންކަން އެގޮތުގެމަތިން ތަރުތީބުކުރުމަށްވެސް، ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

   5. ބައުވެ ހަލާކުވެފައިވާ ހަރުމުދާ ނީލަން ކިއުމާއި ގުޅޭ.

މިކޮމިޝަނުގައި މިހާރު ހުރި ހަރުމުދަލުގެ ތެރެއިން ބައުވެ ހަލާކުވެފައިވާ ހަރުމުދާ އަދި ކޮމިޝަނުގެ މަސައްކަތްތަކުގައި ބޭނުން ނުހިފޭ މުދާގެ ގޮތުގައި، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ ނަންބަރު:(MEMO)AA/2026/03 (10 ޖޫން 2026) މެމޯއާ އެއްކަރުދާސްކޮށް ކޮމިޝަނަށް ހުށަހަޅައިފައިވާ 569 އައިޓަމް، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 11.22 މާއްދާ (ނީލާން ކިޔުމާއި ނައްތާލުން) އަދި ދައުލަތުގެ އެސެޓް މެނޭޖްމަންޓް ޕޮލިސީ ނަންބަރު:13-D1/CIR/2021/30 ސަރކިއުލަރ އާއި ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތިގެން ދައުލަތުން މުދާ ނީލަންކިއުމާއި ނައްތާލުމުގައި ޢަމަލުކުރާ އުޞޫލުގެ 2 ވަނަ މާއްދާގެ (ހ) އަދި 5 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، އެގޮތުގެމަތީން، ނީލަން ކިޔުމަށް، ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

  6. 2026 ގެ ފަހު ކުއަރޓަރގެ (އޮގަސްޓް – ޑިސެންބަރު) ޕްޑްކާސްޓް މެދުވެރިކޮށް ޢާންމުން ހޭލުންތެރި ކުރުވުމަށް ތައްޔާރުކުރާ ޕޮޑްކާސްޓް ޕްރޮގްރާމް ޕްލޭނާ ގުޅޭ.

ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2026-2030 ގެ ބައިތަކާއި، ސްޓްރެޓީޖިކް ކޮމިއުނިކޭޝަން ޕްލޭންގެ ނޮން އިލެކްޝަން ޕީރިއަޑްގައި ހިމެނޭ ކަންކަމާއެކު، 2026 ވަނަ އަހަރުގެ ފަހު ދެ ކުއަރޓަރގެ (އޮގަސްޓް – ޑިސެންބަރު) ޕޮޑްކާސްޓް މެދުވެރިކޮށް ޢާންމުން ހޭލުންތެރި ކުރުވުމަށް ތައްޔާރުކުރާ ޕޮޑްކާސްޓް ޕްރޮގްރާމް ޕްލޭން، ޕަބްލިކް ރިލޭޝަންސް ސެކްޝަނުން ކޮމިޝަނަށް ހުށަހަޅައިފައިވާ ގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

މީގެއިތުރުން، މި ދެންނެވުނު ޕޮޑްކާސްޓް ޕްރޮގްރާމް ކުރިއަށްދާއިރު 1414 މެދުވެރިކޮށް ލައިވް ސުވާލުކުރުމާއި، ލައިވް ސުވާލުކުރުމަށް ހުޅުވާލާއިރު އެކަން ކުރިއަށްދާނޭ ގޮތަކާއި އެކަމަށް ހިނގާނޭކަމަށް ލަފާކުރާ ޚަރަދުތަކުގެ ތަފްޞީލްތައް ފަހުގެ ޖަލްސާއަކުން ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

   7. ބިޑް ކޮމިޓީއަށް މެންބަރެއް އަދި މުޤައްރިރެއް ޢައްޔަންކުރުމާގުޅޭ.

ބިޑް ކޮމިޓީގެ މެންބަރު އަދި މުޤައްރިރުގެ މަޤާމު އަދާކުރަމުންދިޔަ، އެޑްމިނިސްޓްރޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވިޜަން ހިންގުމާ ޙަވާލުވެހުރި ޑިރެކްޓަރ، މުޙައްމަދު އަނީލްގެ ދައުރު ހަވެފައިވާތީ، ބިޑް ކޮމިޓީގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މެންބަރެއްގެ ގޮތުގައި އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން ހިންގުމާ ޙަވާލުވެހުރި އެސިސްޓެންޓް ޑިރެކްޓަރ ވިޝާހު ސައީދު ޢައްޔަންކޮށް، އަދި ހުސްވެފައިވާ މުޤައްރިރުގެ މަޤާމަށް، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން ހިންގުމާ ޙަވާލުވެހުރި ޑެޕިއުޓީ ޑިރެކްޓަރ ސީނާ ރަޝީދު ޢައްޔަންކުރުމަށް، ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

އިސްވެ ދެންނެވުނު ނިންމެވުމާއެކު، ބިޑް ކޮމިޓީގެ މެންބަރުން:

 

#

ނަން

މަޤާމު

ޙައިޞިއްޔަތު

1

ސީނާ ރަޝީދު

ޑެޕިއުޓީ ޑިރެކްޓަރ

މުޤައްރިރު

2

އާމިނަތު އަޒީފާ

ޑިރެކްޓަރ

ޢާންމު މެންބަރު

3

އަޙްމަދު މުޢާޒް

ޑެޕިއުޓީ ޑިރެކްޓަރ

ޢާންމު މެންބަރު

4

އޒ.ސިނާޔާ ޒަކަރިއްޔާ

ޑެޕިއުޓީ ޑިރެކްޓަރ

ޢާންމު މެންބަރު

5

މަރްޔަމް ޝާހިޔާ

ކޮމިއުނިކޭޝަން އެގްޒެކެޓިވް

ޢާންމު މެންބަރު

6

މަރްޔަމް ސުޙައިލާ

އެސިސްޓެންޓް ޑިރެކްޓަރ

ޢާންމު މެންބަރު

7

ވިޝާހު ސައީދު

އެސިސްޓެންޓް ޑިރެކްޓަރ

ޢާންމު މެންބަރު

 

   8. މޭ 2026 ގެ ޚަރަދު ރިޕޯޓާގުޅޭ.

ފައިނޭންސް ސެކްޝަނުގެ ނަންބަރު:(MEMO)BC/2026/24 (10 ޖޫން 2026) މެމޯއިން ކޮމިޝަނަށް ހުށަހަޅައިފައިވާ 2026 ވަނަ އަހަރުގެ މޭމަހުގެ ޚަރަދު ރިޕޯޓު، ހުށަހަޅައިފައިވާ ގޮތުގެމަތިން ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާކުރައްވައިފައެވެ.

 

   9. IIIDEM އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ފައުންޑޭޝަން ކޯސް އޮން AI އެންޑް އިލެކްޝަންސް" ކޯހާ ގުޅޭ.

އިންޑިޔާގެ އިލެކްޝަންސް ކޮމިޝަނާއި، އިންޑިއާ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރެސީ އެންޑް އިލެކްޝަން މެނޭޖްމެންޓް (IIIDEM) އާ ގުޅިގެން، 2026 ޖުލައި 6 އިން 10 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ފައުންޑޭޝަން ކޯސް އޮން AI އެންޑް އިލެކްޝަންސް" ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ތިރީގައި ބަޔާންކޮށްފައިވާ 4 މުވައްޒަފުންގެ ނަން ކޮމިޝަނުން އެންޑޯޛްކޮށް، މި 4 މުވައްޒަފުންގެ ނަން މިކޮމިޝަނުގެ ފަރާތުން ކޯހުގައި ބައިވެރިވުމަށް ހުށަހެޅުމަށް، ކޮމިޝަނުގެ 926 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައިއެވެ.

1. ޑިރެކްޓަރ މުޙައްމަދު، އަނީލް – އެޑްމިނިސްޓްރޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވިޜަން

2. އެސިސްޓެންޓް ޑިރެކްޓަރ، ވިޝާޙު ސަޢީދު – އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

3. ސީނިއަރ އޮފިސަރ، ހަސަން ރަފްޙާން -  ޕްރޮކިއުމަންޓް ސެކްޝަން

4. އޮފިސަރ، މުޙައްމަދު އާއިޝް ހުސައިން – ޕަބްލިކް ރިލޭޝަންސް ސެކްޝަން

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
926

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް
  • އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު
  • ޝަހުލާ ރުޝްދީ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 508 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 507 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 506 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 505 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 504 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 922 ވަނަ ޢާންމު ޖަލްސާ