Election Commission of Maldives


އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން

 
  ކޮމިޝަނުގެ ރައީސް ކޮމިޝަނުގެ ނާއިބު ރައީސް ކޮމިޝަނުގެ މެންބަރު ކޮމިޝަނުގެ މެންބަރު ކޮމިޝަނުގެ މެންބަރު
 
ފުއާދު ތައުފީޤް
އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ޢަލީ ނަޝާޠު ޑޮކްޓަރ މުޙައްމަދު ޒާހިރު   މުޙައްމަދު ޢާޞިފް

 

2008 އޯގަސްޓް 7 ވަނަ ދުވަހު ޢަމަލު ކުރަން ފެށުނު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ބާރުތައް

(ހ.) އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެ ކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެ ކަންތައްތަކަށް މަގުފަހި ކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންޞާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުން.

(ށ.) އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި، އެ ރަޖިސްޓަރީއަށް ގެންނާންޖެހޭ އުނިއިތުރު ގެނައުމާއި، ބެލެހެއްޓުމާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު ނެގުމާ ބެހޭގޮތުން ހަމަޖައްސާންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.

(ނ.) ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތައް ނެގުމާއި އެ ވޯޓުތަކުގެ ނަތީޖާ އިޢުލާންކުރުން.

(ރ.) އިންތިޚާބީ ދާއިރާތަކުގައި ތިބި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް އެކުލަވާލައި، ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އެ ރަޖިސްޓަރީތަކަށް ގެންނާންޖެހޭ އުނިއިތުރުގެނެސް، ޤާނޫނުގައިވާ ގޮތުގެމަތީން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަމުން ގެންދިއުން.

(ބ.) ޤާނޫނުގައި ކަނޑައަޅާ އުޞޫލުތަކެއްގެ މަތީން ކޮންމެ އިންތިޚާބެއްގެ ކުރީން އިންތިޚާބީ ދާއިރާތަކުގެ ނަންތަކާއި، އިންތައް ކަނޑައަޅައި، ވަކިކޮށް، އެ ކަންކަމަށް ބަދަލުގެނެސް، މުރާޖަޢާކުރަމުން ގެންދިއުން. އަދި މި ކަންކަމަށް ގެނެވޭ ބަދަލުތައް ގެޒެޓުގައި ޝާއިޢުކުރަމުން ގެންދިއުން.

(ޅ.) ސިޔާސީ ޕާޓީތައް ރަޖިސްޓަރީކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރާންޖެހޭކަމަށް ޤާނޫނުން ކަނޑައަޅައިފައިވާ ކަންކަން ކުރުން.

(ކ.) އިންތިޚާބުގެ ކަންތައްތައް ހިނގާނޭ ގޮތާއި، އިންތިޚާބުގެ މަޤްޞަދާ ގުޅޭގޮތުން މަޢުލޫމާތުދީ، ރައްޔިތުން ހޭލުންތެރިކުރުވުން.

(އ.) މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް އިލެކްޝަންސް ކޮމިޝަނުން ކުރުމަށް ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅާ ކޮންމެ ކަމެއް ކުރުން.

ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ، ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

(ހ.) އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންޞާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުން؛

(ށ.) އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި، އެރަޖިސްޓަރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމާއި ބެލެހެއްޓުމާއި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާބެހޭ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން؛

(ނ.) ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތައް ނެގުމާއި އެވޯޓުތަކުގެ ނަތީޖާ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިޢުލާނުކުރުން؛

(ރ.) އިންތިޚާބީ ދާއިރާތަކުގައި ތިބި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް އެކުލަވައިލައި، ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އެރަޖިސްޓަރީތަކަށް ގެންނަންޖެހޭ އުނިއިތުރުގެނެސް ޤާނޫނުގައިވާ ގޮތުގެމަތިން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަމުން ގެންދިޔުން؛

(ބ.) ޤާނޫނުގައި ކަނޑައަޅާ އުޞޫލުތަކެއް ގެ މަތިން ކޮންމެ އިންތިޚާބަކާ ގުޅިގެން، އިންތިޚާބީ ދާއިރާތަކުގެ ނަންތަކާއި، އިންތައް ކަނޑައަޅައި، ވަކިކޮށް، އެކަންކަމަށް ބަދަލުގެނެސް، މުރާޖަޢާކުރަމުން ގެންދިއުމާއި، މިކަންކަމަށް ގެނެވޭ ބަދަލުތައް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަމުން ގެންދިޔުން؛

(ޅ.) ސިޔާސީ ޕާޓީތައް ރަޖިސްޓަރީކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ކޮމިޝަނުން ކުރަންޖެހޭ ކަމަށް ޤާނޫނުން ކަނޑައަޅައިފައިވާ ކަންކަން ކުރުން؛

(ކ.) އިންތިޚާބުގެ ކަންތައްތައް ހިނގާނޭގޮތާއި، އިންތިޚާބުގެ މަޤްޞަދާ ގުޅޭގޮތުން މަޢުލޫމާތުދީ، ރައްޔިތުން ހޭލުންތެރިކުރުވުން؛

(އ.) ޤާނޫނުއަސާސީއިންނާއި ޤާނޫނުން ކޮމިޝަނުން ހިންގައި ބަލަހައްޓަންޖެހޭނެކަމަށް ކަނޑައަޅާފައިވާ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކާބެހޭ އުޞޫލުތައް ކަނޑައެޅުން؛

(ވ.) ކޮމިޝަނުގެ މުވައްޒަފުންނާއި، ކޮމިޝަނުން މަސައްކަތް ޙަވާލު ކުރާ ފަރާތްތައް ތަމްރީނުކުރުން؛

(މ.) އިންތިޚާބުގައި ބޭނުންކުރާ ތަކެއްޗާއި ވަޞީލަތްތައް ފޯރުކޮށްދިނުމާއި، އެކަމާގުޅޭ ކަންކަން ރާވައި ހިންގުން؛

(ފ.) އިންތިޚާބުތައް ހިނގާ ނުހިގާ ގޮތް ބެލުމަށް ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ އަދި ދިވެހިރާއްޖޭގެ އޮބްޒާވަރުން އެކްރެޑިޓްކުރުން؛

(ދ.) އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނެ ތަންތަން ކަނޑައެޅުން؛ އަދި މިގޮތުން ކޮމިޝަނުން ކަނޑައަޅާ ތަންތަނުގައި ވޯޓުފޮށި ބަހައްޓައި ވޯޓުލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ކޮމިޝަނުން އެދޭ އެހީތެރިކަމާއި އެއްބާރުލުން، އެތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނަކާ ޙަވާލުވެފައިވާ ފަރާތުން ނުދޭނަމަ، އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް އެފަރާތަކަށް ދިނުމަށްފަހު، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛

(ތ.) އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ދިވެހިރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައި ޤާއިމްކުރުން؛

(ލ.) ކޮމިޝަނުން ހިންގައި ބަލަހައްޓާ ކޮންމެ އިންތިޚާބެއް ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަންކަން ނިމުމުން ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، އެއިންތިޚާބެއްގެ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ރިޕޯޓު ޢާންމުކޮށް ޝާއިޢުކުރުން؛

(ގ.) ޤާނޫނުއަސާސީއާއި އިންތިޚާބާބެހޭ ޤާނޫނުތަކުގައި ކޮމިޝަނުން ކުރަންޖެހޭކަމަށް ބަޔާންކުރާ އެންމެހައި މަސައްކަތްތައް ކުރުން.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މަސްޢޫލިއްޔަތުތައް

ކޮމިޝަނުގެ ރައީސް މަސްއޫލިއްޔަތުތައް

(ހ.) ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުޞޫލުން، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދުދިނުން؛

(ށ.) ކޮމިޝަނުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުން ބާއްވާނެ ތާރީޚާއި ވަގުތު ކަނޑައެޅުން ފަދަ ކޮމިޝަން ހިންގުމާ ގުޅޭ ނިންމުންތައް ނިންމުން؛

(ނ.) ކޮމިޝަނާއި ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒަޢާމަތު ޤާއިމުކުރުން؛

(ރ.) ކޮމިޝަނުގެ މަޝްވަރާގެ މަތިން ކޮމިޝަނުގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުޞޫލު ކަނޑައަޅައި، އެ އުޞޫލާ އެއްގޮތަށް އިދާރީކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ބ.) ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛ އަދި

(ޅ.) ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން.

ކޮމިޝަނުގެ ނާއިބުރައީސްގެ މަސްއޫލިއްޔަތުތައް:

ކޮމިޝަނުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ އުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިޝަނުގެ ނާއިބުރައީސެވެ. މީގެ އިތުރުން، ކޮމިޝަނުގެ ރައީސް ކޮމިޝަނުގެ ނާއިބުރައީސާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.

މެންބަރުންގެ މަސްއޫލިއްޔަތުތައް

(ހ.) ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މިނިވަންކަމާއި، ޢަދުލުވެރިކަމާއެކު، އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި އަދާކުރުން؛

(ށ.) ކޮމިޝަނުގެ ބައްދަލުވުންތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ، އެ ބައްދަލުވުންތަކުގައި ޢަމަލީގޮތުން ގުޅިގެން ބައިވެރިވުން؛

(ނ.) ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ މެންބަރަކާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމާއި، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކޮމިޝަނުގެ ރައީސަށް ލަފާދިނުމާއި އެހީތެރިވެދިނުން؛

(ރ.) ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ މިނިވަންކަމާއި، ނަޒާހަތްތެރިކަމުގެ ހަމަތައް ހިފެހެއްޓުން؛

(ބ.) ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައި ހުރިހާ ވަގުތެއްގައިވެސް ތެދުނިޔަތުގައި މަސައްކަތްކުރުމާއި، ކޮމިޝަނުގެ މަޤްޞަދުތައް ހާސިލުކުރުމަށާއި މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އިސްކަންދިނުން.