Election Commission of Maldives

ނޫސް ބަޔާން

30 އޮކްޓޯބަރ 2018, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

"ރިޔާސީ އިންތިޚާބު 2018" ގެ މަސައްކަތާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގައި ވަގުތީގޮތުން މަސައްކަތް ކުރި ބަޔެއް މުވައްޒަފުންގެ ފޯނަށް އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ގުޅައި، އޭގެ ބަޔެއް މުވައްޒަފުން އިލެކްޝަންސް ކޮމިޝަނުގެ ޢިމާރާތާ ހަމަޔަށް ގެނެސް، އެ މުވައްޒަފުންނަށް އޮޅުވާލައިގެން، އެހެން ތަންތަނަށް ގެންގޮސް، އެފަދަ މުވައްޒަފުންނާ އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ސުވާލުކޮށް، ބިރުދައްކައި ހަދަމުން ގެންދާ ކަމުގެ މަޢުލޫމާތު މި ކޮމިޝަނަށް ލިބިއްޖެއެވެ. އަދި ކޮމިޝަނުގެ ބަޔެއް މުވައްޒަފުންނާއި، މެންބަރުންނަށާއި، ޢާއިލާތަކަށްވެސް ބިރުދައްކަމުން ގެންދާކަން ފާހަގަ ކުރަމެވެ.

މި ކަމަކީ، ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީއަކަށް ތާއީދުކުރާ ސިޔާސީ ވަކިބަޔަކު އިސްވެ ތިބެގެން ކުރާ ކަމަކަށްވީނަމަވެސް، މިފަދަ ޢަމަލުތަކަކީ، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ ޚިލާފު، އަދި ޑިމޮކްރެސީ އާ ވަރަށް ބީރަށްޓެހި، ވަރަށް ނާތަހުޒީބު ޢަމަލަކަށްވާތީ، މި ފަދަ ޢަމަލުތައް އިލެކްޝަންސް ކޮމިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.

އަދި ހަމައެހެންމެ، "ރިޔާސީ އިންތިޚާބު 2018" ގެ މަސައްކަތާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގައި ވަގުތީގޮތުން މަސައްކަތް ކުރި މުވައްޒަފުންނާއި، އަދި މިހާރު ކޮމިޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތެއް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަން ބޭނުންނަމަ، އެކަން އެފަދަ މުވައްޒަފުންނަށް އަންގާނީ، ރަސްމީ ގޮތުން، ކޮމިޝަނުގެ ލިޔުމަކުން ނުވަތަ ކޮމިޝަނުގެ ފޯނު ލައިނަކުން ކަމުގައިވެސް އެ ފަދަ މުވައްޒަފުންގެ މަޢުލޫމާތަށްޓަކައި އަންގަމެވެ.

ވީމާ، މިފަދަ ނާތަހުޒީބު ޢަމަލުތައް ނުކުރުމަށާއި، ޤާނޫނުއަސާސީ ގެ 24 ވަނަ މާއްދާއިން، މި ކޮމިޝަނުގެ މުވައްޒަފުންނަށާއި، މެންބަރުންނަށް ލިބިދީފައިވާ ޒާތީ ދިރިއުޅުމުގެ ޙައްޤަށް އަރައި ނުގަތުމަށް އިސްވެ ދެންނެވުނު ފަރާތްތަކަށް އަންގައި، އިލްތިމާސް ކުރަމެވެ.    

 30 އޮކްޓޯބަރ 2018

21 ޞަފަރު 1440